ހަބަރު

ބްރޯޑްކޮމުން ޒައިނާ ވަކި ކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން ޒައިނާ ވަކި ކުރުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޒައިނާ ވަކި ކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ޒައިނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅީ ބްރޯޑްކޮމްގެ މެންބަރުން ގާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލައި އޭނާ ވަކި ކުރަން އެ ކޮމިޓީން ފާސްކޮށްފަ އެވެ.

މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ބްރޯޑްކޮމްގެ މެންބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރުން ވަނީ ކުރިން އޮތް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން އިންސާފުން ބޭރުން ވަކި ޓީވީ ސްޓޭޝަންތަކަކަށް އަމާޒުކޮށްގެން ކޮމިޝަނުން ނިންމުންތައް ނިންމާފައިވާ ކަމަށެވެ.

އެ ކަމާ ގުޅިގެން ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ މައްސަލަތައް ބެލުމަށްފަހު، ކޮމިޓީން ވަނީ ޒައިނާގެ އިތުރުން ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު ވަކި ކުރުމަށް ފާސްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ޝަހީބު ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ އިތުރުން ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށުމުންނެވެ.

ބްރޯޑްކޮމްގައި ބާކީ ތިއްބެވީ ތިން މެންބަރުންނެވެ. އެއީ މެންބަރު ޒީނާ ޒަހީރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު، އަދި މެންބަރު އަމްޖަދު ވަހީދެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މެންބަރުންގެ މައްސަލަތައް ވެސް ވަކިވަކިން ބަލައިފަ އެވެ. ނަމަވެސް އެ މެންބަރުން ވަކިކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 36 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އެ ކަމާ މެދު ކޮމިޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ކޮމިޓީ މަރުހަލާގައި އޮތްއިރު، ބްރޯޑްކޮމްއާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަޝްވަރާތަކެއް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފަށައިފަ އެވެ. މީޑިއާ ކައުންސިލްގެ ބޭފުޅުން ވަނީ މީޑިއާތަކަށް އެއް މުއައްސަސާއެއް ބާއްވަން ކޮމިޓީއަށް ހުށަހަޅައިފަ އެވެ.