ހަބަރު

ޝަރުތު މަތިކޮށް ހެލްތަށް މީޑިއާ ޑިރެކްޓަރެއް ހޯދަން އަލުން އިއުލާނުކޮށްފި

Oct 14, 2019

އޯލެވެލް ފެންވަރުގައި ހެލްތު މިނިސްޓްރީއަށް ކޮމިނިޔުކޭޝަންސް ޑިރެކްޓަރެއް ހޯދަން ކުރި އިއުލާނާއެކު ފާޑުކިޔުންތައް އަމާޒުވެ، އެ އިއުލާނު އަނބުރާ ގެންދިޔުމަށްފަހު، އަލުން އެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެންމެ ފުރަތަމަ އެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މީގެ ހަތަރު މަހެއްހާ ދުވަހުގެ ކުރިންނެވެ. އޭރު ކުރި އިއުލާނާއެކު އޯލެވެލް ފެންވަރުހުރި، މީޑީއާ ދާއިރާއިން އެއް އަހަރުގެ ތަޖުރިބާ ހުރި މީހަކަށް 20،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވަނީ ވަކި މީހަކަށް ވަޒީފާދޭން ކަމަށް ބުނެ، އާންމު ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވި އެވެ.

އެ ފާޑުކިޔުންތައް އަމާޒުވުމާއެކު، އެ އިއުލާނު ޝާއިއު ކުރެވުނީ އޮޅިގެން ކަމަށް ބުނެ، މިނިސްޓްރީން ވަނީ އެ އިއުލާނު ބާތިލު ކޮށްފަ އެވެ.

އެ މަގާމަށް މީހަކު ހޯދަން މިއަދު އަލުން ކުރި އިއުލާނުގައި ޝަރުތުތައް ވަނީ މަތިކޮށްފަ އެވެ. އެގޮތުން، މީޑިއާ ދާއިރާއިން މަދުވެގެން ޑިގްރީ ހާސިލް ކޮށްފައިވުމާއެކު، ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މާސްޓާސް ޑިގްރީއަކާއެކު ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން އެ މަގާމަށް ކުރިމަތުލުމުގެ ފުރުސަތު މިމަހު 22 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.