ބޮލީވުޑް

މަދޫބާލާއާ ވައްތަރު މީހަކު ފެނިއްޖެ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާ އާ ވައްތަރު މީހަކު "ހާލް ކޭސާ ހެ ޖަނާބު ކާ" މި ލަވަ ކިޔަނިކޮށް ފެންނަ ވީޑިއޯ އަކީ ސޯޝަލް މީޑިއާގައި މިހާރު އެންމެ ހިނގާ އެއް ވީޑިއޯ އެވެ. ޕްރިޔަންކާ ކޮންޑްވާލް ނަމަކަށް ކިޔާ މި އަންހެންމީހާ ހަގީގަތުގައި ވެސް މަދޫބާލާ އާ ވަރަށް ވައްތަރެވެ. އެ ވީޑިއޯ ފެނިފައި ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ އެހެންވެ އެވެ.

ސުނަންދާ ކިޔާ މީހަކު ޝެއާ ކުރި މި ވީޑިއޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ "ޓިކްޓޮކް އަކީ ހަގީގަތުގައި ވެސް އަބަދުވެސް ލިބިލިބި ހުންނަ ހަދިޔާއެއް" ކަމަށެވެ.

މަދޫބާލާގެ އަސްލު ނަމަކީ މުމްތާޒް ޖަހާން ބޭގަމް އެވެ. އުމުރުން ނުވަ އަހަރުގައި 1942 ވަނަ އަހަރު ރިލީޒްކުރި "ބަސަންތު" ގައި މަދޫބާލާ ވަނީ ކުޑަކުއްޖެއްގެ ރޯލު އަދާކޮށްފަ އެވެ. ޒުވާނެއްގެ ރޯލުން އޭނާ ފުރަތަމަ ފެނިފައިވަނީ 1947 ގައި ނުކުތް "ނީލް ކަމަލް" އިންނެވެ.

ތަންކޮޅެއް ކުރިން އަލީނާ ރާއި ކިޔާ ކެޓުރީނާ ކައިފް އާ ވައްތަރު އަންހެނެއްގެ ޓިކްޓޮކް ވީޑިއޯ އެއް ވެސް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. އަދި އޭގެ ކުރިން އައިޝްވަރިޔާ ރާއީ އާ ވައްތަރު އީރާނު މީހެއްގެ ވީޑިއޯ އެއް ވަރަށް މަޝްހޫރު ވިއެވެ.

ޓިކްޓޮކް އަކީ 15 ނުވަތަ 60 ސިކުންތުގެ ވީޑިއޯ ޝެއާ ކުރެވޭ އެޕެކެވެ. އެމީހެއްގެ ކިބައިގައި ހުރި ހުނަރެއް ދައްކާލަން އެންމެ ރަނގަޅު ޕްލެޓްފޯމަކީ ޓިކްޓޮކް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.