ލައިފްސްޓައިލް

ހަބަރު ކިޔަން އިންދާ ދަރިފުޅު ޓީވީއަށް

ބްރޭކިން ނިއުސް އެއް ކިޔަން ރިޕޯޓަރަކު އިންނަ ވަގުތަކީ ވަރަށް ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތެކެވެ. ނަމަވެސް އެންބީސީ ނިއުސްގެ ކޯޓްނީ ކޫބޭއަށް ދިމާވީ މާ މަޖާ ކަމެކެވެ. އޭނާ ލައިވް ޝޯއެއްގައި ޚަބަރެއް ކިޔަނިކޮށް އޭނާގެ ދަރިފުޅު ކުއްލިއަކަށް ގޮސް ކުރިމައްޗަށް އަރާ އޭނާޔަށް އުނދަގޫ ކުރަން ފެށީ އެވެ.

މި މަންޒަރު ޓީވީން ފެނުނީ މަދު ސިކުންތު ކޮޅަކަށް ނަމަވެސް އެ ވަގުތު މި މަންޒަރު ބަލަން ތިބި އެންމެންނަށް މީ ވަރަށް މަޖާ ކަމަކަށް ވިއެވެ. ފަހުން އެންބީސީ ޗެނަލުން ވަނީ މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެއާއެކު ވީޑިއޯ ވައިރަލްވެ ގިނަ ބައެއްގެ މަގްބޫލުކަން ލިބުނެވެ.

ދަރިފުޅު ކުއްލިއަކަށް ގޮސް އުނދަގޫ ކުރަން ފެށިއިރު ކޯޓްނީ ކިޔަމުން ދިޔައީ ތުރުކީން ސީރިޔާއަށް ވައިގެ ހަމަލާތަކެއް ދެމުންދާ ކަމުގެ ޚަބަރެކެވެ.

ދަރިފުޅު ގޮސް އުނދަގޫކުރަން ފެށުމުން ކޯޓުނީ ބުނީ ބައެއް ފަހަރަށް ބްރޭކިން ނިއުސް ކިޔަން އިންދާ ވެސް ހީނުކުރާ ކަހަލަ ބްރޭކިން ނިއުސް އާ ދިމާވާ ކަމަށެވެ.

ދަރިފުޅު ކައިރީގައި ހުރިކަން އެނގުނު ނަމަވެސް ކޯޓްނީ ކިޔަމުންދިޔަ ޚަބަރު މެދުކަނޑާނުލާ ކުރިޔަށް ގެންދިޔަ އެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ މައާފަށް އެދިފައި ދަރިފުޅު އަތުވެއްޖެ ކަމަށް ބުނެފަ އެވެ. އެހިސާބުން ޗެނަލުން ވަނީ ޚަބަރު މެދުކަނޑާލައި ގްރެފިކްސް އަރުވާފަ އެވެ. ކުޑައިރުކޮޅެއްގެ މެދުކެނޑުމަކަށްފަހު ކޯޓްނީ އަލުން ޚަބަރު ކިޔަން ފެށިއިރު އޭނާގެ ދަރިފުޅެއް ފެންނާކަށް ނެތެވެ.

ކޯޓްނީ އަށް ދިމާވި ގޮތުން ހިތްހަމަނުޖެހުމުގެ ބަދަލުގައި މި ވީޑިއޯ ބެލި މީހުން ފާޅުކުރީ ހިތްހަމަޖެހުމެވެ. މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވާއިރު 9،000 އަށް ވުރެ ގިނަ ފަހަރު ޝެއާ ކޮށް 43،000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. އަދި މި ވީޑިއޯގެ ކޮމެންޓް ސެކްޝަން ފުރިފައިވަނީ ނިއުސް ޗެނަލް އަށާއި ކޯޓްނީ އަށް ތައުރީފުކޮށް ކޮށްފައިވާ ކޮމެންޓް ތަކުންނެވެ.

"މަސައްކަތް ކުރާ ވަގުތުގައި ވެސް ދަރިފުޅު ގެނެސްގެން ގެންގުޅުމުގެ ހުއްދަ ދީފައިވުން އެއީ ވަރަށް ބަރާބަރަށް ނިއުސް ޗެނަލުން ކޮށްފައިވާ ކަމެއްކަމަށް ދެކެން،" އެއް ކޮމެންޓްގައި ލިޔެފައި ވެއެވެ.

"މިއީ ހަމަ ސީރިއަސްކޮށް ވަރަށް ބަރާބަރު ކަމެއް،" އެހެން މީހެއް ބުނެފައި ވެއެވެ.