ވިލާ ކޮލެޖް

ވިލާ ކޮލެޖުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޖެނުއަރީ މަހަށް އެ ކޮލެޖުން ވަނީ 97 ކޯހެއްހެގެ އިންޓޭކް އިއުލާން ކޮށްފަ އެވެ. ކޯހަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސާއި، ޓީޗިން އެންޑް އެޑިއުކޭޝަން، ޝަރީއާ ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭސް، ބޭންކިން އެންޑް ފައިނޭސް، މާކެޓިން، ހިއުމަން ރިސޯސް، ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، މެރިން ސްޓަޑީސް އަދި ވޯޓާ ސްޕޯޓްސްގެ އެކި ލެވެލްގް ކޯސްތަށް ހިމެނެ އެވެ.

މި ކޯސްތަކުގެ ތެރޭގައި މާސްޓާ ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ފަސް ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ 17 ކޯހެއްގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ 14 ކޯހެއް ޖެނުއަރީ މަހު ފަށަން އުޅޭ ކޯސްތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ސެޓްފިކެޓް ލެވެލް ތިނެއްގެ 12 ކޯސް، ސެޓްފިކެޓް ލެވެލް ދޭ ދެ ކޯސް އަދި ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހެއްވެސް ޖެނުއަރީ މަހު ފަށާނެއެވެ. މެރިން ސްޓަޑީސް އާއި ވޯޓާ ސްޕޯޓްސްގެ އަށް ކޯސް ވެސް ޖެނުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖެނުއަރީ މަހު ފަށަން އުޅޭ ކޯސްތަކުގެ މައުލޫމާތު ދެމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ އަހްމަދު އަންވަރް ވިދާޅުވީ، ވިލާ ކޮލެޖުން މިއަދު އިއުލާން ކޮށްފައިވާ ކޯސްތަކަކީ އެ ކޮލެޖްގެ އަމިއްލަ ކޯސްތަކަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތަކެއް ކަމަށެވެ.

މި ކޯސްތައް މާލޭގައި ހުންނަ މައި ކެމްޕަހުގަ އާއި އަތޮޅުތަކުގައި ހުރި ވިލާ ކޮލެޖްގެ ކެމްޕަސްތަކުގައި ވެސް ކުރިއަށްދާނެ އެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އަދި ޖެނުއަރީ މަހުގެ ކޯސްތަކުގެ ކިޔެވުން މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ފެށޭނެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ދަރިވަރުންނަށް މަހު އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗްލާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ.