ޓްރާސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މުވައްޒަފަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ނަހުލާ މިހެން ވިދާޅުވީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވާ އޯޑިއޯ މީގެ ކުރިން ވަނީ އާންމުވެފަ އެވެ. މިއަދުގެ ބައްދަލްވުމުގައި މެންބަރަކު ވަނީ އެ ސުވާލު މިނިސްޓަރާ އަމާޒު ކުރައްވާފަ އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ނިކަމެތިކޮށް އަމަލުކުރާ ތަން ފެނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް އިދާރާއަކުން ޚިދުމަތް ހޯދަން ދާ ރައްޔިތަކާމެދު ނިކަމެތިކޮށް ކަންކަން ކޮށްފިނަމަ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އެކަމަނާ މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
"... ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ މެދު ނިކަމަތިކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކުރެވޭ ނުވަތަ ޚިދުމަތްދެވޭ ނޫނީ ދަށް ފެންވަރުގައި ޚިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިންނަކީ ރައްޔިތުން." ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އުސޫލުތަކުން މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް ބިރެއް ނެތެވެ. އަދި އެއްވެސް މުވައްޒިފަކާ މެދު އިންސާފުން ބޭރުން ފިޔަވަޅެއް އަޅުއްވާނެ ނުވާނެ ކަމަށާ އެފަދައިން ފިޔަވަޅެއް ނުވެސް އަޅުއްވާނެ ކަމަށެވެ.
ސިވިލްސާވެންޓުންނަށް ފިޔަވަޅު އެޅުމަކީ ސިވިލްސާވިސްއިން ކުރާ ކަމެއް... ޓްރާސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ މެދު ނިކަމަތިކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކުރާ ނުވަތަ ޚިދުމަތްދޭ ނޫނީ ދަށް ފެންވަރުގައި ޚިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިންނަކީ ރައްޔިތުން،އައިޝަތު ނަހުލާ | ޓްރާސްޕޯޓް މިނިސްޓަރު
ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ނަހުލާ ކަންތައްތަކެއް ކުރައްވާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒިފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދި ޕެޓިޝަނަކާއެކު ސިޓީއެއް ފޮނުވާފައި ވެއެވެ.
އެ ސިޓީގައި ޓްރާންސްޕޯޓްގެ މައްސަލަތަކެއްގެ ގޮތު ބައެއް ކަންކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ގިނަ މުވައްޒިފުންތަކެއް ވަކި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.