ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު އަލުން ކުރިމަތިލައްވައިފި

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެވެސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޕާޓީގެ މެންބަރުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވުމުން އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ރޭ ހުޅުވާލުމާއެކު، ރައީސް ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު އަލުން އެ މަގާމަށް ގެނައުމުގެ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ރޭ ފަށައިފަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުނަށް ކަމަށް އެ ޕާޓީން ބުނެ އެވެ.