ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އިން އެންމެ ފަހުން ފެނިފައިވާ ދީޕިކާ ޕަދުކޯން މިހާރު ދަނީ މެގްނާ ގުލްޒާރް ޑައިރެކްޓްކުރާ "ޗަޕާކް" ގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ މި ފިލްމަކީ ދީޕިކާގެ ފިލްމީ ކެރިއަރުގެ އެންމެ އުނދަގޫ ފިލްމުގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.
ސަބަބަކީ މި ފިލްމަކީ އެސިޑް ހަމަލަ އަކުން ސިފަ ގެއްލިފައިވާ ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމަކަށް ވެފައި ލަކްޝްމީ މިހާރު ހުންނަ ސިފަޔަށް ބަދަލުވުމަށްޓަކައި ޕްރޮސްތެޓިކް ބޭނުން ކޮށްގެން ދީޕިކާގެ މޫނަށް ބޮޑު ބަދަލެއް ގެންނަން ޖެހުމެވެ.
ދީޕިކާ ބުނި ގޮތުގައި މިހާތަނާ ޖެހެންދެން އޭނާ ގަބޫލުކުރީ އެންމެ އުނދަގުލީ ބާންސާލީގެ ފިލްމުތަކުގައި މަސައްކަތް ކުރުން ކަމަށެވެ. އެއީ އޭނާ ކުޅޭ ކެރެކްޓާއަށް ޖަޒުބާތީ ގޮތުން ކުރެވޭ އިހްސާސްތަކުގެ ސަބަބުންނެވެ. ނަމަވެސް "ޗަޕާކް" ކުޅެން ފެށުމާއެކު އޭނާގެ މި ވިސްނުން ވަނީ ބަދަލުވެފަ އެވެ. ބާންސާލީގެ ފިލްމުތަކަށް ވުރެ "ޗަޕާކް" މާ އުނދަގޫކަން އޭނާ އަށް ގަބޫލު ކުރެވުނެވެ.
ދީޕިކާ ބުނި ގޮތުގައި ޕްރޮސްތެޓިކް ބޭނުން ކޮށްގެން އޭނާގެ ކެރެކްޓާގެ ސިފަ ޖެހެން ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ނަގަ އެވެ. އެއީ ވަރަށް ވަރުބަލި އެހާމެ އުނދަގޫ ކަމެކެވެ. އަދި އެ ދުވަހެއްގައި ޝޫޓް ކުރަން ހަމަޖެހިފައިވާ މަންޒަރުތައް ނިމުމުން އެ ހުރިހާ އެއްޗެތި ގައިން ވަކިކޮށް ސާފު ކުރުމަށް ވެސް ގަޑިއެއްގެ އިރު ނަގާ ކަމަށް ދީޕިކާ ބުންޏެވެ.
ދީޕިކާ ބުނި ގޮތުގައި "ޗަޕާކް"ގެ ޝޫޓިން ނިމުނުއިރު އޭނާގެ ސިކުނޑި ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ޝޫޓިން ނިންމާލި ދުވަހު ހުރިހާ ޕްރޮސްތެޓިކްސް އެއް ދީޕިކާ އަންދާލީ އެ ހަނދާންތައް ހިތުން ފިލުވާލުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ އެއްޗެތި އަނދާ ހުލިވަންދެން އަހަރެން އެއަށް ބަލަހައްޓައިގެން ހުރިން. އެހިސާބުން އަހަރެން އެ ނޭފަތާއި ލޮލާއި މޫނުގެ ސިފަ އިތުރަށް ބަލާކަށް ބޭނުމެއް ނުވި. އަހަރެން ބޭނުންވީ އެ އެއްޗެހި އަޅިއަށް ވާން. އެ އެއްޗެތި އަނދައިގެން ދިޔަތަން ފެނިފައި އަހަރެންގެ ހިތަށް ލުއި ލިބުނު. އެހެންވެ މިއީ ކެރިއަރުގެ އެންމެ އުނދަގޫ ފިލްމަށްވީ،" ދީޕިކާ ބުންޏެވެ.
"ޗަޕާކް"ގެ އިތުރުން ދީޕިކާ ވަނީ ފިރިމީހާ ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "83" ގައި ވެސް ކުޑަ ރޯލެއް އަދާކޮށްފަ އެވެ. އިންޑިއާގެ ކުރީގެ މަޝްހޫޜު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި ދީޕިކާ އަދާކުރަނީ ކަޕިލްގެ އަންހެނުންގެ ރޯލެވެ.