ހަބަރު

ހައުސިން މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް މިނިސްޓަރަށް

Oct 15, 2019
35

ހައުސިން މިނިސްޓްރީގައި މިހާރު އޮތް މަސައްކަތުގެ މާހައުލަކީ ވަރަށް ނޭދޭވެ އަދި މުވައްޒަފުން މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށް ބުނެ، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއާ ހަމައަށް މުވައްޒަފުންތަކެއް މައްސަކަ ގެންގޮސްފި އެވެ،

މުވައްޒަފުންގެ ފަރާތުން ގިނަ މައްސަލަތަކެއް ފާހަގަކޮށް ލިޔެފައިވާ ސިޓީއެއްގައ މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ޒާތީ ގޮތުން ޖެއްސުންކޮށް އަދި އެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ހާލަތަށް މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި މިނިސްޓްރީގެ އެންމެ އިސް ސިވިލް ސާވިސް ވެރިން އަމަލު ކުރަމުންދާ ކަމަށެވެ.

އަދި އެއްވެސް ސަބަބަކާ ނުލައި މުވައްޒަފުންނަށް ބަދުބަސް ބުނުމާއި ހުތުރުބަހުން މުހާތަބުކޮށް އަދި އެހެން މުވައްޒަފުންގެ ކަރާމާތާއި އަބުރު ގެއްލޭ ފަދަ މަލާމާތުގެ ބަސްތައް ބޭނުން ކުރަމުން ދިއުން ވެސް މިނިސްޓްރީގެ ތެރޭގައި އާދައަކަށް ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، މަސައްކަތް ކުރަން ހަދާފައިބާ އުސޫލުތަކާއި ގަވާއިދުތަކާއި ގާނޫނުގެ ބޭރުން މަސައްކަތް ކުރަން މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ވެސް އެ ސިޓީގައި ވަނީ ތުހުމަތު ކޮށްފައި ވެއެވެ.

އިތުރަށް ބުނެފައިވަނީ މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނަކީ ދެ ގްރޫޕެއްގެ ގޮތުގައި ދެއްކުމުގެ އިތުރުން ސިޔާސީ ބޭފުޅުންނާހުރެ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތަށް އުނދަގޫ ވަމުންދާ ކަމަށެވެ.

"... ކުރީ ސަރުކާރުތަކުގައި ދިމާވެފައި ހުރި ސިޔާސީ ބޭފުޅުންނާ ބަލާއިރު މިހާރު މި މިނިސްޓްރީގައި ތިބި ގިނަ ސިޔާސީ ބޭފުޅުންނަކީ މަސައްކަތް ނުކުރާއިރު ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅާ ބައެއްކަން ފާހަގަ ކުރެވެއެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އަދި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބޭފުޅުނާއި ބައެއް އިސްވެރިން ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރު، އެކަމުގެ ޒިންމާ ފަހުން މިނިސްޓަރު ނަންގަވަންޖެހި، މުޅި މިނިސްޓްރީގެ ނަން ކިލަނބުވެގެންދާނެ ކަމުގައި އެ ސިޓީގައި އިތުރަށް ބުނެފައިވެ އެވެ. އެ ސިޓީގައި މުވައްޒަފުން މިނިސްޓަރުގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ ޝަކުވާތައް ބައްލަވައި، އެ މައްސަލަތަކެއް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.

"...މައްސަލަތަކަށް ހައްލެ ނުލިބިއްޖެނަމަ މި މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ ރަނގަޅު މުވައްޒަފުންތައް ވަރަށް އަވަހަށް މިނިސްޓްރީ ދޫކޮށް ދާނެކަމަށް އެކަށީގެން ވެއެވެ،" އެ ސިޓީގައި ބުންޏެވެ.

އެ ސިޓީއާ ގުޅިގެން ހައުސިން މިނިސްޓަރުގެ ނައިބު އަލީ ޝާމިން ވިދާޅުވީ ކާކުކަން ނޭނގޭ ގޮތަށް އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ސިޓީ ހުށަހަޅާފައި ވަނީ މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްގެ ނަމުގައި ނޫން ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ.

"އެ ސިޓީއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެ ނަންބަރާ ވެސް ނުގުޅޭ. އަދި މިތަނުގެ މުވައްޒަފުންގެ ފަރާތުން އެފަދަ ޝަކުވާއެއް އައިސްފައެއް ނުވޭ،" ޝާމިން ވިދާޅުވި އެވެ.

އެ ސިޓީގެ ސައްހަކަމާމެދު ސުވާލު އުފެދިފައި ވީނަމަވެސް، މުވައްޒަފުންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް ހުރިތޯ ބަލަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.