ބޮލީވުޑް

ދަރިންނާހެދި ޝާހިދު ކަޕޫރަށް ނޭވާލާން ދަތިވެފައި

ދަރިން ލިބުމަކީ ބައެއް ފަހަރަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ވިޔަސް އަނެއް ބައި ފަހަރު ވަރަށް ހިތްހަމަނުޖެހޭ ކަންތައް ވެސް ދިމާވާ ކަމެއް ކަމަށް ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު ބުނެފި އެވެ. ފިލްމްފެއާ މަޖައްލާއަށް ދާދި ފަހުން ޝާހިދު ދީފައިވާ އިންޓަވިއު އެއްގައި ބުނީ ބައެއް ފަހަރަށް ދަރިންނާ ހެދި އޭނާއަށް ނޭވާލާން ވެސް ދަތިވާ ކަމަށެވެ.

ޝާހިދު، 36، މީރާ ރާޖްޕޫތު އާ ކައިވެނި ކުރީ 2015 ގެ ޖުލައި މަހު އެވެ. އަދި ކައިވެންޏަށް ހަތަރު ވަރަކަށް އަހަރު ވީއިރު އެމީހުންނަށް ވަނީ ދެ ދަރިން ލިބިފަ އެވެ. އެއީ ތިން އަހަރުގެ މީޝާ އާއި އެއް އަހަރުގެ ޒޭން އެވެ.
ދަރިން ލިބުމުން ކުރެވޭ ތަޖުރިބާ ކިޔައިދެމުން ޝާހިދު ބުނީ ނޭވާލާނެ ޖާގައެއް ހޯދަން ވެސް ބައެއް ފަހަރަށް ބުރަ މަސައްކަތް ކުރަން ޖެހެ އެވެ.

ޝާހިދު ބުނި ގޮތުގައި ކައިވެނި ކުރުމުގެ ކުރިން އޭނާ އަކީ ވަރަށް އަމިއްލަ ނަފްސަށް ފޯކަސް ކޮށްގެން އެކަނިވެރިކޮށް އުޅުނު މީހެކެވެ. ދަރިފުޅަކު ލިބުމާއެކު އޭނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްކަމުގެ އިހްސާސް ކުރެވުނުކަމަށް ވެސް ޝާހިދު އެއްބަސްވި އެވެ.

"މިހާރަކު އަހަރެންގެ ކަންތައްތައް އެންމެ ކުރިން ކުރާކަށް އަހަރެން އިސްކަމެއް ނުދެން. މިހާރު ކޮންމެ ކަމެއް ކުރާއިރުވެސް އެންމެ ފުރަތަމަ ވިސްނެނީ ދަރިންނާއި އާއިލާ އަށް. ބައެއް ފަހަރަށް އެކަމާ ހިތްހަމަޖެހޭ. އަނެއްބައިވަރު ހިތްހަމައެއް ނުޖެހޭ. ސަބަބަކީ ބައެއް ފަހަރަށް އަމިއްލަ ކަންތައްތަކަށް ވެސް އިސްކަން ދޭން ޖެހޭނެކަމަށް ގަބޫލު ކުރެވޭތީ،" ޝާޙިދު ބުންޏެވެ.

ޝާހިދު ބުނި ގޮތުގައި ކޮންމެ އިންސާނަކަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ތަން ބޭނުންވާނެ ކަމަށާއި ނަމަވެސް މިހާޜު އޭނާއަށް އެކަން ވެސް ކުރަން ޖެހެނީ ވަރަށް ހާލުން ކަމަށެވެ.

"ކަބީރް ސިންގް"ގެ ބަތަލު ބުނި ގޮތުގައި އޭނާގެ މައިންބަފައިން ކަމަށްވާ ޕަންކަޖް ކަޕޫރާއި ނީލިމާ އާޒިމް މިހާތަނަށް ވެސް އޭނައަށްޓަކައި ކޮށްދިން ކަންތައްތަކުގެ އަގު ވަޒަން ކުރެވެން ފެށީ އަދި ކިރިޔާ އެވެ. އަދި އެމީހުންގެ ބަސް ނާހާ އުނދަގޫ ޖެއްސުނީތީ މައާފަށް އެދޭ ކަމަށް ވެސް ޝާހިދު ބުންޏެވެ.

"އެމީހުން އަހަންނަށް ކޮށްދިން ކަންތައްތައް އެ ކޮށްދިނީ ކީއްވެގެންކަން މިހާރު އަހަންނަށް ވިސްނޭ. އަހަރެންނަށް ދަރިން ލިބުމުގެ ކުރިން އަހަރެންގެ މައިންބަފައިންނަށް އިހުތިރާމް ކުރި ވަރަށް ވުރެ ބޮޑަށް މިހާރު އަހަންނަށް އެމީހުންނަށް އިހުތިރާމް ކުރެވޭ. އަދި ކުރިން އެމީހުންނާ ދޭތެރޭ ކަންތައްތައް ކުރެވުނު ގޮތަށް މައާފަށް ވެސް އެދެން،" ޝާހިދު ބުންޏެވެ.

ޝާހިދު އާއި އަންހެނުން މީރާ ފުރަތަމަ ބައްދަލުވީ 2014 ވަނަ އަހަރު އެވެ. އޭނާ ޝާހިދު އުޅުނީ "އުޅްތާ ޕަންޖާބު"ގެ ޝޫޓިންގައެވެ. ޝާހިދުގެ އެންމެ ފަހުގެ ފިލްމު "ކަބީރް ސިންގް" ބްލޮކްބަސްޓާއަކަށް ވަނީ ވެފަ އެވެ.