މާލޭގެ އެކި މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ ސައިކަލުތަކާ ހަވާލުވާން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން އާއްމުކޮށްފައިވާ އިއުލާނަށް ބަލާއިރު، މާލޭގެ އެކި މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ 30 ސައިކަލެއްގެ މައުލޫމާތު ވަނީ ހިމަނާފަ އެވެ.
ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެ ސައިކަލުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތަކާއި 60 ދުވަހުގެ ތެރޭގައި ހަވާލުނުވެއްޖެނަމަ، އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ހާއްސަކޮށް މާލޭގައި ޕާކު ކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ކޮންމެ ހަފްތާއަކު ފުލުހުން ދަނީ ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން އެފަދަ ވެހިކަލްތައް ޓޯ ކުރަމުންނެވެ.
އެގޮތުން، ޓޯކޮށްފައިވާ އުޅަނދުތަކާއި ވެރިފަރާތްތަކުން ހަވާލުނުވުމުން ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން އެފަދަ ވެހިކަލްތައް ނައްތާލަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ފުލުހުން ވަނީ ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 58 ކާރާއި 180 ސައިކަލް ނައްތާލައިފަ އެވެ.