(13 އޮކްޓޯބަރ 2019 އާ ގުޅޭ)
"އަންހެނަކު އޯކޭވީމަ އިންޖޯއިކޮށްލުން އެއީ މައްސަލައެއްނޫނޭ... ކަލޭ ތިއުޅުނީ މަގޭ ބޮލަށް އަރަންވެގެން، ފުރަތަމަ އުޅުނުހެން ކޫލްކޮށް އުޅުނުނަމަ މިހުރިހާ އެއްޗެއް އަހަރެން ކިޔާކަށް ނުޖެހުނީސް، މައްސަލައަކީ އަލްމާ މާ ސީރިއަސްވީމަ" ލިއަމް ބުންޏެވެ.
"ލިއަމް އަހަރެންދެކެ ލައިކެއްނުވޭތަ؟ ނޫން ދޯ... ރުޅި އައިސްފަ ހުރީމަ ދޯ ތިހެން ތިވާހަކަދައްކަނީ... އަހަރެން އިސްނެގިޔަސް އަހަންނާ ލިއަމް ބައިވެރިވީމެންނު... ލިއަމްގެ ދުލުން ނުބުންޏަސް ތި ދެ ލޮލުން އަހަރެން ދުށީމޭ ލިއަމް އަހަރެންދެކެ ލައިކްވާކަން. ޕްލީޒް ލިއަމް... މިހާރު ދެން ތިހެން ވާހަކަނުދައްކަބަލަ... އަހަންނަށް އެނގޭ ޒެއްލު ކުރިމަތީ އަހަރެން އެހެން އުޅުނީމަ ލިއަމް އެއްޗެއް ނުބުންޏަސް ހިތްހަމަނުޖެހިފަކަން ހުރީ، އަހަންނާ އެހާ ގާތްކޮށް އުޅެފަ ކުއްލިއަކަށް ކީއްވެ ޒެއްލު ގެނައީ... ލިއަމްއަށް ނުފުދޭ ކަމެއް އޮތީތަ؟... އޭނާ އައިފަހުން ލިއަމްއަށް އަހަރެން ނުފެންނަ ކަހަލަ... ކުއްލިއަކަށް އެހާ ދުރުކޮށްލީ ކީއްވެ؟ އަސްލު އެހެންވެ އަހަންނަށް ވެސް އެހެންކަންތައް ކުރެވުނީ... ލިއަމްގެ ވައިފެއް ހުންނަކަން އެނގުނަސް ކުރިމަތިން ފެނުނީމަ އަހަރެން ފޫހިވީ، ދެރަވީ..." ލިއަމްގެ ވައަތު މުލައްދަނޑީގައި އަލްމާ ހިފާލުމާއެކު އަނެއްކާ ވެސް ލިއަމްއާ ގާތަށް ޖެހިލައިފިއެވެ.
"އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރަން ބޭނުންނުވަންޏާ ނުކުރޭ... އަހަރެން އެއްފަހަރު ވެސް ނުބުނަން އަލްމާ ގާތު އަހަރެންދެކެ ލޯބިވާށޭ، މިރޭ ބައްދަލުކުރީ ވެސް ފޯނުން މިވާހަކަތައް ނުބުނަންވެގެން، ކުރިމަތީހުރެ ބުނީމަ އަހަރެން ބުނާ އެއްޗެއް އަލްމާއަށް ސާފުވާނޭ ކަމަށް ހީކޮށް... ދިޒް އިޒް ޓޫ މަޗް... އަލްމާއާ ގުޅުމުގެ ގަސްދެއް އެއްވެސް އިރަކުނެތް، ފިރިމީހާއާއި ދަރި ދޫކޮށްލުމުގެ ބޭނުމެއްނެތް، އަލްމާއަށް ރަނގަޅުވާނީ ރައްޒާގާއެކު މިހާރު ވެސް ތިއުޅޭހެން އުޅުނިއްޔާ، އިޓް ވޯޒް ފަން، އައި އެޑްމިޓް... އެކަމަކު އެއީ އެއްގޮތަކަށް ވެސް ސީރިއަސްވާންޖެހޭކަމެއްނޫން، މިކަން ގިނަބަޔަކަށް ނުވެސް އެނގެއެއްނު، އެހެންވީމަ އަލްމާ ހާސްވާކަށް ނުޖެހޭނެ، ދެން ތިދައްކަނީ އަހަރެންގެ އަނބިމީހާގެ ވާހަކަ... އޭނާއާ އަލްމާއާ އެއްވަރެއްނުވެވޭނެ، އަހަރެންގެ އަނބިމީހާ ގެންނަންވީމަ އެނގޭނީ އަހަންނަށް، އެކަމަށް އަލްމާގެ ޚިޔާލެއް ބޭނުމެއްނުވޭ، މީ ޒެއްލުއާ ގުޅުންހުރި ކަމެއްނޫން، މިދައްކަނީ އަހަރެމެން ދެމެދުގައި އޮތް ކަމެއްގެ ވާހަކަ" ލިއަމް ބުންޏެވެ.
"ޒެއްލުއަށް އެނގިއްޖެ އަހަންނާއި ލިއަމްއާ ދެމެދު ގުޅުމެއް އޮތްކަން، ލިއަމް ކަމެއް ސިއްރުކުރާކަން... އޭނާ ދެން ނުވާނެ ލިއަމްދެކެ ލޯތްބެއް" އަލްމާ ހުރީ ގޮތްދޫނުކޮށް އޭނާގެ ހިތުގެ އެދުން ހާސިލްކުރާށެވެ.
"މޮޔަނުގޮވާ... ޒެއްލު އަދިވެސް ލޯބިވަނީ އަހަރެންދެކެ، އަދިވެސް އެއީ އަހަރެންގެ އަނބިމީހާ، އަލްމާއަށް ދުވަހަކުވެސް ނުވެވޭނެ ޒެއްލު ކަހަލަ އަންހެނަކަށް، ސޯ ސްޓޮޕް ދިސް ނޮންސެންސް... އަހަރެން ހޯދަން ދެން ނާންނާތި" ލިއަމް ބުންޏެވެ.
"އަޅެ ލިއަމް... އަހަރެން ކީއްކުރީމަތަ ޤަބޫލުވާނީ" އަލްމާ އާދޭސްކުރާހެން ބުންޏެވެ.
"މިކަން މި ނިމުނީ... ދެން އިތުރަށް ދައްކާނޭ ވާހަކައެއްނެތް، އަހަރެން މިހާރު ވަރަށް ފޫހިވޭ އަލްމާދެކެ، މޮޅެތިހާ ޑްރާމާ ނުޖެއްސިނަމަ އަހަރެން އެނބުރިދަންދެން އަހަރެމެން ދެމެދުގައި ގުޑް ރިލޭޝަންޝިޕެއް އޮތީސް، މިތާ ތިބުމުގެ ބޭނުމެއްނެތް... ހިނގާ ދާން" ލިއަމްއާ ދުރަށް އަލްމާ ޖައްސާލުމާއެކު ބުންޏެވެ. ނަމަވެސް އެވަރުން އަލްމާ ދުލެއްނުދިނެވެ. އޭނާ ލިއަމްގެ ޓީޝާޓުގައި ހިފައިގަތެވެ. ރޮއެ އާދޭސް ކުރަން ފެށިއެވެ. ކޮންމެ ސިފައެއްގައި ވިޔަސް ލިއަމްގެ ދިރިއުޅުމުން އޭނާއަށް ފުރުޞަތެއް ދިނުމަށް އެދިއެވެ. ލިއަމްގެ ބޮލުގައި ރިހުންވީ އިތުރެވެ. އަލްމާގެ ކަރުނައަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ލިއަމްގެ ހިތުގައި އަލްމާއާމެދު ޖަޒުބާތުގެ ޒަރެއް ވެސް ނެތެވެ. ބޮލަށް ތުރާވީ އެހެންވެއެވެ.
"އަރާ ސައިކަލަށް..." އަލްމާ ރުއިން ހުއްޓާލުމުން ލިއަމް ބުންޏެވެ.
"ޒެއްލުއަށް ލިއަމްގެ ހަޤީޤަތް އެނގުނީމަ ނުހުންނާނެ" ލިއަމްއަށް ބަލަން ހުރެ އަލްމާ ބުންޏެވެ.
"ތިދަނީ މާމައްޗަށް، އަހަންނަށް ބުނެވިއްޖެ ދޯ ޒެއްލު މިދޭތެރެއަށް ނުވައްދާށޭ، އަހަރެންގެ ހަޤީޤަތޭ ބުނާއިރު ކަލެއަށް އުޅެވުނީ މާތާހިރުކޮށްތަ؟... ރައްޒާގަށް ހަޤީޤަތް އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ އެކަމާ އިހަށް ވިސްނަބަލަ، މިކަން ނިމިއްޖެކަން ޤަބޫލުކޮށްގައިގެން އަނގަމަޑުން ލައިގެން ހުރިއްޔާ އަލްމާއަށް ރަނގަޅުވާނީ" ލިއަމް ބުންޏެވެ. ހަމައެވަގުތު އަލްމާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާގެ އަތްދަބަހުން ފޯނު ނެގިއިރު ލިއަމްގެ ނަޒަރު ވެސް ހުރީ އެ ފޯނަށް ހުއްޓިފައެވެ. އިސްކުރީނުން ރައްޒާގުގެ ނަން ފެނުނެވެ. އަލްމާ ކޯލު ކަނޑާލާފައި ފޯނު ސައިލެންޓްކޮށްލީއެވެ.
"އަހަރެމެން ދެމީހުން އެކީގަ ފޮޓޯއެއް ނެގިދާނެތަ؟" ފޯނަށް ބަލަން ހުރެ އަލްމާ އެއްސެވެ.
"ތިކަމެއްނުވާނެ... ރައްޒާގު ވެސް އެ ގުޅީ... ހިނގާ ދާން" ލިއަމް ބުންޏެވެ. އަލްމާގެ ފޯނު ލިއަމްއާ އަމާޒުކޮށްލަން ވާއިރަށް އޭނާ އެ ފޯނު އަތުލައިފިއެވެ. އަދި ސައިކަލަށް އަރާ އިސްޓާޓުކޮށްލުމާއެކު އޭގެ އަލިން އެހިސާބަށް އަލިވެގެން ދިޔައެވެ. ހުރި ފިޔަވަޅުމަތީ އަލްމާ ހުރުމުން ލިއަމް ގޮވާލިއެވެ. އަނެއްކާ ވެސް ދާންވީކަމުގައި ބުނެ ސައިކަލަށް އަރަން އަލްމާ ގާތު ލިއަމް ބުންޏެވެ.
"އަދި މަޑުކޮށްލަބަލަ..." އަލްމާ އެދުނެވެ. ލިއަމް ސައިކަލުމަތީ އިނދެ ކިހިނެއްވީތޯ އެއްސެވެ. އަލްމާ އައިސް ލިއަމްގެ ގާތުގައި ހުއްޓުލިއެވެ. އަދި ލިއަމްގެ މޫނުގައި ކަނާއަތްތިލަ ޖައްސާލިއެވެ. ލޯބިވެތި ގޮތަކަށް ލިއަމްގެ ތުނބުޅީގައި ފިރުމާލިއެވެ.
"ސްޓޮޕް އިޓް އަލްމާ" އަލްމާގެ ވައަތްތިލަ ލިއަމްގެ ފައިމަތީ ހަރަކާތްކުރަން ފެށުމުން އޭނާ ބުންޏެވެ. އަދި ފައިމަތިން އަލްމާގެ އަތް ފޮޅުވާލިއެވެ.
"ފަހު ފަހަރަށް" އަލްމާ މަޑުމަޑުން ބުންޏެވެ. ލިއަމްއަށް ލިބުނީ ހައިރާންކަމެވެ. އެހެންނަމަވެސް އޭނާ މިރޭ އެއްގޮތަކަށް ވެސް ގަޔާވާގޮތެއް ނުވިއެވެ. އެހެންވެ އަލްމާގެ އެ ފަހު ހުށަހެޅުމަށް ލިއަމް ނޫނެކޭ ބުންޏެވެ. އޭނާ ހަރުކަށިކަމާއެކު އަލްމާ ކޮށްޕާލިއެވެ. އަދި ނިކަން ބާރަށް އަލްމާއާ ވާހަކަދެއްކިއެވެ.
"ހަމަމިހާރު ސައިކަލަށް އަރާ... އެހެންނޫނީ އަލްމާ މިތާ ހުރޭ، އަހަރެން ހިނގައިދާނަން" ލިއަމް ބުންޏެވެ. މިރޭ މުޅިން ވެސް ލިއަމްގެ ފަރާތުން އަލްމާއަށް ފެނުނީ އާކަންތައްތަކެވެ. އެއީ މީގެކުރީން އަލްމާއާ ބައްދަލުވި ލިއަމްއެއް ނޫނޭ ހީވާ ވަރަށް ލިއަމް ފެންނަނީ ބަދަލުވެފައިވާތަނެވެ. އަލްމާއަށް ހީވީ އޭނާ މިހާ ދުވަހު ދެކެމުން އައި ހުވަފެން ވިއްސިވިހާލިވެގެން ދިޔަހެންނެވެ. ލިއަމްއަށް އައި ބަދަލުގެ ސަބަބަކީ ހޭޒަލްކަން އަލްމާއަށް ޤަބޫލުކުރެވުނެވެ.
"ޒެއްލުއަށް ލިއަމްއާއެކު އުފާވެރިވެރި ދިރިއުޅުމެއް ދުވަހަކުވެސް ނުލިބުނިއްޔާ ރަނގަޅީ، ދުވަހަކުވެސް އެ ދިރިއުޅުން އާރާސްތެއްނުވާނެ، މަށަށް ނުލިބުނު އުފަލެއް ކަލެއަކަށް ވެސް ނުލިބޭނެ" އަލްމާ ހިތާ ހިތާ ބުނެލިއެވެ. އޭނާގެ އެ ބަދު ދުޢާގެ އަޑު ލިއަމްގެ ކަންފަތަށް އިއްވުގެ ގަސްދެއް އަލްމާގެ ވެސް ނެތެވެ. އަލްމާއަށް ވެސް ޚުދު އޭނައާއި ހޭޒަލްއާ ހުރި ފަރަޤު ނޭނގޭ ކަހަލައެވެ. ހޭޒަލްއަކީ ލިއަމްގެ ހަލާލު އަނބިމީހާކަން އެނގޭއިރު ވެސް އެކަން އޭނާ ޤަބޫލުކުރަން ބޭނުންނުވާ ކަހަލައެވެ. މަޑުމަޑުން އޭނާ އައިސް ލިއަމްގެ ސައިކަލު ފަހަތަށް އެރިއެވެ. ހިމޭންވެފައި އިންއިރު އޭނާގެ ޚިޔާލު ދަތުރުކުރީ އެންމެ ފުރަތަމަ ލިއަމްއާ ބައްދަލުވީ ރެއަށެވެ.
އަލްމާއަށް ފުރަތަމަ ލިއަމް ފެނުނީ ވެސް ޝިޔާނާއެކު އައިސް އެގޭ ބޭރު ޖޯލީގައި އިންދައެވެ. ޝިޔާނުގެ ރަޙުމަތްތެރިއަކު އައިސް އިންކަން ޔުސްރާ ބުނުމުން އޭނާއާއެކު އަލްމާ ވެސް ނުކުތީ ޝިޔާނާއި އޭނާގެ ރަޙުމަތްތެރިޔާއާ ބައްދަލުކުރާށެވެ. އެކަނިއެކަނި ބަސްމަދުވެފައި ލިއަމް އިނެވެ. ފުރަތަމަ ފެނިލުމުން ވެސް ލިއަމްގެ ސިފައަށް އަލްމާގެ ސަމާލުކަން ހުއްޓުނެވެ. ޔުސްރާގެ ފަރާތުން ލިއަމްއަކީ މާލޭ މީހެއްކަމާއި ވަޒީފާގެ ގޮތުން ދުވަސްކޮޅަކަށް އެ ރަށަށް އައިސް ހުރީކަން އަލްމާއަށް އޮޅުން ފިލިއެވެ. ޔުސްރާއާއި ޝިޔާނު ގާތްގާތުގައި ޖޯލީގަ އިށީނުމުން އަލްމާ އެ ފުރުޞަތުގެ ބޭނުންހިފައި ލިއަމްގެ ގާތުގައި އޭނާ ވެސް އައިސް އިށީނެވެ. ފުރަތަމަ އެހާ ވާހަކައެއް ލިއަމް ނުދައްކައެވެ. ހުންނަނީ ނިކަން މަޑުންނެވެ. ރައްޓެހިކަން ބަދަހިކުރަން މަސައްކަތް ކުރީ ވެސް އަލްމާއެވެ. ރޭގަނޑު އަލްމާމެންގެއިން ކެއުމަކީ ޝިޔާނުގެ އާދައެކެވެ. ލިއަމްއާ ބައްދަލުވި ދުވަސްކޮޅަކީ ރައްޒާގު ވެސް ރަށުގައި ނެތް ދުވަސްކޮޅެއްވީމަ އަލްމާގެ އެއްވެސް ކަމަކަށް ފާރަލާނޭ މީހަކުނެތެވެ. ދަރިފުޅު ގޮވައިގެން ގިނައިން އުޅޭނީ އަލްމާގެ މަންމައެވެ. އެހެންވެ އޭނާ ކޮންމެ ގޮތަކުން ވެސް ލިއަމް އަންނަންވާއިރަށް ގޭތެރޭގެ ހުރިހާކަމެއް ނިންމާލައި ލިއަމްއަށް ޓަކައި ހުންނަނީ ތައްޔާރުވެގެންނެވެ. ލިއަމް އަންނާނޭ އިރަކަށް އިންތިޒާރު ވެސް ކުރެވެއެވެ. ލިއަމް ފުށުން ފެންނަ ކޮންމެ އަދާއަކަށް އަލްމާގެ ހިތް މަޑުމަޑުން ބެހެމުންދިޔައެވެ. ޚާއްޞަކޮށް އަލްމާ ދޭ ސަމާލުކަން ލިއަމް ބަލައިގަންނަން ފެށުމުންނެވެ.
ރޭގަނޑު ކެއުމަށްފަހު ޔުސްރާއާއި ޝިޔާނު ތިބޭނީ ބަދިގެ ފަރާތު ޖޯލީގައެވެ. ގެއިން ބޭރުގަ ހުންނަ ޖޯއްޔަށް އެމީހުން ނުކުންނާނީ މަދު ފަހަރަކުއެވެ. ރޭގަނޑު ނުވައެއް ދިހައެއް ޖަހާކަން ހާއިރު އަންނަ މީހުން އެނބުރި ގެއަށްދާން އެގެއިން ނުކުންނައިރު ހުންނާނީ އެކެއްޖަހާފައެވެ. ދެމެދުގައި އޮންނަންޖެހޭ އިން ފަހަނައަޅައި ދިޔައީ ގެއިން ބޭރުގައި ހުރި ޖޯލީގަ އަލްމާއާއި ލިއަމް ތިބި ރެއެއްގައެވެ. އަލްމާގެ ސަމާސާތައް ބޮޑުވެ ލިއަމްގެ ގައިގާ ބީހެންފެށުމުން އޭނާ ވެސް އަލްމާއާ ސަމާސާއެއްކޮށްލީއެވެ. ދުރަށް ނުދެވޭނެހެން ހީވުމުން ކޮޓަރިއަށް ވަންނަން އެދުނީ ވެސް އަލްމާއެވެ. ނުކެރިފައި އިން ލިއަމްގެ އަތުގައި ހިފާ ޖޯލިން ނަގައިގެން ގޭތެރެއަށް ވަނީ ވެސް އަލްމާ އިސްވެ ހުރެއެވެ. އެ ދެމީހުން ގޭތެރެއަށް ވަންނާތީ ފެނި ޔުސްރާ ސުވާލުކޮށްލުމުން ޖަވާބު ދިނީ ވެސް އަލްމާއެވެ. ލިއަމް ފާޚާނާއަކަށް ދާންޖެހުނީއޭ ބުނެ ލިއަމް ގޮވައިގެން އަލްމާ ނިދާ ކޮޓަރިއަށް ވަނީއެވެ. ދުވަހަކުވެސް އިޙްސާސް ކުރެވިފައިނުވާ ފަދަ ލައްޒަތެއް ލިއަމްގެ ފުށުން އަލްމާއަށް ލިބިގެންދިޔައެވެ. ލިއަމްގެ ޒުވާންކަމާއި އެ ރީތި ސޫރައަކާއެކު އެ ހަށިގަނޑުގެ ޖޯރު ފެނި އަލްމާއަށް އެހެން އާލަމަކަށް ދަތުރުކުރެވުނު ފަދައެވެ. މީހަކާ އިނދެ ދަރިއަކު ލިބުން އިރު ވެސް އެފަދަ ތަޖުރިބާއެއް އޭނާގެ ނެތެވެ. ވަކިން ބޮޑަށް އަލްމާއަށް ލިއަމް ކަމުދިޔައީ އެހެންވެއެވެ. ބައެއް ފަހަރަށް އޭނާގެ އަންހެނުންގެ ކޯލު އަންނައިރު ލިއަމް ހުންނަނީ އެ ކޯލަށް ޖަވާބުދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އޭނާ އެކޯލުތަކަށް ސަމާލުކަން ނުދިނުންވީ އަލްމާއަށް ލިބުނު ކާމިޔާބަކަށެވެ. އޭނާއަށް ޤަބޫލުކުރެވުނީ އެހެންނެވެ. ނަމަވެސް ކުއްލިއަކަށް ލިއަމްގެ އަނބިމީހާ ކުރިމައްޗަށް އެރުމުން އަލްމާގެ ހިތްބިރު ގަތީއެވެ. ހޭޒަލްއަކީ އޭނާއަށް ވާދަކުރެވޭވަރަށްވުރެ ޒުވާންވެފައި ރީތި އަންހެނަކަށްވީމައެވެ. ލިއަމްގެ ގާތުގައި ހުންނައިރު އެ ޖޯޑު ނުހަނު ގުޅެއެވެ. ހޭޒަލް ލޯބިން އުޅޭގޮތް ފެނުމުން އަލްމާގެ ހިތުގައި ހަސަދައިގެ ރުޅިވެރިކަން އުފެދުނީއެވެ. ޔުސްރާއާއި ޝިޔާނު ތިބީ ލިއަމްއާއި ހޭޒަލްއާ އެއްކޮޅަށެވެ. ލިއަމްއާއެކު އަލްމާ ހޭދަކުރާ ވަގުތަށް އެމީހުން ހުރަސް ނޭޅިޔަސް އެމީހުން ވެސް ލިއަމްގެ ދިރިއުޅުމަށް އޭނާ ވަންނަން ނޭދޭ ކަހަލައެވެ. ލިއަމްގެ ދިރިއުޅުމުން ހޭޒަލް ބޭރުކޮށްލަންވީކަން އަލްމާ ވިސްނީ އެހެންވެއެވެ. ލިއަމްގެ ސަމާލުކަން ހޯދުމަށް އޭނާ ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. ލިއަމްގެ ޒާތީ ކަންކަމާ ސުވާލުކުރިއަސް ގިނަ ފަހަރަށް ފަށާނީ ކުރި ސުވާލާ ނުވެސް ގުޅޭ ވާހަކައެކެވެ. އެކަމާ މެދު މިހާރު އަލްމާ ވިސްނާލުމުން އެއްޗެއް ވިސްނެއެވެ. ލިއަމްއަކީ ކާކުކަން އޭނާއަށް ނޭނގޭކަމެވެ. އެންމެ ކުޑަމިނުން ލިއަމްގެ ފޯނު ނަންބަރު ވެސް އޭނާ ނުދިނެވެ. ލިއަމް ބުނަމުން އައީ އަލްމާ ގާތަށް ކޮންމެ ރެއަކު އަންނައިރު ފޯނުން ވާހަކަދެއްކުން މުހިންމެއްނޫން ކަމެވެ. އޭރު އަލްމާ ވެސް ހުރީ އުފަލުންކަމަށްވާތީ ލިއަމްގެ ހުރިހާ ވާހަކައަކާ އޭނާ ވެސް ހުރީ ރުހިގެންނެވެ.
ޚިޔާލުގެ ދާވަނިން ސޮއްސާލައިގެން ހަމަބިމަށް އަލްމާ ވެއްޓިއްޖެއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން އޭނާ ފުހެލިއެވެ. ލިއަމްގެ ސައިކަލު އައިސް އަލްމާގެ ބައިސްކަލު ހުރި ހިސާބުގަ މަޑުކޮށްލިއެވެ. ގޮތް ހުސްވެފައި ހުރި މީހަކު ފަދައިން އަލްމާ ހުއްޓެއްކަމަކު އޭނާ ލިއަމް ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. ރޮވިފައި ހުރެ އޭނާ ލިއަމްއާ ކުރިމަތިލިއެވެ.
"ޒެއްލުގެ ނަންބަރު އޭނާ ދިން.... އަހަރެން އޭނައަށް ގުޅާފަ ކިޔައިދޭނަން، ދެން ވެސް އޭނާ ލިއަމްދެކެ ލޯބިވާނެތަ؟" އަލްމާ މިހެން ބުނީ ބިރުން ހުރެއެވެ. ލިއަމްގެ ރައްދު އަންނާނޭގޮތެއް ނޭނގުނަސް އަލްމާ ޖެހިލުންވިއެވެ.
"އޯ... އެހިސާބަށް ވެސް ދިޔައީތަ؟.... އަހަރެން ހީކުރީ މިކަން ރީތިގޮތުގަ ނިމެން އަލްމާ ވެސް ބޭނުންވާނެކަމަށް، އަހަރެން މިތާކު އުޅޭކަށް ނުޖެހޭނެ، އެކަމަކު އަލްމާ އުޅެން އޮތީ މިރަށް ދޯ.... އަލްމާ ބޭނުންވަނީ ރަށުތެރެއަށް ބަދުނާމުވާންތަ؟" ނުރުހުމާއެކު ލިއަމް ބަލަން ހުއްޓެވެ. އަލްމާގެ މޫނުން ހައިރާންކަން ފާޅުވިއެވެ. އޭނާއަށް ލިއަމް އެބުނާ އެއްޗެއް ނޭނގޭ ކަހަލައެވެ.
"ލިއަމް ވެސް ބަދުނާމުވާނެ" އަލްމާ ބުންޏެވެ.
"ނުވާނެ... އަހަރެން އެވަރުގެ ހެއްކެއް އަލްމާ އަތަކަށް ދުލެއްނުކުރަން، އަހަރެންމީ ތިކަހަލަ މޮޔައެއްނޫނޭ، ހަނދާންނެތުނީތަ އަހަރެން އަތުގައި ހުރި ފޮޓޯތައް މަތިން.... ސޯޝަލް މީޑިއާގެ އެކަހަލަ ފޮޓޯތައް ބަލާނެ ބައިވަރު މީހުން އުޅޭ، ރައްޒާގަށް ފެނުނީމަ ކީކޭބާ ބުނާނީ" ލިއަމް ބުންޏެވެ. އަލްމާގެ މޫނުން ލޭ ހިނދި ހުދުވެގެން ދިޔައެވެ.
"ރަނގަޅު... ތިހެން ހިމޭނުން ހުންނަންވީ، އަހަރެން ވެސް ނޫޅެން އަލްމާގެ ދިރިއުޅުން ހަލާކުކޮށްލާކަށް، ކުރިން އުޅުނުހެން ދެން ވެސް އުޅެވޭނެއެއްނު" ލިއަމް ބުންޏެވެ. އަލްމާ ބަހެއް ވެސް ނުބުނެ ދިގުކޮށް ހެދިފައި ހުރި ވިނަތަކުގެ ތެރޭ އޮތް ބައިސްކަލު ނަގައިގެން މަގަށް ނުކުތެވެ. އަދި އެއަށް އަރާ ދުއްވާލިއެވެ. އަލްމާއާއި ލިއަމްއާ ދެމެދު ދުރުމިނެއް ބަހައްޓަމުން ލިއަމް ވެސް ސައިކަލުގަ ނައްޓާލީ އެނބުރި ދާށެވެ. ނަމަވެސް ޚިޔާލު ބަދަލުވެގެން އަލްމާގެ ބޯކޮލު ބަލަމުން އޭނާ ގޮސް ގެއަށް ވަންނަންދެން ލިއަމް ބެލިއެވެ. އަދި އޭނާ ގެއަށް ވަންކަން ޔަގީންވުމުން ޝިޔާނަށް ގުޅީ އެ ގޭ ދޮށުގައި ޝިޔާނުގެ ސައިކަލު ހުރުމުންނެވެ.
ދެމީހުން އައިސް އެރީ އާންމުކޮށް ކޮފީބޯން ތިބޭ ކެފޭއަށެވެ. އަލްމާއާ ދެމެދު ހިނގައިދިޔަ ކަންކަން ލިއަމް ކިޔާދިނެވެ. ފުރަން ހަމަޖެހިފަ އޮތް ގަޑި ވެސް ލިއަމް ބުންޏެވެ. އޭނާ ދާން އުޅޭކަން އަލްމާއަށް އެނގިގެން ނުވާނޭ ލިއަމް ތަކުރާރުކޮށް ޝިޔާނަށް ހަނދާންކޮށްދިނެވެ. އަދި އަލްމާއަކީ ލިއަމްއަށް ކުރިމަތިވި މުސީބާތެއްކަމުގައި ބުންޏެވެ. އިތުރަށް ކަންކަން ގޯސް ނުވަނީސް އޭނާ ބޭނުންވަނީ މިކަމުން ސަލާމަތްވާކަމުގައި ވެސް ބުންޏެވެ. ސަލާމަތް ވެވޭނީ އެ ރަށުން ލިއަމް ދިޔައިމަ ކަމަށް ވެސް ބުންޏެވެ.
* * * * *
ހެނދުނު ސައިބޯން މޭޒު ކައިރީ ޒައިދަންއާއި ޝަމާޢިލް އިނެވެ. އެމީހުންނަށްވުރެ ކުރީން ސައިބޮއެގެން ވީރާ އޮފީހަށްދާން ނުކުމެއްޖެއެވެ. ޒަފްރާއާއި މުހުސިނާ ވެސް މޭޒު ދޮށުގައި ސައިބޯން ތިއްބެވެ.
"ކީއްވެތަ އެތަނުން އެއްވެސް ހަދިޔާއެއް ހޭޒަލް ނުގެންދިޔައީ، މިއަދު ޒައިދަން އެގެއަށް ގޮސް އެމަންޖެ އާދެބަލަ، އެ ރަށުން އައިސް މިގެއަކަށް އަދި ނާދޭ.... ލިއަމް އަންނަނީ ކޮންދުވަހަކުންތަ؟ އަދިވެސް އެކަން ނިމޭކަށްނޫޅޭތަ؟ އަހަރެން ހީކޮށްގެން މިހުންނަނީ އެ ދެކުދީން އެކީގައޭ ދެން މާލެ އަންނާނީ... އަނބިން އެކަނި ބައިތިއްބާފަ އެހެން ދާކަށްނުވާނެ، ލިއަމްއަށް އެކަހަލަ ކަންކަން ވިސްނޭނެނަމައެއްނު" މުހުސިނާ ބުންޏެވެ.
"ލިއަމް ވަރަށް ވިސްނާނެ ހޭޒަލްއާ މެދު، އޭނާ ނުކުރާނެ ހޭޒަލް ދެރަވާވަރުކަމެއް، އެ ދެކުދީން އުޅެނީ ކިހާ ގުޅިގެން، އަދިވެސް އެ އުޅެނީ ރައްޓެހިވެގެން އުޅުނުއިރު އުޅޭހެން" ޝަމާޢިލް ކުޑަކޮށް ހީނލާފައި ބުންޏެވެ.
"ތިވެސް މައްސަލައެކޭ، ކައިވެންޏަށްފަހު ކުރީން ހުރި ކުޅޭކުޅޭ މިޒާޖު ދޫކޮށްލަން ޖެހޭނެ" މުހުސިނާ ބުންޏެވެ.
"މަންމާ!... ލިއަމް ވެސް ވިސްނާނެއޭ... އޭނާ ބުންޏޭ ވަރަށް އަވަހަށް އަންނާނަމޭ، މަންމަ ތިއުޅެނީ ޒެއްލު ނުފެނިގެން... އެހެންވެ ތިހާ ކަންބޮޑުތިވަނީ، ހުރޭ... އޮފީސް ނިންމާފަ އަންނައިރު އަންނާނީ ޒެއްލު ގޮވައިގެން" ޒައިދަން ބުންޏެވެ. އެކަމާ ޝަމާޢިލް ވެސް އެއްބަސްވިއެވެ.
* * * * *
ހަރުކޮށް ހިނގާލާފައި އަންނަ ދާރިއަން ފެނި އޭނާގެ ކެބިންގެ ބޭރުގައި އިން ތާރާ ސަމާލުކަމަށް އައެވެ. އަވަސް އަވަހަށް އަތުގައި އޮތް ފޯނުގެ އިސްކުރީނު ނިއްވާލައި މޭޒުގެ އަރިމަތިން މަތީ ވަތްގަނޑަށް އެ ލައިފިއެވެ. އިސްތަށިގަނޑު ރީތިކޮށްލައި ހިނިތުންވުމެއް ވެރިކޮށްލުމާއެކު ތާރާ ގޮނޑިން ތެދުވެލީ އިޙްތިރާމް އަދާކުރުމަށެވެ.
"ނޮޓް ނައު..." އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ދާރިއަންއަށް ލޮލުގެ ހިމަކޮޅުން ތާރާ ފެނުނެވެ. އޭނާ އެއްޗެއް ބުނަން އަނގަހުޅުވާލިކަން ވެސް އެނގުނެވެ. ނަމަވެސް ދާރިއަންއަށް އޭނާގެ ޕީއޭއަށް ސަމާލުކަން ދިނުން މުހިންމުނުވީއެވެ.
ދާރިއަން ކެބިންއަށް ވަދެ ދޮރު ލައްޕާލިތަން ފެނި ދަތްކުނޑި ވިކާލުމާއެކު ތާރާ މޫނުކުނިކޮށްލިއެވެ. ކުދިކިޔާލުމާއެކު އޭނާގެ މޭޒު ދޮށުގައި އިށީނެވެ. އަދި ޑެސްކްޓޮޕުގައި ހުޅުވާފައި ހުރި ދުވަހީ ތަވަލާއި މެއިލްތަކަށް ނަޒަރު ހުއްޓާލިއެވެ.
"ހާއި!... ގުޑް މޯނިން" އިވުނު އަޑުން ތާރާ އިސްއުފުލާލިއެވެ.
"ބޭޑް ޑޭ!... ކޮބާ ރިއާން... އެބައިންތަ؟" ހިނިތުންވެލައިގެން ހުރި ސާރާ ނިތްއަރުވާލަމުން ވާހަކަދެއްކިއެވެ. އެހިނދު ތާރާ ހިނިތުންވެލައިފިއެވެ.
"އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެއްނު... ބޮސްއާއެކު މީޓިންއެއް ނިންމާފަ ދެންމެ އައިސް އެވަނީ، އަހަރެން ހިތަށް އަރާ ސާރާއާ ވާހަކަދައްކަނީ ވެސް އެހާ އެރޮގެންޓްކޮށްބާއޭ... އެޓްލީސްޓް ވާހަކަދައްކާއިރު އެކަކުއަނެކަކަށް ބަލާނެ ދޯ" ތާރާ ބުންޏެވެ. އޭނާގެ ވާހަކަތަކަށް ސާރާ ޖަހާލީ ލުއި ހިނިގަނޑެކެވެ.
"އަންހެންކުދީން ހިތްކިޔާފާނެތީ ނުބަލަނީ... އެހެންނޫނަސް އަހަންނަށް ނުބުލަހާ ހުންނާކަށް ނުކެރޭނެއެއްނު" ސާރާ ހިނިއައިސްފަ ހުރެ ބުންޏެވެ.
"ކަމަކުތަ ސާރާ؟..." ތާރާ އެއްސެވެ.
"ތާރާ އިނދޭ... އަހަރެން މިއައީ ދާރިއަން ގާތަށް، ބައްޕަ ބުންޏޭ މިއަދު ޒުކަން އަންކަލްއާއެކު މީޓިންއެއް އޮތް ވާހަކަ، އެހެންވެ ތަންކޮޅެއް ލަހުން ވެސް މިއައީ" ސާރާ މިހެން ބުނެ ދާރިއަންގެ ކެބިންއަށް ވަންނަން ހިނގައިގަތެވެ.
ސާރާގެ ދިގު ފަން އިސްތަށިގަނޑު ދޫކޮށްލާފައި ހުރިއިރު ކުރިމައްޗަށް ދެފަރާތުން ބައެއް ގެނެސްފައި އޮތެވެ. އޮޅަލި ކުލައިގެ ހަމުގައި އޭނާއަކީ އާދައިގެ އިސްކޮޅެއް ލިބިފައިވާ ބުރުސޫރަ ރީތި އަންހެން ކުއްޖެކެވެ. ޒުކަންއާއެކު މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ އެކުވެރިޔާ ހާނިމްގެ ހަގު ދަރިފުޅެވެ. އުމުރުން ތޭވީސް އަހަރުގެ ޒުވާނެކެވެ. އަތްދިގު ގަޔަށް ދޫ ބްލައުޒްކޮޅު ޕެންސިލް ސްކާޓްގެ ދަށަށް ޖަހާލައި ހިމަ ބެލްޓެއް އަޅާފައި ހުރިއިރު އޮފީހުގެ މާޙާއުލާ ސާރާގެ ހެދުން އެޅުން ނުހަނު ގުޅެއެވެ. ފަރިތަކަމާއެކު ނޫޑް ކުލައިގެ އުސް ބޫޓުގައި ފަރިކޮށް އައިސް ދާރިއަންގެ ކެބިންގަ ސާރާ ޓަކިދީފިއެވެ. އެއާއެކު ޖަވާބެއް ލިބެންދެން މަޑުކުރުމެއްނެތި އޭނާ ދޮރުހުޅުވާލިއެވެ.
(ނުނިމޭ)