ބޮލީވުޑް

ސާނާޔާ ބޮލީވުޑަށް ތައާރަފުވާނީ "ގޯސްޓް" އިން

ވިކްރަމް ބަޓް އަކީ ބިރުވެރި ފިލްމުތައް ވަރަށް ފުރިހަމައަށް ހުށަހަޅައިދޭ ޑައިރެކްޓަރެކެވެ. އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ގޯސްޓް" އަކީ ވެސް ވިކްރަމް ހުށަހަޅައިދޭ ވަރަށް ބިރުވެރި ފިލްމެކެވެ. ވިކްރަމް އަށް މި ފިލްމަކީ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ސަބަބަކީ "ގޯސްޓް" ގައި ކިޔައިދެނީ އެމެރިކާގައި ވިކްރަމް އަށް ކުރެވުނު އޭނާގެ އަމިއްލަ ތަޖުރިބާ ތަކަކަށް ވާތީ އެވެ.

މި ފިލްމަކީ ޓީވީ ބަތަލާ ސަނާޔާ އިރާނީ ބޮލީވުޑަށް ތައާރަފްވާ ފިލްމު ވެސް މެއެވެ. ސަނާޔާ އެންމެ ގިނަ ބަޔަކު ދަންނަނީ ސްޓާ ޕްލަސްގެ ކާމިޔާބު ސިލްސިލާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގައި އޭނަ އަދާކުރި ޚުޝީގެ ރޯލުންނެވެ. ސަނާޔާގެ އިތުރުން މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރާ އަނެއް ތަރިއަކީ ޝިވަމް ބަރްގަވާ އެވެ.

ބިރުވެރި ފިލްމު ބަލާހިތްވާ މީހުންނަށް "ގޯސްޓް" އަކީ ބަލާލަން ވަރަށް ރަނގަޅު ފިލްމެކެވެ.

މި ފިލްމުގެ ވާހަކަތައް ކިޔައިދީ ވިކްރަމް ޝެއާކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވާ ގޮތުގައި މި ފިލްމުގައިވާ ގޮތަކީ ޖޯންސަން ކިޔަ މީހެއް އޭނާ ކުއްޔަށް ހިފައިގެން ހުންނަ ގޭގެ ވެރިމީހާ މަރާލަނީ އެވެ. ކޯޓަށް ގެންދިއުމުން ކޯޓުގައި ޖޯންސަން ބުނަނީ އެކަން ކުރީ އޭނާގެ ހަށިގަނޑަށް ވަދެފައިވާ ގޯސްޓެއް ކަމަށެވެ. ނަމަވެސް ޖަޖް އެ ވާހަކަ މުޅިއަކުން ގަބޫލެއް ނުކުރެ އެވެ. އެމީހާގެ ކުށެއް ނެތް ކަން ސާބިތު ކޮށްދޭނެ ގޮތަކާ މެދު އެހިސާބުން ސުވާލު އުފެދެ އެވެ. މީހަކު މަރާލާފައި އެ މީހަކު މަރާލީ ގޯސްޓެކޭ ބުންޏަކަސް އެކަކުވެސް ގަބޫލެއް ނުކުރާނެ އެވެ. ވިކްރަމްގެ "ގޯސްޓް"ގައި ދައްކަނީ މި ވާހަކަ އެވެ.

ގޯސްޓް ނުވަތަ ރޫހަކީ އުޅޭ އެއްޗެއް ކަމަށް ވިކްރަމް ވަރަށް ބޮޑަށް ގަބޫލު ކުރެ އެވެ. މިސާލެއްގެ ގޮތުން އޭނާ ނެގީ އިންޓަނެޓުގައި ހުރި މިފަދަ ބައެއް ހާދިސާތަކުގެ ވީޑިއޯ ތަކެވެ.

އޭނާ ބުނަނީ ގޯސްޓަކީ އުޅޭ އެއްޗެއްކަން މި ފިލްމުން އޭނާ ވަރަށް ރަނގަޅަށް ސާބިތު ކޮށްދޭނެ ކަމަށެވެ.