ކުޅިވަރު

ނަމުން ވިކްޓަރީ، މަސައްކަތަށް ސުމެއް!

ވިކްޓަރީގެ މިހާރުގެ ޗެއާމަން، ޑރ. އިބްރާހިމް ނާޝިދު (ނާޝް)، ވިކްޓަރީގެ ޗެއާމަންކަމަށް މިދިޔަ އަހަރު ޑިސެމްބަރު މަހު އިންތިހާބުވެ ވަޑައިގެންނެވި ބައްދަލުވުމުގައި ވިދާޅުވީ މި ވާހަކަ އެވެ.

"އެހެން އެއްވެސް މީހަކު މިކަމަށް ވަގުތު ނުދިނަސް އަޅުގަނޑުގެ އަމިއްލަ ވަގުތު ހުސްކޮށްގެން ވެސް ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން." މިދިޔަ އަހަރު ޑިސެމްބަރު މަހު ގަލޮޅު މަދަރުސާގައި ބޭއްވި އިންތިހާބަށް ފަހު ނާޝިދު ވިދާޅުވި އެވެ. ހަމަ އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ވިކްޓަރީ މިހާރު އޮތީ ހަމައެކަނި ފުޓްބޯޅަ ކުލަބެއްގެ ގޮތުގައި ކަމަށާއި "ވިކްޓަރީ ސްޕޯޓްސް ކުލަބު" ގެ ނަމާ އެއްގޮތަށް ކުޅިވަރު ކުލަބަކަށް އެ ޓީމު ބަދަލު ކޮށްލައްވާނެ ކަމަށެވެ.

ނާޝިދުއަކީ ވިކްޓަރީގެ ގެއަކުން ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅު ކެނެރީ އަބްދުސައްތާރަކީ ވިކްޓަރީގެ ހިދުމަތްތެރި ހިންގުން ތެރިޔެކެވެ. އެއް ދުވަސްވަރެއްގައި ވިކްޓަރީގެ ކުޅުންތެރިން މެޗުތަކަށް ދަނީ ކެނެރީގެއިން ނުކުމެގެންނެވެ. މެޗުގެ ޕްލޭނާއި ވިނިން ފޯމިއުލާ ރާވަލަނީ ކެނެރީގޭގައި ތިބެގެންނެވެ. ވިކްޓަރީގެ ޗެއާމަން ކަމަށް ނާޝިދު ވަޑައިގެންނެވުމުން އަލުން ވިކްޓަރީގެ ހާލަތު ރަނގަޅު ވާނެ ކަަމަށް ސިފަކޮށް އެކި ފަރާތްތަކުން ވާހަކަ ދެއްކި އެވެ. އެކަމަށް އުންމީދު ކުރި އެތައް ބަޔަކު ތިއްބެވެ.

މިއަހަރުގެ ސީޒަން ލަހުން ފެށައި، އެވަރުން ނުވެގެން ގިނަ ބްރޭކުތަކުގައި މަޑުގިނީގައި ކުރިއަށްދާއިރު ވެސް ވިކްޓަރީގެ ހާލަތު ރަނގަޅެއް ނުވި އެވެ. ކޮންމެ ބްރޭކަކަށް ފަހު އަލުން ފަށާއިރު ވިކްޓަރީގެ ހާލަތު އޮންނަނީ ކުރިއަށް ވުރެ ބޮޑަށް ގޯސްފަ އެވެ. ވިކްޓަރީގެ ކޯޗް ކަމުން މިދިޔަ މަހު އިސްތިއުފާ ދިން މުހައްމަދު އާދަމް، ވަނީ ވިކްޓަރީގެ މެނޭޖުމެންޓުން ފަރުވާ ކުޑަ ކޮށްލައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. މިހާރު އެ ކުލަބު އޮތީ އެ ހާލަތަށް ވެއްޓިފަ އެވެ.

ނާޝިދުގެ ފަހަތުން، ވިކްޓަރީގެ ވައިސް ޗެއާމަން ކަމަށް ވަޑާއިގެންނެވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓާ މައުރޫފް އަހްމަދު (މާއްޓޭ) އެވެ. ވިކްޓަރީއަށް ކުޅެ، ކޯޗް ކޮށްދީ ގިނަ ކާމިޔާބުތަކެއް މާއްޓޭ ހޯދައި ދިނެވެ. އެހެން ނަމަވެސް ވިކްޓަރީގެ ލިޑާޝިޕަށް ވަޑައިގެން އޭނާ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނުދެއްވައެވެ. އެންމެ ފަހުން ސްޕޯޓްސް ކޯޕަރޭޝްންގެ މަގާމަށް ވަޑައިގަންނަވަން ވެގެން ވިކްޓަރީން އިސްތިއުފާ ދެއްވީ އެވެ.

މިއަހަރު ލީގްގައި ކުޅެން އޮތް ދެ މެޗު ވިކްޓަރީ ނުކުޅެ ދޫކޮށްލައިފި އެވެ. މިއީ ބޮޑު މައްސަލައެކެވެ. ވިކްޓާރީގެ ކުރީގެ ހިދުމަތްތެރިން ބުނެ އުޅޭ ވާހަކަ އޮވެއެވެ. ވިކްޓަރީގެ ޖޯޒީ ގަޔަށް މަހާލައިގެން ނުކުނަން ކޮންމެ ވަގުތަކީ ދޫދިނުމެއް ނެތި ބުރަކޮށް މަސައްކަތް ކުރާނެ ވަގުތެކެވެ. ވިކްޓަރީއަކީ ކަށިން ހިތްވަރު ނެރޭނެ ޓީމެކެވެ. މި އަހަރުގެ ޖޫން މަހު ވިކްޓަރީގެ ޒުވާން ޓީމުގެ ކުޅުންތެރިންނާ ބައްދަލު ކުރުމަށް ޓާފް ދަނޑުގައި ބޭއްވި ބައްދަލުވުމުގައި ވެސް ކުޅުންތެރިންނާ މުހާތަބުކޮށް މައުރޫފް ވިދާޅުވީ އެ ވާހަކަ އެވެ.

އެހެން ނަމަވެސް ވިކްޓަރީގެ ހާލަތު ބަދަލު ކުރުމުގައި ލިޑާޝިޕް ފެއިލް ވެއްޖެ ކަމަށް ބުނުމުގެ ފުރުސަތު މިހާރު އެބައޮތެވެ. ނުކުޅެ ދޫކޮށްލި ގްރީން ސްޓްރީޓް މެޗަށް ފަހުވެސް ވިކްޓަރީގެ ލީޑަޝިޕުން ތުހުމަތު އެޅުވީ އެފްއޭއެމްގެ ބޮލުގަ އެވެ. އެފްއޭމުން ދޭން ޖެހޭ ފައިސާ ނުލިބޭތީ ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތް ވާހަކަ އެވެ. އެފްއޭއެމުން މަސައްކަތް ކުރަނީ ވިކްޓަރީއަށް ގަސްތުގައި ގެއްލުން ދޭން ކަމަށް ތުހުމަތައް ކުރި އެވެ. އަދި އެފްއޭއެމުން އެހެން ކުލަބުތަކާއި ވިކްޓަރީއާ ތަފާތު ކުރުން ގެންގުޅޭ ވާހަކަ ވެސް ވިކްޓަރީގެ ވެރިން ދައްކަވަ އެވެ.

އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް މިއަހަރު ކުލަބުތަކުން ކުރި މަސައްކަތުގައި ވިކްޓަރީން އިސްވެ ބައިވެރިވުމުން އެފްއޭއެމްގެ ވެރިންގެ ނުރުހުން ވިކްޓަރީއަށް އަމާޒުވުމުގެ ޖާގައެއް އެބައޮތެވެ. ދޭން ޖެހޭ ފައިސާ ވެސް ހިފަހައްޓައި އޮތް ސަބަބަކީ އެއީ ކަމަށްވެސް ފަހަރެއްގައި ވެދާނެ އެވެ. އެހެންވިއެކޭއެއް ނޫނެވެ. އެކަމަކު އެފްއޭއެމުން ދޭން ބުނާ ފައިސާއަށް އެކަނި ކްލަބެއް ބަރޯސާވެގެން އޮތުން އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

އެހެން ކުލަބުތަކަށް ވެސް މާލީގޮތުން މައްސަލަ ވަނީ ކުރިމަތި ވެފަ އެވެ. ނަމަވެސް ޓީމު މެޗަށް ހަމަވާ ހިސާބަށް ދިޔަ ނުދީ އެ ޓީމުތަކުން ހިފަހައްޓަ އެވެ. ވިކްޓަރީއަށް ފައިސާ ހޯދަން މަސައްކަތް ފައްޓަވާފައިވާ ކަމަށް މި އަހަރުގެ ޖުލައި މަހު ނާޝިދު ވިދާޅުވި އެވެ.

"ޗަންދާ ކަލެކްޓް ކުރެވޭނެ ސިސްޓަމް ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ތައްޔާރު ވާނެ، ކުލަބަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދަން އެހެން ގޮތްތައް ވެސް ރާވަމުން އަޅުގަނޑުމެން މިގެން ދަނީ." ޖުލައި މަހު އަވަސް އާ ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވި އެވެ. މިހާރު އޮކްޓޫބަރުގެ މެދާ ހަމަވީއެވެ. ވިކްޓަރީގެ ހާލަތު އެ ޓީމަށް ރަނގަޅެއް ނުކުރެވުނެވެ.

މިދިޔަ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ މުބާރާތުގައި ވިކްޓަރީގެ ބައެއް ކުޅުންތެރިން ޒުވާން ގައުމީ ޓީމުގައި ހިމެނޭތީ ޓީމު ހަމަ ކުރުމުގައި ގޮންޖެހުން ހުރި ކަމަށް އެ ޓީމުން ބުންޏެވެ. ގައުމީ 19 އަހަރުން ދަށުގެ ޓީމު އަންނަން ދެން ވިކްޓަރީގެ މެޗުތައް ފަސް ކޮށްދިނުމަށް އެދި އެ ކުލަބުން އެފްއޭއެމް އަށް ރަސްމީކޮށް ސިޓީ ހުށަހެޅި އެވެ.
އެފްއޭއެމުން ވިކްޓަރީ އެދުނު ގޮތަށް ކަންތައް ކޮށެއް ނުދިނެވެ. ކުޅުނު ދެ މުބާރާތް ނިންމާލުމަށް ފަހު 19 އަހަރުން ދަށުގެ ޓީމު މާލެ އައިސް ހަމަޖެހި ނިމިއްޖެ އެވެ. އެއަށްފަހު ކުޅެން ހަމަޖެހިފައި އޮތް ފުރަތަމަ މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމައެއް ނުވި އެވެ.

ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް އެ ޓީމުގެ މެނޭޖުމެންޓުން މަސައްކަތް ކުރަމުން ދާނަމަ މިހާލަތު ތަކުރާރު ވާކަށް ނުޖެހޭނެ އެވެ. އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އެކަން ކުށްވެރިކޮށްފައި ވާހަކަ ދައްކާއިރު ކުލަބު ހިންގާނެ ފައިސާ އަމިއްލައަށް ޖެނެރޭޓް ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެހެންނަމަވެސް އެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ޓީމު ދިޔައީ އަޑިއަށެވެ.