ޝަރުއީ ދާއިރާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރު ކުރަން ފަށައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަން ފަށައިފި އެވެ.

ޖޭއެސްސީ ޑިރެކްޓަރު ހަސަން ޒަހީން "އަވަސް" އަށް މިރޭ ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތުތަކެއްގައި ވެސް އެ ކޮމިޝަނަށް އެ ކޯޓުގެ ބައެއް ފަނޑިޔާރުން ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ހާޒިރު ކުރީ ކޮން ފަނޑިޔާރުންނެއް ކަމެއް ވިދާޅެއް ނުވި އެވެ.

ޒަހީން ވިދާޅުވި ގޮތުގައި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރަމުން ދަނީ އެ ކޮމިޝަނަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން މިހާރު އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގަ އެވެ. އެ ގޮތުން އެހެން ކޯޓުތަކުގެ ފަނޑިޔާރުން ވެސް ހާޒިރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިހުތިސޯސުން ބޭރުން ކޮށްފައިވާ ގާނޫނުތަކާ ހިލާފު ކަންކަމާ ގުޅިގެން އެ ކަމުގައި ބައިވެރިވެވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. އަދި އިހުތިސޯސުން ބޭރުން ކޮށްފައިވާ އިތުރު ކަމެއް ފާހަގަވެއްޖެނަމަ އެ ކަމެއް ވެސް ތަހުގީގު ކުރާނެ ކަމަށް ޖޭއެސްސީން މީގެ ކުރިން ބުނެފައިވެ އެވެ.

ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރަން ފަށާފައިވާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރުމަށް ވަޑައިގެންނެވި ސައުތް އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އެކުލަވާލެއްވި ރިޕޯޓްގައި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން އެންމެ ފުރަތަމަ ކުރަންވީ ކަމަކަށް ފާހަގަކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށެވެ.

ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިހުތިސޯސްގެ ބޭރުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމުގެ މައްޗަށް ޖޭއެސްސީން ވަނީ ރިޕޯޓެއް ވެސް އެކުލަވާލާފަ އެވެ. އެ ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވާއިރު، އެ ރިޕޯޓްގައި އިހުތިސޯސްގެ ބޭރުން އެ ކޯޓުން ކޮށްފައިވާ 17 ކަމެއް ފާހަގަކޮށްފައިވެ އެވެ.

މީގެ ކުރިން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ޖޭއެސްސީގެ ރައީސް ކަން ވެސް ކުރައްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބަލައި ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީން ކުރިން ނިންމާފައިވެ އެވެ.