ހަބަރު

ސީއެސްސީގެ ނައިބު ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީން ޝަހީދު ވަކި ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަން ބޭނުންވާތީ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، ކޮމިޓީއަކުން އެއްވެސް މުއައްސަސާއެއްގެ އިސް ބޭފުޅެއްގެ މައްސަލައެއް ބަލަން ބޭނުންވާނަމަ، ސިޓީއެއް މެދުވެރިކޮށް އެ ކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. އަދި ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި ސީއެސްސީގެ މެންބަރު ކަމުން ޝަހީދު ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅީ ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންގެ ހައްގަށް އޭނާ އަރައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ. މީގެ ކުރިން ވެސް އެ ތުހުމަތުގައި އޭނާ ވަކި ކުރުމަށް އެދި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެ ކޮމިޓީއަށް ހުށަހެޅުއްވި އެވެ.

ސީއެސްސީގެ މެންބަރު ކަމުން ޝަހީދު އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގަ އެވެ. ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ހެލްތް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމެއްގަ އެވެ.