ހަބަރު

ފިޔަވަޅަށް އިހުތިރާމް ކުރަން، ހިޔާނާތެއް ނުވަން: ޝަޒައިލް

Oct 16, 2019

ހުށަހެޅި ޝަކުވާއަކާ ގުޅިގެން، މަގާމުން ސަސްޕެންޑް ކުރި ކުރުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަޖުރަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޝަޒައިލް ސަސްޕެންޑް ކުރީ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ހޫދު ވިދާޅުވި ގޮތުގައި، ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ސައްހަ ކަމަށް ބެލެވެ އެވެ. އެހެންވެ އެކަން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑް ކުރީ އެވެ.

އެކަމާ ގުޅިގެން، ޝަޒައިލް ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ. ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން،" މިއަހަރުގެ ޖެނުއަރީ މަހު މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް އައްޔަން ކުރި ޝަޒައިލް ވިދާޅުވި އެވެ.

ޝަޒައިލް ވަނީ ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭގެ ފަހުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޭނާ ވަކިކުރެއްވީ 2017 ވަނަ އަހަރު އެވެ.