ލައިފްސްޓައިލް

އެގްޒީމާ ހުންނަ ކުދިންގެ ބެލެނިވެރިން ޑިޕްރެޝަނަށް ދޭ

ކުޑަކުދިންނަށް ދިމާވާ ހަމުގެ އެންމެ އާއްމު މައްސަލައަކީ އެގްޒީމާ އެވެ. މިއީ އެޓޮޕިކް ޑާމަޓައިޓިސް ހުންނަ ކުދިންނަށް އެންމެ އާންމުކޮށް ދިމާވާ މައްސަލަ އެވެ.

އެގްޒީމާގެ ސަބަބުން ކުދިންގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެ ވަރަށް ބޮޑެތި ތަކުލީފު އެކުދިންނަށް އުފުލަން ޖެހެ އެވެ. އަދި މިއީ އެކުދިން ގެންގުޅޭ މީހުންނަށް ނުވަތަ އެ ކުދިންގެ މައިންބަފައިންނަށް ހިތްނުތަނަވަސްކަމާއި ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ސައިންސްވެރިން މި ހޯދުން ހޯދުމަށް އުމުރުން އެއް އަހަރާއި ހ އަހަރާ ދެމެދުގެ 35 ކުއްޖެއްގެ ހާލަތު ބަލާފައި ވެއެވެ. އަދި އެކުދިންނަށް އެގްޒީމާގެ ސަބަބުން ލިބޭ އުނދަގޫތައް ފެނިފައި އެކުދިން ބަލަހައްޓާ މީހުން ނުވަތަ ކުދިންގެ މައިންބަފައިންނަށް ކުރާ އަސަރާއި އެމީހުންނަށް ކުރިމަތިވާ ޑިޕްރެޝަންގެ މައްސަލަތައް ވެސް ބަލާ ދިރާސާ ކުރި އެވެ.

މި ކުދިންގެ އާއިލާތަކުގައި ހިމެނުނު 83 މެމްބަރަކާއި ކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުންނާ ސުވާލުކޮށް އަދި އެނޫން ގޮތްގޮތުން މި އާއިލާތަކުގެ މައުލޫމާތު ސައިންސްވެރިން ވަނީ ހޯދާފަ އެވެ.

މި ހޯދުމުން އެނގުނު ގޮތުގައި އެގްޒީމާގެ ސަބަބުން ހަންގަނޑު ހަލާކުވެގެން ކުދިންނަށް އުނދަގޫ ތަހައްމަލު ކުރަން ޖެހޭ ދުވަސްތައް ގިނަވާ ވަރަކަށް އެކުދިން ބަލަހައްޓަން ތިބޭ މީހުން ސްޓްރެސްވެ ޑިޕްރެޝަނަށް ދާ މިންވަރު އިތުރުވެ އެވެ.

އެގްޒީމާ އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަންގަނޑު ހިރުވާ ހަލާކުވެ އެވެ. ޚާއްސަކޮށް ފައިގެ ދޯނގިދޮށާއި ކަރާއި ދަތްދޮޅިއާ ގުޅޭ ހިސާބު ފަދަ ތަންތަނުގައި ބިހިނަގައި ހަލާކުވެ އެވެ. މި ބަލި ހުންނަ ކުދިންނަށް މިހާރު ދެވެނީ ވަގުތީ ހައްލަކެވެ. އެއީ ހަންގަނޑުގެ ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަ ކުރުމަށް ބޭހެއް އުނގުޅާލުން ފަދަ ކަމެކެވެ.