ހަބަރު

ބޮޑު ހިޔާނަތް ފަޅާއަރުވާލި ގާސިމް އެމްސީއައިއެފްގެ ޗެއާމަންގެ މަގާމަށް

Oct 16, 2019
7

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ގާސިމް އަބްދުލް ކަރީމް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) ގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ޖަލަށްލުމަށް ހުކުމްކުރި ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް މިނިވަންވެފައި ވަނީ 2016 ވަނަ އަހަރު އެވެ.

އޭނާ ޖަލަށް ހުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަން އާ ގުޅުން ހުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.

އޭގެ ފަހުން، މި މަހު ކުރީކޮޅު، ސަރުކާރުން ވަނީ ގާސިމް ފަދަ ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނުމުގެ ގާނޫނެއް ވުޖޫދު ކޮށްފަ އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބޭ އެތައް ކަމެއް ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ބިރު ދެއްކުމާއި ވަޒީފާ އިން ވަކި ކުރުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކަހެރި ކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކޮށްފައިވާ ފަރާތްތަކަށް އެ ގާނޫނު ނުހިނގާނެ އެވެ. ނަމަވެސް ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ވިސްލްބްލޯ ކުރުމަށް އެ ގާނޫނު ހުރަހެއް ނާޅާނެ ކަމަށް ބިލުގައިވެ އެވެ.

އެމްސީއައިއެފް އަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްގީކުރުމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގުސަދުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2016 ވަނަ އަހަރު އުފެއްދި ސެންޓަރެކެވެ.