ހިޔާނާތް

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ބިލިއަނަރަކު ހައްޔަރުކޮށްފި

ރާއްޖޭގެ ޓޫރިޒަމްގައި ނުފޫޒުގަދަ ސިންގަޕޫރުގެ ބިލިއަނަރު -- އޮންގް ބެންގް ސެންގް ހައްޔަރުކޮށްފި އެވެ.

ސިންގަޕޫރުގެ ނޫސްތަކުގައިވާ ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ އެކު ކުރައްވާފައިވާ މުއާމަލާތްތަކެއް ފަޅާއަރައި އެއީ ކޮރަޕްޝަނާ ގުޅުންހުރި މުއާމަލާތްތަކެއްގެ ތުހުމަތު ގައެވެ.

އޮންގްގެ މައްސަލަ ސިންގަޕޫރުގެ އެންޓި ކޮރަޕްޝަން އޮފީސް -- ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.

އޮންގްގެ ކުންފުނި -- ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް އަދި އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށެވެ.

އޮންގްގެ ބައިވެރިވުން އޮތް ރާއްޖޭގެ ރިސޯޓްތައް

  • ސިކްސް ސެންސަސް ބައި ލާމު
  • ބަނޑޮސް އައިލެންޑް ރިސޯޓް
  • ކޮކޯ އައިލެންޑް ރިސޯޓް
  • ކަނޑޫމާ ރިސޯޓް
  • ހޮލިޑޭ ރިސޯޓް
  • ކޮމޯ މާލެފުށި
  • ގިލިލަންކަން ފުށި ރިސޯޓް
  • ލަނޑާގިރާވަރު ރިސޯޓް
  • ފޯސީޒަން ކުޑަހުރާ ރިސޯޓް

އޮންގް އަކީ ސިންގަޕޫރުގައި ތިއްބެވި ބިލިއަނަރުންގެ ތެރެއިން ލިސްޓްގެ 25 ވަނަ އެވެ. އޭނާގެ މިލްކިއްޔާތު ދެ ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ -- އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ބޭފުޅުންގެ ތެރޭގައިވެސް އޮންގްގެ ނަން އޮވެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީ -- "ސްޓީލިން ޕެރަޑައިސް"ގައި ވެސް އޭނާގެ ނަން ހިމަނާފައިވެ އެވެ.