އައިޝްވާރިޔާ ރާއީ

މަނީ ރަތުނަމްގެ ފިލްމަކަށް އައިޝްވަރިޔާ

މަޝްހޫރު ފިލްމު ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން" ކިޔާ ތަމަޅަ ފިލްމެއް ކުޅެން އައިޝްވަރިޔާ ރާއީ ސޮއި ކޮށްފި އެވެ. ފިލްމުގައި ސޮއި ކުރިކަން ޔަގީން ކޮށްދެމުން އައިޝްވަރިޔާ ބުނީ މަނީ ރަތުނަމް އަކީ އޭނާއަށް މަގު ދައްކައި ދިން އެދުރެއް ކަމަށާއި އަބަދުވެސް އޭނާއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވަރަށް ހިތްގައިމު ކަމަށެވެ.

މި ފިލްމު ބިނާ ކޮށްފައިވަނީ ކަލްކީ ކްރިޝްނާމުރްތީގެ ހަމަ މި ނަން ކިޔަ ފޮތަކަށެވެ.

ގިނަ ދުވަސް ތަކަކު ފިލްމެއް ކުޅެން ސޮއި ނުކޮށް ހުރުމަށްފަހު އައިޝްވަރިޔާ އާ ފިލްމެއް ފަށާކަން އެނގުމުން އޭނާގެ ފޭނުން ވަނީ ވަރަށް އުފާވެފަ އެވެ. ޚާއްސަކޮށް މަނީ ރަތުނަމް ޑައިރެކްޓްކުރާ ފިލްމެއް އައިޝްވަރިޔާ ކުޅުމަކީ ގިނަ ބަޔަކު އަބަދުވެސް ވަރަށް އެދޭ ކަމެކެވެ.

"ޕޮންނިޔިން ސެލްވަން"ގައި އައިޝްވަރިޔާ ކުޅެނީ ޑަބަލް ރޯލު ކަމަށް ވެއެވެ. މިއީ މަނީ ރަތުނަމްގެ ފިލްމެއްގައި އައިޝްވަރިޔާ މަސައްކަތްކުރާ ހަތަރު ވަނަ ފަހަރެވެ.

އައިޝްވަރިޔާ ފިލްމީ ދުނިޔެއަށް ތައާރަފްވީ ވެސް މަނީ ރަތުނަމްގެ ފިލްމަކުންނެވެ. އެއީ ތަމަޅަ ފިލްމެއް ކަމަށްވާ "އިރުވަރް" އެވެ. އޭގެ ފަހުން މަނީ އުފެއްދި ހިންދީ ފިލްމު "ގުރޫ" އާއި "ރާވަން" ގެ ބަތަލާގެ ރޯލު އައިޝްވަރިޔާ ވަނީ ކުޅެފަ އެވެ.

އައިޝްވަރިޔާ އެންމެ ފަހުން ކުޅެފައިވަނީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ ބަތަލުގެ ބައި ކުޅުނު "ފަންނޭ ޚާން" އެވެ.