ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުކުމް ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރެއިން ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދެވި ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު ވެރިކަން ކުރި ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގައި ވަނީ ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު، ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ. އަދި ބޭރުގެ ރަށްވެހިކަން އޮންނަ މީހަކަށް ވެސް ވާދަ ކުރެވެނީ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ.
މިދިޔަ އަށާރަވަނަ މަޖިލީހުން ރިޔާސީ އިންތިހާބުގެ ގާނޫނަށް އެ ބަދަލު ގެނެސްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖޭން ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވި ދުވަސްވަރުގަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކުނު ގޮތުގައި ރިޔާސީ އިންތިހާބުގެ ގާނޫނަށް އެ ބަދަލު ގެނައީ އެ ލީޑަރުންނަށް އަމާޒުކޮށްފަ އެވެ.
ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ނަމަވެސް ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފިނަމަ ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ގާނޫނު އަސާސީގައި އަދި ގާނޫނެއްގައި ވެސް ކަނޑައަޅާފައެއް ނޯވެ އެވެ.
ބޭރުގެ ރަށްވެހިކަން އޮންނަ މީހެއްނަމަ، ވަކި މުއްދަތެއް ފަހުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖެހޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެންނަން ނިންމީ ބޭރުގެ ބައެއް ގައުމުތަކުން ވެސް އެ އުސޫލަށް އަމަލު ކުރާތީ ކަމަށް ޕީޕީއެމްއިން އޭރު ބުންޏެވެ.