ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެންގެ ރިޕޯޓް ވަރަށް ނުރައްކާ: ޑރ. ފަވާޒް

Oct 16, 2019
6

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ވިދާޅުވެ، ކޮންމެ އެދުރަކު ވެސް އެ ބޭފުޅެއްގެ ބަސް ވިދާޅުވާން ޖެހޭ ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ފަވާޒް މިހެން ވިދާޅުވީ އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށާ އެކަން ކުރާނަމަ ހުއްޓުވަން ސަރުކާރުން އަންގާފައި ވަނިިކޮށެވެ.

ފަވާޒް ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް އެމްޑީއެން އިން ލިޔެފައިވާ ރިޕޯޓް އޭނާ ވިދާޅުވި ކަމަށާ އެ ރިޕޯޓުން ރާއްޖޭގެ އިސްލާމް މުގައްރަރާއި ގުޅުވައި އިސްލާމް ދީނާ ދެކޮޅަށް ލިޔެފައިވާ އެތައް ވާހަކައެއް ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން އިސްލާމް ފޮތުގައި ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށާއި ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއް ކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ ވެސް ފާޑު ކިޔައިފައިވާ ކަމަށެވެ.

އަދި ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވުމާއި، މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭ ކަމެއް ކަމަށާއި އެކަން އެގޮތައް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށް ވެސް ލިޔެފައިވާ ކަމަށެވެ.

މީގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާން ވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި އެކަމަށް ވެސް ފާޑު ކިޔައިފައިވާކަން ފަވާޒްވި ދާޅުވި އެވެ.

އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވރިޕޯޓުގައި ލިޔެފައިވުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ކުރިން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައި އޮތުމުން ވެސް ވަނީ ފާޑުކިޔާފަ އެވެ.

މުސްލިމުންނަށް ހަރާން ކުރައްވާފައިވާ ޣީބަ ބުނުމާއި ދުރުވުމަށް އިސްލާމް މުގައްރަރުގައި ބަޔާންކޮށްފައި އޮތްއޮތުމަކީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލުފާޅުކުރުމުގެ ހައްގު ނިގުޅައިގަނެވޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވުމާއި، އިސްލާމް ދީނަކީ ހައްގު ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާ ދޭތެރޭ އެރިޕޯޓުގައި ފާޑު ކިޔައިފައިވުންވެސް ވަނީ ފާހަގަކޮށްފައެވެ.

ޑރ. ފަވާޒް ފާހަގަ ކުރައްވާފައިވާ ކަންކަން

  • އިސްލާމް ފޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށަނީ ﷲ ވޮޑިގެންވުމަކީ ސުވާލު ނުއުފެދޭވަރަށް ޔަގީންވާ ކަމެއްކަމުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ ﷲ ގެ ކުޅަދުންވަންތަކަން ކަމުގަޔާއި އެކަލާންގެ ހަލްގު ކުރައްވާފައިވާ މަހްލޫގުންގެ ފުރިހަމަ ކަންކަމުން ކަމުގައި އިސްލާމް މުގައްރަރުގައި އޮތް އޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށް ވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  • ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށް އެރިޕޯޓުގައި ލިޔެފައިވުން.
  • މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭ ކަމެއް ކަމަށާއި އެކަން އެގޮތައް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭ ކަމަށް އެރިޕޯޓުގައި ލިޔެފައިވުން.
  • މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ އިސްލާމުންނަށް ހަމްދަރުދީ އުފެއްދުމަށް ލިޔެފައިވާ ބައެއް ކަމަށާއި އޭގެ ސަބަބުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭ ކަމަށާއި ޒުވާނުން ޖިހާދަށް ފޯރި ހުންނަކަމަށް އެރިޕޯޓުގައި ލިޔެފައިވުން.
  • އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާން ވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • ކީރިތި ޤުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންނަށް އިހްލާސްތެރި ބަޔަކަށް ނުވާނެ ކަމަށް އޮތްއޮތުން އިސްލާމް މުގައްރަރުގައި އޮތުމުން އެކަން މިރިޕޯޓުގައި ކުށްވެރި ކޮށްފައި އޮތުން.
  • އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއް ގޮތުގައި ދޭހަވާ ގޮތައް އެރިޕޯޓުގައި ލިޔެފައިވުން.
  • އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ކުރިން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައާއި އޭގެ ސަބަބުން މުގްތަމައުއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަށް އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • އިސްލާމީ ރިވެތި އަހްލާގު އިސްލާމު މުގައްރަރުގައި އޮތްއޮތުން ރަަގަޅު ނޫން ކަމުގަޔާއި މިބައި ކިޔައިދިނުން ރަގަޅީ ސިވިކް އެޑިއުކޭޝަން ނޫނީ އިންސާނީ ހައްގުތަކުގެގޮތުގައި ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • މުސްލިމުންނަށް ހަރާން ކުރައްވާފައިވާ ޣީބަ ބުނުމާއި ދުރުވުމަށް އިސްލާމް މުގައްރަރުގައި ބަޔާންކޮށްފައި އޮތްއޮތުމަކީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަނެވޭ ކަމެއްގެ ގޮތުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • އެހެން ދީންތަކަކީ ސައްހަ ދީންތަކެއް ނޫންކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ ދަރިވަރުންގެ އެހެން ދީންތަކާ ދޭތެރޭ އަމިއްލައަށް ވިސްނާ ޤަބޫލުކުރުމަށް އޮތް ހުރަހެއް ކަމުގައި އެރިޕޯޓުގައި ލިޔެފައިވުން.
  • އިސްލާމް ދީނަކީ ހައްގު ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާ ދޭތެރޭ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.
  • އިސްލާމީ ފަލްސަފާއަކީ އޮތް ހަމައެކަނި ފުރިހަމަ ފަލްސަފާ ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމަކީ އެހެން ފަލްސަފާތަކާ ދެކޮޅު ކަމެއްކަމުގައި އެރިޕޯޓުގައި ލިޔެ މިކަމަށް ފާޑުކިޔުން.
  • އަލްމާނީ ފިކުރަކީ އިސްލާމް ދީނާ ދެކޮޅު ފިކުރެއް ކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާމެދު އެރިޕޯޓުގައި ފާޑު ކިޔައިފައިވުން.

ޑރ ފަވާޒް ވިދާޅުވީ މި ނޫންވެސް ވަރަށް ގިނަ ވާހަކަތައް އެމްޑީއެންގެ އެރިޕޯޓުގައި އިސްލާމް ދީނާ ދެކޮޅަށް ލިޔެފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

"އަދި އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ އެދުރަކުވެސް އެ ރިޕޯޓް ކިޔުއްވާ އެބޭފުޅެއްގެ ބަސް ބުނަންވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ އިސްލާމް މުގައްރަރުގެ މައްސޫލުވެރިންގެ ބަހެއް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް މުހިންމެވެ. ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ އިސްލާމް މުގައްރަރު މުރާޖާކުރާ ދުވަސްވަރެއްކަމުގައި ތައުލީމީ ވުޒާރާއިން ރައްޔިތުންގެ މަޖްލިސްގައި ވިދާޅުވެފައިވާތީ މިކަން އިތުރަށް ސާފުވުން މުހިންމެވެ." ޑރ ފަވާޒްގެ ސްޓޭޓަސް ނިންމަވާލައްވަމުން ލިޔުއްވާފައިވެއެވެ.