ހުޅުމާލެ

ހުޅުމާލެއަށް 22 އަހަރު: ފުރިހަމަ ސިޓީއެއް!

އާބާދީ އެއްފަސް ކުރުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޭނުމުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ފެށިތާ މިއަދަށް 22 އަހަރު ފުރިއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އެ މަސައްކަތް ފެށީ އޮކްޓޫބަރު 16، 1997 ވަނަ އަހަރު އެވެ. ހުޅުމާލެ މަޝްރޫއުގެ ނަމުގައި ފެށި އެ މަޝްރޫއަކީ ހުޅުލޭ ފަޅުފަޅު ހިއްކައިގެން ބޯހިޔާވަހިކަން ހޯދައި ދީ ތަރައްގީވެފައިވާ ސިޓީއެއް ބިނާ ކުރުމުގެ މަސައްކަތުގެ ފެށުމެވެ. ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވީ އޭރުގެ ރައީސް މައުމޫނެވެ.

އެ މަސައްކަތް ފެށީ ހުޅުލޭ ފަޅުތެރޭގައި އޮތް ބަނޑެއްގައި ތައްޔާރުކުރި ފޭލިގެއެއް ގައެވެ. މައުމޫންގެ ވެރިކަމުގައި ހަތް އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ފޭސް އެކެއް ހިއްކާ ގެދޮރު ބިނާކޮށް މީހުން ދިރިއުޅެން ވަނީ ފެށި އެވެ. އެއީ 2004 ވަނަ އަހަރެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދެވީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތަށް 22 އަހަރު ފުރުން ރައީސް މައުމޫން މިއަދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެއީ ރަތް އަކުރުން ފަވާލެވޭ ތާރީހީ ބޮޑު މަސައްކަތެއްގެ ފެށުމަށް 22 އަހަރު ފުރިގެން ދިޔައީ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން އެދުވަހު ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ އެތައްހާސް ބަޔަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މީގެ 22 އަހަރު ކުރިން ހުޅުމާލޭ ހިއްކަން ފެށިއިރު، މިހާރު ހުޅުމާލެއަކީ ރާއްޖޭގައި އޮތް އެންމެ އުންމީދީ ރަށެވެ. މިހާރުވެސް އެ ރަށުގައި ބައި ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދެއެވެ. އަދި މާލެއިން ލިބެން ހުންނަ ވަރަށް ގިނަ ޚިދުމަތްތައް ހުޅުމާލެއިން ދަނީ ލިބެމުންނެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ހުޅުމާލެ ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށަށްވެފަ އެވެ. އަދި ދެވަނަ ފޭސްގައި 7000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މާލެއާއި ހުޅުލެ ބުރިޖަކުން ގުޅާލާ، ހުޅުލެއާއި ހުޅުމާލެ ހައިވޭއަކުން ވަނީ ގުޅާލާފަ އެވެ.