ފިލްމު ބަލަން ސިނަމާތަކަށް ދާ މީހުންނަށް އަރާމު އަދި ހިތްގައިމު މާހައުލެއް ގާއިމް ކޮށްދިނުމަށް ސިނަމާތައް ހިންގާ މީހުން ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ސްވިސްގެ މި ސިނަމާއަށް ވުރެ އަރާމު ސިނަމާއެއް އަދި ދުނިޔޭގައި ހުރި ކަމަކަށް ނުބެލެވެ އެވެ.
މި ސިނަމާއަށް ފިލްމު ބަލަން ދާ މީހުންނަށް ވަރަށް އުފާވެރި އަދި އެހާމެ އަރާމު ތަޖުރިބާއެއް ކުރެވޭނެ އެވެ. ސަބަބަކީ މި ސިނަމާގައި ގޮނޑީގެ ބަދަލުގައި އަރާމު އެނދުތަކެއް ބަހައްޓާފައި ވާތީ އެވެ.
ފިލްމު ބަލަން ދާ މީހުން އެނދުގައި ރީއްޗަށް އޮށޯވެލައިގެން އޮވެގެން ފިލްމު ބަލަން ވީ އެވެ. އެނދުގައި އޮށޯވެ އޮންނައިރު ރީއްޗަށް ފިލްމު ފެންނާނެ އިންތިޒާމުތައް ވެސް މި ސިނަމާ ހޯލުގައި ވަނީ ހަމަޖައްސާފަ އެވެ.
ސްވިޒަލެންޑަށް ދާން ޚިޔާލު ކުރާ މީހުންނަށް މި ސިނަމާގެ ފުރިހަމަކަން ބަލާލުމުގެ ފުރުސަތު އެބައޮތެވެ. އެނދުގައި އޮށޯވެލައިގެން އޮވެ ޕޮޕްކޯން ކަމުން ފިލްމު ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ފިލްމަށް ދާން ޓިކެޓް ބުކް ކުރާއިރު ވެސް ގޮނޑި ސެލެކްޓްކުރުމުގެ ބަދަލުގައި ނަގަން ޖެހޭނީ ބޭނުންވާ އެނދެކެވެ.
އެއް އެނދުގައި ދެ މީހުންނަށް ތިބެވޭއިރު ގޮދަނޑި ހުންނަނީ ވަކިން ކޮންޓްރޯލް ކުރެވޭ ގޮތަށެވެ. އޭރުން އެނދުގައި ތިބޭ ދެ މީހުން ކުރެ އެކަކު އިށީނދެލައިގެން އިނދެ ފިލްމު ބަލަން ބޭނުންނަމަ އޭނާއަށް ކަނޑައެޅިފައިވާ ބައި ވަކިން ހިއްލާލައިގެން އިށީނދެލައިގެން ވެސް އިނދެވެ އެވެ. މިކަން ކުރަން އެނދުގައި އޮންނަ އަނެއް މީހާ އަށް އުނދަގޫ ކުރާކަށް ނުޖެހެ އެވެ،
އެނދުގެ ކައިރީގައި ނައިޓްސްޓޭންޑެއް ބަހައްޓާފައި ހުރެ އެވެ. މީގައި އެކި ފާޑުގެ ލުއި ކާނާ އާއި ބުއިންތައް ބަހައްޓާފައި ހުރެ އެވެ. އަދި އަލި ކުރެވޭނެ ގޮތް ވެސް ހުރެ އެވެ.
މި ސިނަމާގެ ނަމަކީ ސިނަމާ ޕާތޭ އެވެ. މިތަނުން ލިބޭ ލުއި ކާނާގެ ތެރޭގައި ޕޮޕްކޯންގެ އިތުރުން ވެސް ތަފާތު ވައްތަރުގެ މެޓާ ފަދަ ތަކެތި ހުރެ އެވެ.
މިއަށް ވުރެ ވެސް ތަންކޮޅެއް އާދަޔާޚިލާފު ތަޖުރިބާއެއް ކޮށްލަން ބޭނުންވާ މީހުންނަށް ޚާއްސަކޮށް ވީއައިޕީ ރޫމްތައް ވެސް ހުރެ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ވީއައިޕީ ރޫމެއް މި ސިނަމާއެއް ދޫކުރަނީ 35 ޑޮލަރަށެވެ.
މި ކޮޓަރިތައް ހުންނަނީ ސިނަމާގެ އެންމެ ރަނގަޅު ހިސާބުގައި ސްކްރީނުން ދައްކާ ފިލްމުތައް އެންމެ ރީތިކޮށް ފެންނާނެ ގޮތަށެވެ. އާދައިގެ އެނދުތަކުން ލިބޭ ޚިދުމަތަށް ވުރެ ވީއައިޕީ ކޮޓަރިތަކުގެ ޚިދުމަތް ރަނގަޅެވެ. އެގޮތުން އެކި ފާޑުގެ ބުއިމާއި ހޮޓް ދޯގް އަދި ފިލްމު ބަލަން ތިބޭ ގަޑީގައި އަރާނެ މަޑު ފައިވާން ވެސް މި ކޮޓަރިތަކުގައި ހުރެ އެވެ.
ސިނަމާގައި ގޮނޑީގެ ބަދަލުގައި އެނދު ބެހެއްޓީ ކީއްވެތޯ އާއި މި ތަކެތީގެ ސާފުތާހިރުކަން ހުރީ ކިހާ ވަރަކަށް ތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސިނަމާ ޕާތޭގެ ވެރިމީހާ ބުނީ މިއީ ފިލްމު ބަލާ މީހުންނަށް ތަފާތު އާދަޔާޚިލާފު ތަޖުރިބާއެއް އިހްސާސް ކުރުވަން ތައްޔާރުކުރި ސިނަމާއެއް ކަމަށާއި މިތަނުގެ ސާފުތާހިރު ކަމާ މެދު ޝައްކު އުފައްދަން ޖާގައެއް ނޯންނާނެ ކަމަށެވެ.
ކޮންމެ ފަހަރަކު ފިލްމު ނިމިގެން އަލުން ޝޯ ދައްކަން ފެށުމުގެ ކުރިން އެނދުގައި ހުރި ބެޑްޝީޓްތައް ބަދަލުކޮށް އާ ޝީޓްތަކެއް އަޅާނެ އެވެ.