ހަބަރު

މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.01 ޕަސެންޓަށް އުފުލޭނެ

މިދިޔަ އަހަރު 8.5 ޕަސެންޓުގައި ހުރި ރާއްޖޭގެ އުފެއްދުންތެރިކަން މި އަހަރު ނިމޭއިރު 10.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާކޮށްފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.5 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް އަންދާޒާ ކުރާ އެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރާނެ ކަމަށް އަންދާޒާ ކުރުމެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 89،774 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ފަސް ޕަސެންޓް ދަށްވުމެކެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ކުންފުނިތަކުން ކިރުވާފައިވަނީ 4003.4 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2013 ވަނަ އަހަރުގެ ނޮމްބަރު މަހާ އަޅާ ބަލާއިރު އެއް ޕަސެންޓުގެ ކުރިއެރުމެކެވެ. މަސް ކިރުވި މިންވަރު އިތުރުވުމުގެ އެއް ސަބަބަކީ ގަނޑު ކުރި ކަންނެލީގެ އެކްސޯޓް އިތުރުވެފައިވުމެވެ. ކަންނެލީގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ޖުމްލަކޮށް  11 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިލޭ އެހީ ނުހިމަނައި އާމްދަނީގެ ގޮތުގައި 1.0 ދައުލަތަށް ލިބިފައިވަނީ ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ އެއް ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 27.8 ބިލިއަން ރުފިޔާ އެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފަ އެވެ. ފައިސާ އިތުތުވުމުގެ އެއް ސަބަބަކީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓްސް ދަށަށް ދިޔަ މިންވަރު ކުޑަވުމެވެ. ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ނޮވެމްބަރު މަހު ބަދަލެއް އައިސްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 547 މިލިއަން ޑޮލަރެވެ.މިއީ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު އެއް ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަލާ ބަލާއިރު 46 ޕަސެންޓް އިތުރު އަދަދެކެވެ. ނޮވެމްބަރު މަހުގެ ރިޒާވް ފުދެނީ 3.3 މަހުގެ އިމްޕޯޓަށެވެ.