ޕްރޮފެސަރު ހަސަން އުގައިލް

ދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެ ނުލެވޭނެ: އުގެއިލް

ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ ކަމަށް ވިދާޅުވެ ޕްރޮފެސަރު ހަސަން އެނާގެ ޝުއޫރު ފާޅު ކުރައްވައިފި އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގާ ހުރިހާ ކަމަކާ ގުޅޭ ގޮތުން ފޭސްބުކާއި ޓްވިޓާގައި ޝުއޫރު ފާޅު ކުރައްވާ އިލްމުވެރިޔާ ވަނީ އިސްލާމް ދީނަށާއި މާތް ރަސޫލާއަށް ހަޖޫ ޖަހާ މީހުންނަށް ލައުނަތް ލެއްވުން އެދި ދުއާ ކުރައްވާފަ އެވެ.

މިފަދަ ގޮތަކަށް އޭނާ ޝުއޫރު ފާޅު ކުރައްވާފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެކަމާ ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ.

އުގެއިލްގެ ޕޯސްޓްގައި ވިދާޅުވީ ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ ކަމަށެވެ. ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވާ ނުލެވޭނެ ކަމަށެވެ.

ދަންނަވަން ތޯ؟ ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ، އެ ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެ. އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫ ޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި
ހަސަން އުގެއިލް | ޕްރޮފެސަރު

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.