ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(15 އޮކްޓޯބަރ 2019 އާ ގުޅޭ)

އަތްދިގު ގަޔަށް ދޫ ބްލައުޒްކޮޅު ޕެންސިލް ސްކާޓްގެ ދަށަށް ޖަހާލައި ހިމަ ބެލްޓެއް އަޅާފައި ހުރިއިރު އޮފީހުގެ މާޙާއުލާ ސާރާގެ ހެދުން އެޅުން ނުހަނު ގުޅެއެވެ. ފަރިތަކަމާއެކު ނޫޑް ކުލައިގެ އުސް ބޫޓުގައި ފަރިކޮށް އައިސް ދާރިއަންގެ ކެބިންގަ ސާރާ ޓަކިދީފިއެވެ. އެއާއެކު ޖަވާބެއް ލިބެންދެން މަޑުކުރުމެއްނެތި އޭނާ ދޮރުހުޅުވާލިއެވެ.

ފޯނަށް ގެއްލިފައި އިން ދާރިއަންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނެވެ. ސާރާ ފެނުމުން އޭނާ އެއައީ ކީއްކުރަންކަން ދާރިއަންއަށް އެނގުނެވެ. ޢާންމުކޮށް ކޮންމެ ދުވަހެއްގެ ހެނދު އޮފީހަށް ވަނުމާއެކު ސާރާ އެ ކެބިންއަށް އަންނާނެއެވެ. ހެނދުނުގެ ސައި ދާރިއަންއާއެކު ބޯން އޭނާ ބޭނުންވެއެވެ. ދުވަހުގެ ހުރިހާކަމެއް ރަނގަޅަށް ދިއުމަށް ދުވަހުގެ ފެށުން ރަނގަޅުވުން ވަރަށް މުހިންމު ކަމުގައި ސާރާ ބުނެއެވެ. އަދި އޭނާގެ ދުވަސް ފެށޭނީ ދާރިއަންއާއެކު ކަމެވެ. އެގޮތުން ހެނދުނުގެ ސައި ދާރިއަންއާއެކު ބުއިމަކީ އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. ނަމަވެސް އެފަދަ ކަންކަމަށް ދާރިއަން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ސާރާއަށް ގިނަފަހަރަށް ޖެހޭނީ އާދޭސްކޮށް ކޮންމެވެސް ސިފައެއްގަ ދާރިއަންއަށް މަޖުބޫރުކުރުވާށެވެ. އެނޫން ގޮތަކަށް ދާރިއަން އެއްވެސް ކަމަކަށް އެއްބަހެއްނުވާނެއެވެ.

"ފައިންޑް ސަމްވަން އެލްސް" ދާރިއަން ވަގުތުން ބުނެލިއެވެ. ލުއި ހުނުމަކާއެކު ސާރާ އައިސް ދާރިއަންގެ މޭޒުގެ ކުރިމަތީ ހުރި ގޮނޑީގަ އިށީނދެއްޖެ އެވެ. ދާރިއަންގެ އެފަދަ ޝައުގެއްނެތް ބަސްތަކަކީ ސާރާއަށް އާކަމެއްނޫނެވެ. އެހެންވެ ދާރިއަން އެހެން ބުނެލާ އެއްޗަކުން ސާރާގެ ހިތުގައި ޖެހޭ ގޮތެއް ނުވެއެވެ. އެއަށްވުރެ އޭނާއަށް ދާރިއަން ދަސްވެއްޖެ ކަމުގައި ޤަބޫލުކުރެވެއެވެ.

"އޭރުން އެމީހަކީ ރިއާންއަކަށް ނުވާނެއެއްނު... ދެން ހިނގާބަލަ ބްރެކްފަސްޓަށް" ސާރާ ބުންޏެވެ.

"އަހަރެން އަންނަނީ ގެއިން ސައިބޮއެގެންނޭ ބުނަމެންނު.... ވަރަށް މުހިންމުކަމެއްކުރަން މީނީ، ޕްލީޒް ލީވް ސާރާ" ދާރިއަން ބުންޏެވެ.

"އަބަދުވެސް ބިޒީވެފަ، މުހިންމުނޫން ކަމެއް ކުރަނިކޮށް ރިއާން ގާތަކަށް ނާދެވޭނެ، ރައްޓެހިންނަށް ވެސް ވަގުތުކޮޅެއް ދީބަލަ، އަންކަލްއަށްވުރެ ރިއާންގެ ހާލު ބޮޑު... ޔޫ އާ ސޯ ބޯރިންގް..." ސާރާ ބުންޏެވެ.

"އައި ޑޯންޓް ހޭވް ޓައިމް ފޯ ޔޯ ޖޯކްސް" ދާރިއަން ބުންޏެވެ. އޭނާ ހީވަނީ ސާރާ ނުގޮސްގެން އެކަމާ ކަންތައް ބޮޑުވެފައި އިންހެނެވެ.

"އަންކަލް ގާތު ބުނަންތަ ރިއާން އަހަންނާއެކު ބްރެކްފަސްޓަށް ފޮނުވާށޭ" ސާރާ ސީރިއަސް ވެލިއެވެ. ދާރިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. ނޭފަތާއި ނިތްކުރި ގުޅިފައިވާ ހިސާބުގައި ކަނާއަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން ހިފަހައްޓާލައި މަޑުމަޑުން އޮބާލިއެވެ. އަދި މޫނާއި އަތް ދުރުކޮށްލައި ސާރާއަށް ބަލާލިއެވެ. ޒުކަންއާ ހަމައަށް ސާރާ ހިނގައްޖެނަމަ ދާރިއަންއަށް ސާރާއާއެކު ދާން މަޖުބޫރުވާނެއެވެ. ދެކޮޅު ހަދައިފިއްޔާ އެތައް ގިނަގުނަ ސުވާލުތަކެއް ދާރިއަންއާ ކުރިމަތިވާނެއެވެ. އެ ސުވާލުތަކަކީ ޖަވާބެއް ދޭން ދާރިއަން ފަސްޖެހޭ ހަމައެކަނި ސުވާލުތަކެވެ.

"އޯކޭ ފައިން... އެކަމަކު މިހާރަކުނޫން، ލަންޗު އޯކޭއެއްނު" ދާރިއަން ބުނެލިއެވެ.

"އޯކޭޑަން..." ނިކަން ހިނިއައިސްފަ ސާރާ ބުނެލިއެވެ.

"ތިހެން މިތަނުގަ އިންނަންޏާ އަހަރެންގެ ޚިޔާލު ބަދަލުވެދާނެ އިނގޭ" ސާރާއަށް ބަލަން އިނދެ ދާރިއަން އެއްބުމަ ހިއްލާލިއެވެ.

"އޯކޭ މިސްޓަރ ބޯރިންގ.... ސީ ޔޫ... ހަނދާން ނައްތާނުލާތި" ސާރާ ގޮނޑިން ތެދުވަމުން ބުންޏެވެ. އަދި އޭނާ ވަދެގެން އައިހާ ފަރިކޮށް ހިނގާލާފައި ގޮސް ދާރިއަންގެ ކެބިން އިން ނުކުމެއްޖެއެވެ.

ދާރިއަންގެ ސަމާލުކަން އަނެއްކާ ވެސް ފޯނަށް ހުއްޓުނެވެ. ޓެލެގްރާމްގަ އޮތް ހޭޒަލްގެ މެސެޖު ދެވަނަ ފަހަރަށް ދާރިއަން ކިޔަން ފެށިއެވެ. ފޯނު ޗާޖަށް ޖަހާފައި އޮތުމުން ދާރިއަންއަށް ފޯނަށް ބަލާލެވޭވަރުވީ އޮފީހަށް އަންނަން ޒުކަންއާއެކު ގެއިން ނުކުންނަމުންނެވެ. ހޭޒަލްގެ މެސެޖެއް އޮތުމުން އެ ކިޔަން އޭނާ ބޭނުންވި ނަމަވެސް އައިމަގުމަތީ އެކަން ނުވީއެވެ. އޮފީހަށް އަންނަ މަގުމަތީ ޒުކަން ވަރަށް ގިނަ ވާހަކަދައްކާނެއެވެ. ދާރިއަންގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓިއްޖެނަމަ އެކަމެއް އެނގެން ޒުކަން ބޭނުންވާނެއެވެ. އޮފީހަށް އައިސް ވަދެވުމާއެކު ދާރިއަން ފުރަތަމަ ވެސް ވަނީ ޒުކަންއާއެކު އޭނާގެ ކެބިންއަށެވެ. ހެނދުނު ހެނދުނާ ހަމަޖެހިފައި އޮތް ބައްދަލުވުމުގެ މަޝްވަރާ ކުރާށެވެ. ވަރަށް މުހިންމު ވެގެން ނޫނީ ޒުކަން އޮފީހުގެ ވާހަކަ ގޭތެރޭގައި ނުދައްކާނެއެވެ. އެހެންވެ އޮފީސް ވަގުތަކީ އޭނާ ވެސް ދާރިއަންއާ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާކުރާ ވަގުތެވެ. އެ ހުރިހާ ކަމަކާ ހުރެ ނުބެލި ފައި އޮތް ހޭޒަލްގެ މެސެޖު އޭނާ ހުޅުވާލީ ބައްދަލުވުން ނިންމާ އެކަމުގައި ބައިވެރިވި މެންބަރުންނާ ވެސް ވަކިވެ އަމިއްލަ ކެބިންއާ ދިމާއަށް އަންނަމުންނެވެ.

ހޭޒަލް ހުރީ މާލޭގަކަމުގައި ބުނުމަށްފަހު، އޭނާ އެދިފައި އޮތީ މަސައްކަތް ތަންކޮޅެއް އަވަހަށް ކުރިއަށް ގެންދަން ބޭނުންވާކަމަށެވެ. އޭނާ މިވަގުތު ބޭނުންވަނީ މަސައްކަތުގައި ޝާމިލްވެ އަވަދިނެތި އުޅޭންކަމެވެ. ހުސްވަގުތު މާގިނަވީއެވެ. އެހެންވީމަ ކަމެއްނެތިފައި ހުންނަން ފޫހިވަނީ ކަމުގައެވެ. މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކޮށްލުމަށް ދެ މީހުން ބައްދަލުކޮށްލަން ބޭނުންވާއިރު ދާރިއަންއަށް ފަސޭހަ ގަޑިއެއް ހަމަޖެއްސުމަށްފަހު ހޭޒަލްއަށް އަންގާލަ ދިނުމަށް ބުނެފައި އޮތެވެ.

ދެތިން ފަހަރަށް ކިޔާލުމަށްފަހު ދާރިއަން ފުންނޭވާއެއް ލިއެވެ. އަދި ހަށިގަނޑު ސީދާކޮށްލައި ގޮނޑީގައި ލެނގިލިއެވެ. ހޭޒަލް ފޮނުވާފައި އޮތް މެސެޖާ މެދު އޭނާއަށް ތަންކޮޅެއް ފުންކޮށް ވިސްނާލެވުނެވެ. މެސެޖެއް ކުރާނަމަ އަބަދުވެސް ހޭޒަލް ފުރަތަމ ލިޔެފައި އޮންނާނީ "ހާއި" އެވެ. އެކަމަކު މިފަހަރު ފޮނުވި މެސެޖުގައި އެހެންނެއް ނެތެވެ. ހީވީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނެލާފައި އޮތީ ހެންނެވެ. ދެ ރައްޓެހިންގެ ދެމެދުގައި ފޮނުވޭ މެސެޖަކަށްވުރެ ރަސްމީ ސިފަ ޖެހިފައި އޮތީއެވެ. ހޭޒަލްއަށް ކަމެއްވީބާއޭ ދާރިއަންގެ ހިތަށް ވަގުތުން އެރިއެވެ. ހޭޒަލްއަކީ ވަރަށް ގިނައިން އޭނާގެ ފިރިމީހާއާއެކު ތަންތަނަށް ދަތުރުކުރާ މީހެކެވެ. ލިއަމްއާ ވަކިން ހޭޒަލް އުޅޭތަނެއް ދުވަހަކުވެސް ދާރިއަންއަށް ފެނިފައެއްނެތެވެ. ހޭޒަލް ފެންނައިރު އަބަދުވެސް ހުންނާނީ ވަރަށް ހަމަޖެހިފައެވެ. އުފާވެރި ހިނިތުންވުމަކާއެކުއެވެ. އެހެންވެ ހޭޒަލްއަށް ދިމާވެދާނޭ އެއްވެސް ކަމެއް ދާރިއަންގެ ސިކުނޑިއަކަށް ނޭރިއެވެ. މެސެޖެއް ބަލާލައިގެން އެފަދަ ހީއެއްވީތީ ދާރިއަން ވެސް އަމިއްލަ ނަފްސާ ދިމާކޮށްލީ އޭނާގެ މޮޔަކަމޭ ހިތަށް އަރުވަމުންނެވެ. ހިތަށް ވިސްނައިދިނީ އެ މެސެޖަކީ ހޭޒަލް އަވަސްއަރުވާލާފައި ފޮނުވާލި މެސެޖަކަށް ވެދާނޭކަމެވެ. ހިނިތުންވެލައިގެން އިނދެ މޭޒުމަތީ ހުރި ކަލަންޑަރަށް ދާރިއަން ބަލާލިއެވެ. އަދި ދެން ބަލަން ފެށީ ފޯނެވެ. އޮފީސް ނިމޭ ގޮތަށް ގެއަށް ދިއުމުގެ ބަދަލުގައި ހޭޒަލްއާ ބައްދަލުކުރަން އޭނާ ރޭވިއެވެ.

* * * * *

ރޭވި ކަންކަން ކާމިޔާބު ނުވުމުން އެކަމާ އަލްމާއަށް ވިސްނެނީއެވެ. އޭނާ އިނީ ބަދިގެ ފަރާތު ހުރި ޖޯލިފަތީގަ ދަރިފުޅު އުނގަށް ލައިގެން ކާންދޭށެވެ. ކުރިމަތީގައި ދިގު ގޮނޑި ބަހައްޓައި އޭގެ މަތީ ކާއެއްޗެހި އެޅި ތަށްޓާއި ފެންފުޅިއެއް ހުއްޓެވެ. އެއްއަތުން ދަރިފުޅު ގައިގާ ހިފަހައްޓައިގެން އިނދެ އަނެއްއަތުން އެކުއްޖާގެ އަނގަޔަށް ސަމްސާ ލަވަމުންދިޔައެވެ. އެހެން އިންއިރު ވެސް އޭނާގެ ސިކުނޑިއާ ލިއަމްގެ ޚިޔާލުތައް ވަތްކެއްނުވެއެވެ. އަތުކުރީ އޮތް ގަޑިއަށް އަލްމާ ބެލިއެވެ. އޭނާ އެ އިންނަނީ ޔުސްރާއަށް ގަޑި ކިޔައިގެންނެވެ. ނުވަގަޑިއަށް ހެނދުނު ސައިބޯން އެގެއަށް އަންނަން ޔުސްރާއަށް ދަޢުވަތުދީގެންނެވެ.

ދަރިފުޅަށް ކާންދީ ނިމި ގޮނޑި ކައިރީ ހުރި ކުޑަކުދީން ފެންވަރުވާ ތަށީގައި ދަރިފުޅު ފެންވަރުން އަލްމާ އިންދާ ޔުސްރާ އެގެއަށް ވަދެގެން އައެވެ. ހެނދުނުގެ ސަޔަށް ހެދީ ކޯއްޗެއްތޯ އަހަމުން ޔުސްރާ އައިސް ވަނީ ބަދިގެއަށެވެ. ފެންވަރުވާ ނިމި ތުވާއްޔަކުން ދަރިފުޅު ނިވާކޮށްލައިގެން އަލްމާ ވެސް ވަނީ ބަދިގެއަށެވެ. އޭރު އެއްޗެހި އަޅައިގެން ޔުސްރާ ސައިބޯން ތައްޔާރުވަނީއެވެ.

"ކީއްވެތަ ކޮންމެހެން ވެސް އަންނާށޭ ބުނީ... އަނެއްކާ ވެސް ލިއަމްގެ ކަމެއްގަތަ؟" ޔުސްރާއަށް ހީވެފައި އޮތް އެއްޗެއް ޔަގީންކޮށްލުމަށް ބުންޏެވެ.

"އޭނާއަށް ގުޅޭނެ ނަންބަރެއް އެނގޭތަ؟" އަލްމާ އެއްސެވެ.

"މިހުރިހާ ދުވަހު ވާހަކަދެއްކީ ނަންބަރު އެނގިގެނެއްނޫންތަ؟" ޔުސްރާއަށް ބުނެވުނެވެ.

"އެއީ މިކޮޅުން ދީފަ އޮތް ނަންބަރޭ ލިއަމް ބުނީ، އޭނާގެ އޮފީސް ނަންބަރު، މިހާރު ފޯނެއް ނުނަގާ، ޒެއްލު އައިސްގެން އުޅުން އިރު އަހަރެން ދުށީން އޭނާ އެހެން ފޯނެއް ގެންގުޅޭތީ.... ދެ ނަންބަރު އޮތީމަ ދޯ ދެ ފޯނު އޮންނާނީ، އެހެންނޫނަސް އޮފީސް ނަންބަރެއް ޕާސަނަލް ކަންކަމުގަ ބޭނުމެއްނުކުރާނެއެއްނު" އަލްމާ ކަމެއް ހަނދާންކުރަމުން ކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ.

"ނޭނގެ މަށަކަށް، އަހަރެން ނުދެކެން... ކަޅު ފޯނެއް އެކަނި ގެންގުޅޭތަން ފެންނަނީ" ޔުސްރާ ބުންޏެވެ.

"މަށެއް ވެސް ކުރިއަކުން ނުދެކެމޭ، ޒެއްލު އައިފަހުން ލިއަމް ފޯނު ބަދަލުކޮށްލީ، ކުރިން އަހަރެން ވެސް ވާހަކަދައްކާ ފޯނުން އޭނާ ޒެއްލުއާ ވެސް ވާހަކަދައްކާ ހަދަނީ... ދެ ފޯނު ވެސް އޮންނަނީ ކަޅުކުލައިގަ އެކަމް އަހަރެން ދުށީމޭ އެ ދެފޯނު ވެސް، މުޅިން ތަފާތު ދެ ފޯނެކޭ... ޒެއްލު އައީމަ އޭނާ ފޯނު ބަދަލުކޮށްލީއޭ އަހަރެންގެ ހިތް ބުނޭ، ޒެއްލު އައިތާ ގިނަ ދުވަހެއްނުވެޔޭ އަހަންނަށް އޭނާއަށް ނުގުޅުނީ، ދެން ގުޅުނީ ޒެއްލު ފުރައިފިއޭ ޔުސް ބުނިފަހުން" އަލްމާ ބުންޏެވެ.

"ވެދާނު ޒެއްލު އަންނަމުން ގެނެސްދިން ފޯނެއްކަމަށް" ޔުސްރާ ބުންޏެވެ. ހަޤީޤަތުގަ ވެސް އޭނާއަށް އަލްމާ އެބުނާ ދެ ފޯނެއް ލިއަމް ގެންގުޅެނިކޮށް ފެނިފައެއް ނުވެއެވެ. ލިއަމްއަށް އޭނާގެ މާބޮޑު ސަމާލުކަމެއް ނުހުންނާތީ އަލްމާ އެބުނާހެން ދެ ފޯނު ގެންގުޅޭކަން ފާހަގަނުވީކަމަށް ވެދާނޭ ޔުސްރާގެ ހިތަށް އެރިއެވެ.

"އޭނާ ފޯނު ނިވައެއްނުލާނެ، ޒެއްލު ގުޅާފާނެތީ ވެސް އޭނާ ފޯނު ނިވާނުލާނޭކަން އަހަންނަށް ޔަގީން، އޭނާގެ ނަންބަރު ޝިޔާނަށް އެނގޭނެ... އަޅެ އޭނާ އަތުން ލިއަމްއާ ގުޅޭނެ ނަންބަރެއް ހޯދާ ދީބަލަ... އަހަރެން ގުޅާކަށްނޫން، ހަމަ އެންމެ މެސެޖެއްކޮށްލަން" އަލްމާ ބުންޏެވެ.

"އަލްމާ!... އަދިވެސް ތިކަން ހުއްޓާކަށް ނުވޭތަ؟ ރައްޒާގު ވެސް ގޭގަ އެބައުޅެންނު" ޔުސްރާ މަޑުމަޑުން ބުނެލިއެވެ.

"ޔުސް... މިކަން ކޮށްދީ، ދެން ދުވަހަކުވެސް ޔުސް ގާތު ކަމަކު ނޭދޭނަން" އަލްމާ ބުންޏެވެ.

"ޝިޔާނު އަހަރެންދެކެ ވެސް ރުޅި އަންނަ ހިސާބަށް ހިނގައްޖެ، ލިއަމްއާއި ޒެއްލުމެން ތިބި ގެއަށް ދިޔަ ދުވަހުން ފެށިގެން ޝިޔާނު އަންގާފަ އޮތީ ލިއަމްއާއި އަލްމާގެ ދެމެދުގައި ހިނގާ އެއްވެސް ކަމެއްގެ ތެރެއަށް އަހަރެން ނުވަންނަން، އަލްމާ، ނިކަން ވިސްނާލަބަލަ، ތި ހުރީ ހުސްހަށިބަޔަކަށްނޫނެއްނު އޭނާގެ ފަހަތުން އުޅޭކަށް، އަނެއްކާ އަހަންނަށް ޔަގީންކަން އެބައޮތް އޭނާ އަލްމާ ބަލައިނުގަންނާނޭކަން، އަހަރެން ފާޅުގައި ދެކޮޅު ނުހަދަން ހުރީ އަލްމާ ވެސް އަމިއްލަ ޢަމަލުތަކާމެދު ވިސްނާނޭކަން ޤަބޫލުކުރާތީ، އޭނާއާ އެހާ ގާތްވުމަކީ ރަނގަޅުކަމެއްނޫން، ޝިޔާނު ވެސް ބުންޏެއްނު އެއީ ދުވަސްކޮޅަށް އައިސް ހުރި މީހެކޭ، އަހަރެން ހިޔެއްނުކުރަން އަލްމާ އޭނާއާ މެދު ތިހާ ސީރިއަސް ވެދާނެކަމަކަށް" ޔުސްރާ ބުންޏެވެ.

"އަހަރެން ވެސް ގަސްދުގައެއްނޫނޭ... އަޅެ ޔުސް ޕްލީޒް، އޭނާއާ ގުޅޭނެ ނަންބަރެއް ހޯދަބާ، އޭނާއަށް އުނދަގޫ ކުރަކަށްނޫން، ހަމައެކަނި މެސެޖެއް ކޮށްލާށޭ" އަލްމާ ބުންޏެވެ. އޭނާ ގަސްދުކޮށްގެން ހުރީ ލިއަމް ސިހޭ ވަރުގެ ޚަބަރެއް ދޭށެވެ. ބޭނުމަކީ ލިއަމްއަށް މަޖުބޫރުކޮށްގެން ވިޔަސް އޭނާގެ ދިރިއުޅުމަށް އަލްމާ ގެންދިއުމެވެ. އެކުގައި އުޅެން ފެށުމުން ފުރަތަމަ ނުރުހުނަސް ފަހުން ރުހޭނޭ އަލްމާގެ ހިތަށް އަރަނީއެވެ. އެކަމަކު ދެ މީހުން ދެތަންވެއްޖެނަމަ އެ ދެމެދުގައި އޮތް ގާތްކަން އުމުރަށް ނެތިދިޔައީކަން އަލްމާއަށް އެނގެއެވެ. ލިއަމް ފުރުމުގެ ކުރީން އޭނާ ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވަން އަލްމާ ބޭނުމެވެ.

"ޝިޔާނު ގާތު ބުނެފާނަން... އެކަމަކު ދެން ތިކަން ނިންމާލާ، ރައްޒާގު ކިހާ ރަނގަޅުތަ، އަނެއްކާ އަލްމާގެ ސަބަބުން އަރްޝަމްއަށް ވާނީ ކިހިނެއް، ދަރިފުޅަށް ނިކަމެތިކަމެއް ދީގެން ނުވާނެ، މަންމަ އޭނީ ހައްޖަށް ފުރަން ތައްޔާރުވެފަ، ރައްޒާގު އަލްމާމެންގެ ދެމައިން ބަލަހައްޓާތީ ދޯ ރަށަށް ގިނަނުވެ ތި ތިބެނީ، ޢާއިލާގެ ބަލަދު އަރާ ހުރީ އެންމެ ފިރިހެނެއް، އޭނާ ވެސް ހަމަހޭގަ ހުންނަ އިރެއް ނާދޭ، މިހާރު ވެސް ވީ ގޮޅީގަ، އަލްމާ... ލިއަމްއަކީ އެވަރުގެ މީހެއްނޫނޭ... އޭނާގެ ތޮށިގަނޑު ރީތީ، އެތެރޭގަ ނެތް އެކައްޗެއް ވެސް... އެވަރު މިހާރު ވިސްނެންވެއްޖެ، އެކަހަލަ މީހަކާ އަހަރެންގެ ގާތް މީހަކު ގުޅޭކަށް އެއްބަހެއްނުވެވޭނެ، އަހަރެން ވެސް ޤަބޫލުކުރަން އޭނާ ފެނި ކަމެއް ހިނގާފާނެކަން... އެކަމަކު މިހާރު ދެން ހުއްޓާލަންވެއްޖެ، އެހެންނޫނީ ރައްޒާގަށް ފަޅާއަރާފާނެ" ޔުސްރާ ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އަލްމާގެ ހިތުގެ ޖަޒުބާތުތައް ފުންވެފައި ހާސިލު ކުރުމުގެ ނިޔަތް ވަރުގަދައެވެ. ހުރިހާކޮޅެއް ބަންދުވުމުން އަމިއްލައަށް މަގުކޮށައިގެން ވިޔަސް ލިއަމްއާ ހަމައަށް ވާޞިލުވާން އަލްމާ ހުރީ ނިންމައިގެންނެވެ.

ބަދިގޭގައި އިނދެފައި ޝިޔާނަށް ޔުސްރާ ގުޅިއެވެ. ލިއަމް ފޯނު ނުނަގާތީ އޭނާއަށް ގުޅޭނެ އިތުރު ނަންބަރެއް އޮތިއްޔާ ފޮނުވާލަ ދިނުމަށް ޔުސްރާ އެދުނެވެ. ފަހު ފަހަރަށް ލިއަމްއާ ވާހަކަދައްކާލަން އަލްމާ ބޭނުންވާކަން ޔުސްރާ ހާމަކުރިއެވެ. ޝިޔާނު އެބަގުޅަން ކަމުގައި ބުނެ ފޯނުކޯލު ކަނޑާލީއެވެ. އޭނާ އޭރު އިނީ ލިއަމްއާއެކު ކެފޭއަކަށް އަރައެވެ. އެކުވެރިޔާ ފުރުމުގެ ކުރީން ބައްދަލުކޮށްލާށެވެ. ޝިޔާނު ވަގުތުން ޔުސްރާ ދެއްކި ވާހަކަތައް ލިއަމް ގާތު ބުނެފިއެވެ.

"މަގޭ ޕާސަނަލް އެއްޗިއްސެއް ނުދެވޭނެ ދޯ، އެހެންވެ އަނެއް ނަންބަރު ދިނީ... ރޭގަ ފޮށްޓަށް އެއްޗެހި އަޅަމުން އެ ސިމް ވެސް ހަލާކުކޮށްލައިފިން" ލިއަމް ބުންޏެވެ.

"އެ ނަންބަރު ކިޔާބަލަ، އަހަރެން ޔުސްއަށް ފޮނުވާނަން... އަހަރެން އަތުގަ އޮތް ނަންބަރަކީ އެޔޭ އޭރުން ބުނެވޭނެއެއްނު" ޝިޔާނު ބުންޏެވެ. އެއާއެކު ލިއަމް ނަންބަރު ކިޔައިފިއެވެ. ޝިޔާނު އެ ނަންބަރު ޔުސްރާގެ ފޯނަށް ފޮނުވާލިއެވެ.

ޝިޔާނު ފޮނުވާ ނަންބަރުގެ އިންތިޒާރުގައި އިން ޔުސްރާއަށް މެސެޖު ލިބުމާއެކު އަލްމާއަށް ދެއްކިއެވެ. އޭނާގެ މޫނުން ފެނުނީ މާޔޫސްވީތަނެވެ. ބަލަން ހުރެފައި އެ ނަންބަރަކީ އަލްމާ އަތުގަ ވެސް އޮތް ނަންބަރު ކަމަށް ބުންޏެވެ.

"ޝިޔާނު އަތުގަ ވެސް އެޔޮތީ އަލްމާއަށް ދިން ނަންބަރު.... މިހާރު ޤަބޫލުކުރެވިއްޖެތަ" ޔުސްރާ ބުންޏެވެ. އަލްމާ އިތުރު އެއްޗެކޭ ނުބުންޏެވެ. ދަރިފުޅު ގޮވައިގެން އޭނާ ބަދިގެއިން ނުކުންނަން އެނބުރިލި ވަގުތު ރައްޒާގު އައިސް ހުއްޓުނު ތަން ފެނުނެވެ.

"މިހެންވެގެން ދޯ ލަސްވަނީ.... ކޮންއިރަކު ޔުސްރާ އައީ" ރައްޒާގު ހިނިތުންވެލަމުން ޔުސްރާއަށް ނިތްއަރުވާލިއެވެ.

"ޔުސް... އަހަރެން މިދަނީ އަރްޝަމް ރީތިކުރަން..." އަލްމާ ބުންޏެވެ.

"އަހަރެން ވެސް ސައިބޯލައިގެން ދެން ދާނީ" ޔުސްރާ ބުންޏެވެ. ރައްޒާގު ވެސް އަލްމާއާއެކު ހިނގައިގަތީއެވެ.

މެންދުރުފަސްވެފައި ހުއްޓާ އަރްޝަމް ނިދިމުން އަލްމާއަށް ބޭރަށް ނުކުންނާނޭ ފުރުޞަތު ލިބުނެވެ. ރައްޒާގު ގާތު ދަރިފުޅު ބަލައިދިނުމަށްބުނެ ނިކަން އަވަހަށް ފިހާރައަކަށް ގޮސްފައި އެބަ އަންނަން ކަމުގައި އަލްމާ ބުންޏެވެ. އޭނާ ގެއިން ނުކުތީ ބައިސްކަލު ގައެވެ. އޭނާގެ މިސްރާބު ހުރީ ޕުލުހުންގެ އިދާރާއާ ދިމާއަށެވެ. އަލްމާ އައިސް ސްޓޭޝަންއާ ކުރިމަތިވާނޭ ހެން ހުރި ފާރު ކައިރީ ބައިސްކަލު ބަހައްޓާލާފަ އެތެރެއަށް ވަނެވެ. އޭނާ ފެނުމުން ފުލުސް ޔުނިފޯމުގައި ހުރި ޒުވާނަކު ކީއްކުރަންތޯ އަހާލިއެވެ. އެއާއެކު ލިއަމްއަށް ގޮވާލަ ދިނުމަށް އަލްމާ އެދުނެވެ. އެ ޒުވާނާ އެތެރެއަށް ހިނގައިގަނެ އެހެން މީހަކަށް ގޮވާލިއެވެ. ލިއަމް އެބައުޅޭތޯ އެހުމާއެކު އޭނާ ހޯދަން އައިސް ހުރި ވާހަކަ އެ ޒުވާނާ ބުނި އަޑު އަލްމާއަށް ވެސް އިވުނެވެ. ދެން ފެނުނީ އެތެރެއިން ނުކުމެގެން އައި ފުލުސް މީހެކެވެ. އެއީ ކުރީން ދުވަހު ވެސް ލިއަމް ހޯދަން އައުމުން އަލްމާއާ ބައްދަލުވި ޒުވާނާ އެވެ.

"ލިއަމް ހިނގައްޖެ..." އެ ޒުވާނާ އައިސް އަލްމާ ގާތު މަޑުކޮށްލަމުން ބުންޏެވެ.

"އަންނާނޭ އިރެއް އެނގޭތަ..." އަލްމާ އަހާލިއެވެ.

"އޭނާ ޓާމް ހަމަވެގެން މާލެ ފުރީ.... ކަމަކުތަ ލިއަމް ތި ހޯދަނީ" ޒުވާނާ އަލްމާގެ ގާތުން އެއްސެވެ. އަޖައިބުވެ އަންތަރީސްވެފައި އަލްމާއަށް ހުރެވުނީއެވެ. ލިއަމް ފުރިއިރު އޭނާއަށް ރޭކާ ވެސް ނުލީމައެވެ. އިރުކޮޅަކު ބަސްހުއްޓިފައި ހުރުމަށްފަހު އަލްމާ ވާހަކަދެއްކިއެވެ.

"އޭނާއާ ގުޅޭނެ ނަންބަރެއް ލިބިދާނެތަ؟" އަލްމާ އެއްސެވެ. އޭނާގެ ކުރިމަތީ ހުރި ޒުވާނާ ފަރުވާތެރިކަމާއެކު އަލްމާގެ މޫނަށް ބަލާލިއެވެ.

"ލިއަމްގެ ހުއްދަނެތި ނަންބަރެއް ނުދެވޭނެ، ނަމާ އެޑްރެސް ނޯޓުކޮށްލަ ދޭންވީނު، މިކޮޅުން އެ މަޢުލޫމާތު ލިއަމްއަށް ރައްދުކޮށްދޭނަން" ޒުވާނާ ބުންޏެވެ. އަލްމާ އައީ އެގޮތް ބޭނުންވެގެންނެއްނޫނެވެ. އޭނާގެ ނަމާއި އެޑްރެސް އެތަނަށް ދޫކޮށް ދިއުމުގެ ގަސްދެއް އަލްމާގެ ނެތެވެ. އޭނާ އެއައީ ލިއަމްއާ ކުރިމަތިލާށެވެ. ދޭތިންއެކައްޗަށްހިފާށެވެ. އެކަމަކު ވަގެއްހެން އޭނާ އަލްމާއަށް އެ ފިލީއެވެ. ކިތަންމެ ގަޔާ ވިޔަސް އަލްމާގެ ހިތުގައި ލިއަމްއާ މެދު ފޫހިކަން އުފެދުނެވެ.

* * * * *

މީހުންތަކުގެ ތެރެއިން ފޮށި ދަމަމުން ލިއަމް ނުކުތެވެ. ހަށިފުރާ ލީ ނޭވާއާއެކު އޭނާ ހިނިތުންވެލިއެވެ. ހީވީ ހައްޔަރަކުން މިނިވަންވީ މީހަކު ހެންނެވެ. މަޑުމަޑުން ހޭޒަލްގެ ނަން ކިޔާލިއެވެ. އަދި އިތުރަށް ހިނިތުންވުން ފުޅާވީ އޭނާ އަންނަކަން ނުބުނެ އެހާ އަވަހަށް އައުމުން ހޭޒަލް އުފާވާނޭ ވަރު އެނގޭތީއެވެ. ލިއަމް މާލެ އެރީ ހުޅުމާލޭ މަގުންނެވެ. ރައްޓެއްސެއްގެ ކާރުގައެވެ. އޭނާ ސީދާ ގެއަށް އައުމުގެ ކުރީން ހޭޒަލްއަށް ހަދިޔާ ގަތެވެ. އެންމެ ފަހުގެ ފޯނަކާއި ހޭޒަލްއަށް ކަމުދާނޭ ކަހަލަ މާތަކުން ބޮޑު ގުލްދަސްތާއެއް ވެސް ގަތެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއިރު ސިޓިންރޫމު އޮތީ އަނދިރިކޮށެވެ. ހުރިހާ ކުޑަދޮރުތަކެއް ލައްޕައި އެއްވެސް ބޮތްކެއް ވެސް ނުދިއްލައެވެ. ސިއްރުން ދޮރު ލައްޕާ ތަޅުލުމަށްފަހު ދޮރު ކައިރީ ފޮށި ބެހެއްޓީ ވެސް އެ ދަމާ އަޑު ހޭޒަލްއަށް އިވިދާނެތީއެވެ. ސިއްރުން އައިސް ކޮޓަރީގެ ދޮރު ހިލަން ނުވާނޭހެން ހުޅުވާލިއެވެ. ދެ ލޯ ކަނުވާފަދަ އަނދިރިކަން ނޫނީ އެތަނުގައި ނުވެއެވެ. ލިއަމްއަށް ލިބުނީ ހައިރާންކަމެވެ. ހޭޒަލް ގޭގައި ނެތީމައެވެ. އޭނާ ފްލައިޓަށް އަރަމުން ހޭޒަލްއަށް ގުޅާލައި ކޮންތާކުތޯ އަހާލުމުން ގޭގައި ހުރި ކަމަށް ބުންޏެވެ. ލިއަމް އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނެގިއެވެ. ކޮޓަރީގެ ބޮކި ލިއަމް ދިއްލާލުމަށްފަހު އަތުގައި އޮތް ޕާރުސަލާއި މާބޮނޑު އެނދުމަތީ ބެހެއްޓިއެވެ. އަދި އަވަހަށް ހޭޒަލްގެ ނަންބަރަށް ގުޅާލިއެވެ.

"ކޮންތާކު؟" ހޭޒަލް ކޯލު ނަގައި ހެލޯ އޭ ބުނެވެންވީއިރަށް ލިއަމް އެއްސެވެ.

"ކިހިނެއްވީ؟" ހޭޒަލްގެ އަޑުގައިވީ ހައިރާންކަމެވެ.

"ކޮންތާކު ތިހުރީ..." ލިއަމް އަނެއްކާ ވެސް އެއްސެވެ.

"ނަޝާމެންގެއަށް މިދަނީ..." ހޭޒަލް ބުންޏެވެ.

"އަހަރެން ގާތު ނުވެސް ބުނަމެންނު ތަނަކަށް ދާންއުޅޭ ވާހަކަ" ލިއަމް ބުންޏެވެ.

"އާން!... ނުބުނެވުނީ... ލިއަމް ވެސް ހުރީ ކަމަކަށް ލަސްވެފައެއްނު" ހޭޒަލް ބުންޏެވެ.

"ކިހާ ހިސާބަކު ތިހުރީ" ލިއަމް އެއްސެވެ.

"އެ ގެއާ ވަރަށް ކައިރީގަ" ހޭޒަލް ބުންޏެވެ.

"އެގެއަށް ނުވަދެ މަޑުކުރައްޗޭ... މީހަކު އެބަފޮނުވަން" ލިއަމް ބުނެލިއެވެ.

"ކާކު؟... ކީއްކުރަން؟... އޭނާއަށް އަހަރެން އެނގޭނެތަ" ހޭޒަލް ސުވާލުކުރިއެވެ.

"އާން! އެނގޭނެ... ޒެއްލު ދަންނަ މީހެކޭ، ފެންނައިރަށް އެނގޭނެ، ޕްލީޒް މަޑުކުރައްޗޭ... ޓެން މިނެޓްސް ތެރޭ ދާނެ... ޕްލީޒް ވެއިޓް އިނގޭ" ލިއަމް އާދޭސްކޮށްލިއެވެ. ހޭޒަލް އެއްބަސްވުމުގެ ގޮތުން ހޫންއެއް ލައްވާލިއެވެ. އޭރު ލިއަމް ގެއިން ވެސް ނުކުމެއްޖެއެވެ. މަޑުކޮށްގެން ހުރީ އޮފީސް ރަޙުމަތްތެރިއަކާ ހަވާލުކުރި އޭނާގެ ސައިކަލު ގެނެސްދެންނެވެ. ނަސީބަކުން އޭނާ ވެސް އައީ އިތުރު ރައްޓެއްސަކާއެކު ކަމަށް ވާތީ ލިއަމްއާ ސައިކަލު ހަވާލުކޮށްފައި އަނެކާގެ ސައިކަލު ފަހަތުގައި ހިނގައްޖެއެވެ.

މަޑު ހިނގުމުގައި އައިސް ހޭޒަލް މަޑުކޮށްލީ ނަޝާ މެން ގޭގެ ދޮރޯށި ފެންނަ ހިސާބުގައެވެ. އޭނާ އިރުއިރުކޮޅާ މަގުގެ ދެފަރާތަށް ބަލާލައެވެ. އެމީހަކު އަންނަނީ ހިނގާފަކަމެއް ދުއްވާ އެއްޗެއްގައި ކަމެއް ހޭޒަލް އަހާލަން ހިތަށް އަރަންވާއިރަށް ލިއަމް ފޯނު ކަނޑާލައިފިއެވެ.

(ނުނިމޭ)