ހަބަރު

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ތަކެތި ދޫކުރަން ހުޅުވާލައިފި

Oct 17, 2019

ރާއްޖޭގައި ޑައިމަންޑް ބްލެކް ސްކްއިޑް ނުވަތަ ތުތިބޯވާ ދިލަމަހުގެ މަސްވެރިކަން ތައާރަފު ކުރަން އެ މަސްްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އާލާތް ފޯރުކޮށް ދޭ ޕްރޮގްރާމް އަނެއްކާވެސް ހުޅުވާލައިފި އެވެ.

ޑައިމަންޑް ބްލެކް ސްއިކްޑަކީ މާ ކަނޑުގެ ވަރަށް ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ބޯވާ ދިލަ މަހުގެ ސައިޒުން ބޮޑެތި ބާވަތެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުގެ މުއްސަނދިކަން ފުރިހަމައަށް ބޭނުން ކުރުމުގެ ގޮތުން ތުތިބޯވަ ދިލަމަހުގެ މަސްވެރިކަން ފުޅާ ކުރަން ބޭނުންވާ ކަމަށެވެ. އަދި ބުނީ އެ މަސްވެރި ކަމަށް ބޭނުންވާ އާލާތް ފޯރުކޮށާް ދިނުމަށް ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުގައި ކޮންމެ ދުވަހަކުވެސް އެ ތަކެތި ބެލޭ ގޮތަށް އިންތިޒާމެއް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

އެގޮތުން ދޫކުރާ ތަކެތީ އަގު ގާތްގަނޑަކަށް 250،000 އަށް އަރާއިރު، އެ އަގު އަދާ ކުރަން ޖެހެނީ މަހަކު 4،400 ރުފިޔާ ދައްކާ ގޮތަށް ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގަ އެވެ.

މި މަސްވެރި ކަމަށް ބޭނުން ކުރާ އާލާތް ދިގު މުއްދަތުން އަގު އަދާ ކުރާ ގޮތަށް އެދޭ ފޯމާ އުސޫލް މިނިސްޓްރީން ލިބެ އެވެ. ފުރުސަތު އޮތީ މި މަހުގެ 31 އާ ހަމައަށެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ތުތިބޯވާ ދިލަމަސް ބާޒާރަށް ނެރެފަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.