ވަރުން ދަވަންގެ "ބަދުލާޕޫރް" ގެ ޑައިރެކްޓްރު ޝްރީރާމް ރާގަވަން އާ ފިލްމެއް ފަށަން ތައްޔާރު ވެއްޖެ އެވެ. މިއީ 1971 ގައި ކުރި ހަނގުރާމައެއްގައި މަރުވި އިންޑިއާގެ ޒުވާން އާމީ އަރުން ކެޓަރްޕާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. އަރުންގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ ވަރުން އެވެ.
ވަރުން ބުނި ގޮތުގައި ހަނގުރާމަވެރި ސިފައިންގެ މީހެއްގެ ރޯލެއް ކުޅުމަކީ އޭނާގެ އަބަދުވެސް ހުވަފެނެކެވެ. ޚާއްސަކޮށް އުމުރުން އެންމެ 21 އަހަރުގައި އިންޑިއާގެ ވަރަށް ޝަރަފުވެރި އެވޯޑެއް ކަމަށްވާ ޕަރަމް ވީރް ޗަކްރަ ލިބުނު ހިތްވަރުގަދަ އަރުން ކެޓަރްޕާލްގެ ރޯލު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބަޔާންކުރަން ވެސް ދަތި އުފަލެކެވެ.
އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ވަރުން ބުނީ ވަރުން ކެޓަރްޕާލްގެ ވާހަކަ އަޑުއިވިފައި އޭނާ ވަރަށް އަޖައިބުވި އެވެ. އަދި މިއީ ޕްރޮޑިއުސަރު ޑީނޫ ވިޖަން އާއި ޑައިރެކްޓަރު ޝްރީރާމް ގުޅިގެން މިފަދަ ފިލްމެއް ތައްޔާރުކުރުމަށް އެހާ ބޮޑަށް ޝައުގުވެރިވާ ސަބަބު ވެސް އެނގުނީ މި ހިތްވަރުގަދަ ބަތަލުގެ ވާހަކަ ކިޔާފަ އެވެ.
މި ރޯލަށް ތައްޔާރު ވުމުގެ ގޮތުން ވަރުން މިހާރު ވަނީ އަރުންގެ ބޭބެ މުކޭޝް އާ ވެސް ބައްދަލު ކޮށްފަ އެވެ.
ވަރުން ބުނި ގޮތުގައި އޭނާގެ ވެސް ބޭބެއެއް ހުރުމާއެކު ބޭބެ ކުއްލިއަކަށް ދުނިޔެ ދޫކުރުމުން މުކޭޝް އަށް ކުރާނެ އަސަރު އޭނާއަށް އިހްސާސް ކުރެވުނެވެ. އަދި މި ވާހަކަ ވަރަށް ފުރިހަމައަށް އަދި އެހާމެ ރަނގަޅަށް ގެނެސްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވަރުން ގަބޫލު ކުރެ އެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ މުހިއްމު ފިލްމު. ޝްރީރާމް އާއެކު އިތުރު ފިލްމެއްގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުނީތީ ވެސް އަހަރެން މިހިރީ ވަރަށް އުފަލުން. އިންޑިއާ ރައްޔިތުން ވަރަށް ފަޚުރުވެރިވާ ފަދަ ފިލްމެއް ސްކްރީނެއް ގެނެސްދޭން އުންމީދުކުރަން،" ވަރުން ބުންޏެވެ.