ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިންކަމް ޓެކްސް ނަގާއިރު، މުދަލު ޒަކާތުގެ ބައި އުނިވާންޖެހޭނެ: ޝަހީމް

އިންކަމް ޓެކްސްގެ ގާނޫނު ފާސް ވެގެން އަންނައިރު މުދަލު ޒަކާތް ދައްކާ މީހާގެ ޓެކްސް އިން އެބައި އުނިވާ ގޮތަށް އޮންނަން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނުވަތަ އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އެ ބިލްގެ ފުރަތަމަ ކިޔުން ވެެސް އިއްވާފައެވެ.

އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވީ އިންކަމް ޓެކްސްގެ ގާނޫނު ފާސް ވެގެން އަންނަ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަ ވާނެހެން ކަންކަން ތަރުތީބު ވާންވާނެ ކަމަށެވެ. އަދި މުދަލު ޒަކާތް ދައްކާ މީހާގެ ޓެކްސް އިން އެބައި އުނިވާ ގޮތަށް އޮންނަން ޖެހޭނެ ކަމަށެވެ.

އިންކަމް ޓެކްސްގެ ގާނޫނު ފާސް ވެގެން އަންނަ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަ ވާނެހެން ކަންކަން ތަރުތީބު ވާންވާނެ. މުދަލު ޒަކާތް ދައްކާ މީހާގެ ޓެކްސްގެ ކަންވާރުން އެބައި އުނިވާ ގޮތަށް އޮންނަން ޖެހޭނެ ކަމުގައި ދެކެން. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިިކް މިނިސްޓަރު

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާއިރު، ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލުގައި ވަނީ، 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފެށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ބިލުގައިވާ ގޮތުން 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގަން ހުށަހަޅާފައިވާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ހުށަހަޅައިފަ އެވެ.

އާމްދަނީގެ ގޮތުގައި 40،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާ ގޮތަށް ސަރުކާރުން ބިލް ހުށަހެޅިއިރު، ސަރުކާރުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.