ހަތެއް

ވިސްލްބްލޯ ބިލު ތަސްދީގު ކުރައްވައިފި

Oct 17, 2019
2

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަކީ މި ބިލުގައި ނޭދެވޭ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. އަދި ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައި ވެއެވެ.

ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މަޢުލޫމާތު ހުށަހަޅައި، ވިސްލްބްލޯ ކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ.

އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުންވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޤާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ޤާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.