ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި މިސްޓަ ބަޖާޖްގެ ރޯލު ކުޅެމުންދިޔަ ކަރަން ސިންގް ގްރޯވަރު ނުވަތަ އެންމެން ލޯބިން ކިޔާ ނަމުންނަމަ ކޭއެސްޖީ އެ ސިލްސިލާ ދޫކޮށްލަން ނިންމައިފި އެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކަރަން ދިޔައީ ބަޖާޖްގެ ރޯލު އަދާ ކުރަމުންނެވެ. އެރިކާ ފެނާންޑިސް އާއި ޕާތު ސަމުތާން ލީޑް ރޯލު ކުޅޭ މި ސިލްސިލާގައި ކަރަން ބައިވެރި ކުރީ އިތުރަށް ޝޯ ފުރިހަމަކޮށް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރު ކުރުމަށެވެ.
ކޭއެސްޖީ "ކަސޯޓީ" އާ ގުޅުނީ ވަރަށް ފޮނި އުންމީދުތަކަކާއެކު ނަމަވެސް އޭނާއަށް މި ސިލްސިލާގައި މާ ފުރިހަމައަށް ޕާފޯމް ކުރެވޭނެ ގޮތެއް ނުވި އެވެ. ސިލްސިލާގެ ސްކްރިޕްޓް ބިނާ ކޮށްފައި އޮތީ ޕްރޭނާ އާއި އަނުރާގުގެ ލޯބީގެ މައްޗަށް ކަމަށް ވާތީ ބަޖާޖްގެ ރޯލު ލިޔެފައި އޮތީ ކަރަންގެ އެކްޓިން ހުނަރު ދައްކާ ލެވޭ ކަހަލަ ގޮތަކަށް ނޫނެވެ. އަދި ބެލުންތެރިންނަށް ވެސް މިފަހަރުގެ "ކަސޯޓީ"ގައި ފެނިގެންދިޔަ ބަޖާޖްގެ ކެރެކްޓާ އެހާ ކަމަކު ނުދިޔަ އެވެ.
ޝޯ އާ ހިތްހަމަނުޖެހި ވަކިވާން ނިންމައި ކަރަން ވަނީ ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރާ އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އަދި ކަރަންގެ ނިންމުން ގަބޫލުކޮށް އެކްތާ ވަނީ ކަރަންއަށް ފެއާވެލް އެއް ވެސް ދީފަ އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖެއްގައި ކަރަން ވަނީ އެކްތާ އަށާއި "ކަސޯޓީ"ގައި އޭނާއާއެކު ބައިވެރިވި ހުރިހާ އެކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"ތި މީހުންނާއެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކަށާއި ފެއާވެލް އަށް ޝުކުރިއްޔާ. ތި އެންމެންނާއެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް،" ކަރަންގެ މެސެޖުގައި ބުނެފައި ވެއެވެ.
"ކަސޯޓީ"ގެ އޮރިޖިނަލް ޝޯގައި މިސްޓަ ބަޖާޖްގެ ރޯލު ކުޅުނީ ރޯނިތު ބޯސް ރޯއީ އެވެ. އެ ފަހަރު ހީނުކުރާ ވަރުގެ ބޮޑު ތަރުހީބަކާއި ކާމިޔާބެއް ރޯނިތު އަށް ލިބުނެވެ. އޭނާގެ ވަޅުޖަހަމުންދިޔަ ފިލްމީ ކެރިއަރު އަލުން ނަގާ ކޮޅަށް ޖެހުނީ މިސްޓަ ބަޖާޖްގެ ރޯލު އޭނާ ކުޅެލިލެއް ފުރިހަމަ ކަމުންނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިސްޓަ ބަޖާޖްގެ ކެރެކްޓާއަކީ ތަންކޮޅެއް އުމުރުން ދުވަސްވީ މީހެއްގެ ކެރެކްޓާ އަކަށް ވާތީ ރޯނިތު މި ކެރެކްޓާއަށް ވަރަށް ފިޓްވެ އެވެ. އަދި އެފަދަ މީހެއްގެ ހުންނާނެ ވަރުގަދަ ޝަހްސިއްޔަތު ވެސް ރޯނިތު ދައްކުވައިދިނެވެ. ނަމަވެސް ކަރަން މިސްޓަ ބަޖާޖްގެ ރޯލަށް ނުގުޅޭ ކަމަށް ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ބޮލުގައި ކުޑަކޮށް ނުރަ ޖައްސާލިޔަސް ކަރަންގެ ޒުވާންކަމާއި ރީތިކަމުން ބަޖާޖްގެ ބަޔަށް ވުރެ ފިލްމުގެ ބަތަލުގެ ބަޔަށް އޭނާ މާ ފިޓްވާހެން ހީވެ އެވެ.
މިސްޓަ ބަޖާޖް ޝޯ އާ ވަކިވާއިރު ޝޯގެ ފޭނުންނަށް އަނެއްކާވެސް މުޅިން އާ ކޯމަލިކާ އަކަށް މަރުހަބާ ކިޔަން ޖެހޭނެ އެވެ. ކުރިން ކޯމަލިކާގެ ރޯލު އަދާކުރި ހީނާ ޚާން ވަކިވުމުން މިހާރު އެ ރޯލަށް ހަމަޖައްސާފައިވަނީ އާމްނާ ޝަރީފެވެ.