ކާރްތިކް އާރްޔަން އާއި ސާރާ އަލީ ޚާން ލޯބީގައި ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފި އެވެ. ދެ ތަރިން ރުޅިވީ ކަމުގެ ޚަބަރުތައް ފެތުރެމުންދާއިރު ރައްޓެހިވީ ކަމަކަށް ވެސް މި ދެ ތަރިން މީޑިއާގައި އެއްބަހެއް ނުވެ އެވެ. ނަމަވެސް އެމީހުންގެ ގާތް ގުޅުން ފޮރުވާކަށް ވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ސާރާ އާއި ކާރްތިކްގެ ގުޅުން ބަދަހީ ދެ ތަރިން އެކުގައި ކުޅޭ "އާޖް ކަލް" ގެ ސެޓުން ބައްދަލު ވުމުންނެވެ. އޭގެ ކުރިން ވެސް ކާރްތިކް އާ ވަރަށް ގަޔާވާ ކަމަށާއި އޭނާއާއެކު ޑޭޓަކަށް ދާން ބޭނުން ކަމަށް "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ސާރާ އޮތީ އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން ކާރްތިކް މި ޝޯގައި ބައިވެރިވުމުން ޝޯގެ ހޯސްޓް ކަރަން ޖޯހަރް ވަނީ ކާރްތިކް އާ ވެސް މި ސުވާލު ކުރިމަތިކޮށްފަ އެވެ.
ކާރްތިކް އެ ފަހަރު ބުނީ ސާރާގެ ބައްޕަ ބޭނުން ވަނީ ފައިސާވެރިއަކާ އޭނާގެ ދަރިފުޅު ގުޅެން ކަމަށް ވާތީ އޭނާއަށް ސާރާ ގޮވައިގެން ބޭރަށް ދާން އެދެން ކެރޭނީ ވެސް އެވަރަށް ބޭންކަށް ފައިސާ ޖަމާވުމުން ކަމަށެވެ.
"އާޖް ކަލް"ގެ ޝޫޓިން ފެށި މި ދެ ތަރިން ރައްޓެހިވީ ޚަބަރުތައް ފެތުރެން ފެށީ މި ވާހަކަތައް ދެކެވުނުތާ މާ ގިނަ ދުވަސް ތަކެއް ނުވަނީހެވެ. ޝޫޓިންގެ ފުރަތަމަ ދުވަހުއްސުރެ ކާރްތިކް އާއި ސާރާގެ ޚާއްސަ ގުޅުމެއް އުފެދިއްޖެކަމުގެ ޚަބަރުތައް ލިބެން ފެށި އެވެ. އަދި އެކަން ވީ މި ދެ ތަރިންގެ އެތައް މިލިއަން ފޭނުންނެއް ވަރަށް ބޮޑަށް އެދިއެދި ތިބި ކަމަކަށެވެ. އެހެންވެ ފޭނުން ވެސް މި ދެ ތަރިން ލޯބީގެ ޖޯޑެއްގެ ގޮތުގައި ތިބުމަށް ވަރަށް ބޮޑަށް އެދެމުން ދިޔަ އެވެ.
ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔަ ވަރަކަށް ދެ ތަރިންގެ މެދުގައި ޕްރޮފެޝަނަލް ގުޅުމަށް ވުރެ ގާތް ގުޅުމެއް އޮތްކަން ދިޔައީ ހާމަ ވަމުންނެވެ. އެގޮތުން ކާރްތިކް "ޕަތީ ޕަތުނީ އައުރް ވޯ"ގެ ޝޫޓިންގަށް އިންޑިއާގެ ލަކްނޫއަށް ގޮސް ހުރިއިރު އެތަނަށް ގޮސް ކާރްތިކް އާއެކު ސާރާ ވަނީ ތިން ހަފުތާ ހޭދަކޮށްފަ އެވެ. އޭގެ ފަހުން ސާރާ ވަނީ އޭނާގެ އާއިލީ ގެއަށް ކާރްތިކް ގެންގޮސް އެ ގެ ދައްކާލާ އެ ގޭގައި ވެސް ދެ މީހުން އެކުގައި ވަގުތުތައް ހޭދަކޮށްފަ އެވެ.
އަދި ސާރާގެ ކޮއްކޮ އިބްރާހިމް އަލީ ޚާނާ ވެސް އެގޭގައި ހުރުމާއެކު އޭނާ އާއި ކާރްތިކްގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައި ވެއެވެ.
ފެޝަން ޝޯއެއްގައި ސާރާ ރޭމްޕްގައި ހިނގިއިރު އޭނާއަށް ހިތްވަރުދީ ތަރުހީބު ދިނުމަށް ކާރްތިކް ހުއްޓެވެ. އޭގެ ފަހުން ދެ މީހުން އެކުގައި އަތާއަތް ގުޅާލައިގެން އެކި ދުވަސް ދުވަހު ތަފާތު ރެސްޓޯރަންޓްތަކުން ނުކުންނަނިކޮށް ވެސް ފެނިފައި ވެއެވެ.
މީޑިއާގައި އެއްބަސް ނުވިޔަސް ކާރްތިކް އާއި ސާރާގެ ގުޅުން ސިއްރު ކުރަން އެ ދެ ތަރިން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ ނޫހަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ސާރާ އާއި ކާރްތިކްގެ ލޯބީގެ ގުޅުން ކެނޑި ދެ މީހުން ރުޅިވެއްޖެ އެވެ.
މި ދެ ތަރިން ރުޅިވީ އެއްވެސް ޒާތީ މައްސަލައެއް އޮވެގެން އަދި ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ނޫން ކަމަށާއި ދެ އެކްޓަރުންނަކީ ވެސް ވަރަށް ބިޒީކޮށް ފިލްމުތަކުގައި މަސައްކަތްކުރާ ދެ އެކްޓަރުންނަށް ވާތީ އެކަކު އަނެކަކަށް ދޭނެ އެކަށީގެންވާ ވަގުތު ނުލިބޭތީ ވަކިވާން ނިންމީ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިހާ ބުރަކޮށް އުޅޭއިރު ލޯބީގެ ގުޅުމެއް އެކަށީގެންވާ ގޮތުގައި ބޭއްވިދާނެ ކަމަށް ސާރާ އާއި ކާރްތިކް އަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންވެ މިހިސާބުން ދެ މީހުން ވަކިވާން ނިންމީ އެވެ. މިއީ މި ދެ ތަރިންގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސްކަމެކެވެ.
ފިލްމީ ކެރިއަރަށް ބަލާއިރު ކާރްތިކް ދަނީ "ޕަތީ ޕަތުނީ އައުރް ވޯ" ރިލީޒްކުރާ ދުވަސް ކައިރިވާތީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތާއި އެނޫންވެސް ބާކީ ހުރި މަސައްކަތްތައް ނިންމަމުންނެވެ. މި ފިލްމުގައި ކާރްތިކް އާއެކު ހަރަކާތްތެރިވާ ބަތަލާއިންނަކީ ބޫމީ ޕަޑްނޭކަރް އާއި އަނަންޔާ ޕާންޑޭ އެވެ.
ކާރްތިކް މިހާރު ވަނީ ކިއާރާ އަދުވާނީ އާއެކު ކުޅޭ "ބޫލް ބުލައްޔާ 2"ގެ ޝޫޓީން ފަށާފަ އެވެ. އަދި ޖާންވީ ކަޕޫރާއެކު ކުޅޭ "ދޯސްތާނާ 2" ވެސް ކާރްތިކް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.
ސާރާ މިވަގުތު އުޅެނީ ވަރުން ދަވަން އާއެކު ކުޅޭ "ކޫލީ ނަންބަރު 1"ގެ މަސައްކަތުގައި އަވަދިނެތި އެވެ.