ޝައިހް އިލްޔާސް ހުސައިން

އެމްޑީއެންގެ ޓޮޕިކް ބަދަލެއް ނުކުރެވޭނެ: އިލްޔާސް

ކިތަންމެ ގިނަ ވާހަކަތަކެއް ބަޔަކު ދެއްކި ނަމަވެސް، އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓްގެ އަޑު މަޑު ނުކުރެވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ މިއަދު އޭނާ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އިލްޔާސް ވިދާޅުވީ އެމްޑީއެން އުވާލުމަށް ގޮވާލާ ގޮވާލުމުގެ އަޑު ކަނޑުވާލައި އެ ޓޮޕިކް ބަދަލު ކުރަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ އިސްލާމްދީނާ ނަބިއްޔާގެ ދިފާއުގައި ކަމަށެވެ.

މުސްލިމުން އެންމެ ބޮޑަށް ލޯބިކުރާ އަދި ލޯބިވާންޖެހޭ ޝަހުސިއްޔަތަކީ ހަމައެކަނި މާތް ނަބިއްޔާ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވަނީ އެމްޑީއެންއަށް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާތީ، އަހުދެއްވުމަށްފަހު އަހުދު އުވާލުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށާ އެއީ ޔަހޫދީންގެ ސިފައެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.