އަމީތާބު

ހަތަރު ދުވަހަށް ފަހު އަމީތާބު ހޮސްޕިޓަލުން ދޫކޮށްލައިފި

މުމްބައިގެ ނާނާވަތީ ހޮސްޕިޓަލުގައި ހަތަރު ދުވަސް ވަންދެން އޮތުމަށްފަހު އަމީތާބު ބައްޗަން މިހާރު ވަނީ ގެއަށް ބަދަލުވެފަ އެވެ. އަމީތާބު ގެޔަށް ބަދަލުވީ ހުކުރު ދުވަހުގެ ރޭ 9.45 ހާއިރު އެވެ. އަމީތާބާއެކު އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝެކް ވެސް ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އަމީތާބު ހޮސްޕިޓަލުގައި އެޑްމިޓްކުރީ އަންގާރަ ދުވަހު އެވެ. އޭނާގެ ސިއްހީ މައްސަލައަކީ ކޮބައި ކަމެއް ރަސްމީ ސިފައެއްގައި އެއްވެސް މީހަކު ބުނެފައެއް ނުވެ އެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އަމީތާބުގެ ހާލު މާ ގޯހެއް ނޫނެވެ. އަދި ބާއްވާފައި އޮތީ އޮބްޒަޥޭޝަނަށެވެ. ހޮސްޕިޓަލުގައި ބާއްވައިގެން އަމީތާބުގެ ވަރަށް ގިނަ ޓެސްޓްތައް ހަދާފައި ވެއެވެ.

އަމީތާބު ރަނގަޅުވެގެން ނުކުމެ އޭނާއަށް ދިމާވި ސިއްހީ މައްސަލަތައް މީޑިއާ އަށް ކިޔައިދޭނެ ކަމަށް ބެލެވެ އެވެ.

އަމީތާބު މި ދުވަސްވަރު ކުރާ މަސައްކަތަކީ "ކޯން ބަނޭގާ ކްރޯޅްޕަތީ" ހޯސްޓް ކުރުމެވެ. މި ޝޯގެ މަސައްކަތް ބަލިވެގެން މެދުކަނޑާލުމަށް ފަހު އަންނަ އަންގާރަ ދުވަހުން ފެށިގެން އަލުން ޝޯގެ ޝޫޓިން ފަށާނެ ކަމަށް ވެއެވެ.