ލައިފްސްޓައިލް

44 ދަރިން ވިހޭ މީހާ އިތުރަށް ނުވިހަން ސަރުކާރުން އަންގައިފި

ދަރިން ބެލުމަކީ ކިހާ ވަރުބަލިވާ ކަމެއްކަން އެނގޭނީ ދަރިން ބަލާ މީހުންނަށެވެ. ގިނަ މީހުން ދަރިއަކު ހޯދުމުގެ ކުރިން އެތައް ހާސް ސުވާލެއް އަމިއްލަ ނަފްސާ ކުރިމަތި ކުރެ އެވެ. ނަމަވެސް ޔޫގެންޑާގެ މި އަންހެންމީހާއަށް ދަރިން ހޯދުމަކީ އެއްވެސް ދަތި އަދި ވިސްނަން ޖެހޭ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އޭނާގެ އުމުރުން 36 އަހަރުވީއިރު 44 އަހަރު ކުދިން ވިހައިފި އެވެ.

މަރިއަމް ނަބަތަންޒީގެ ފިރިމީހާ އޭނާއަށް ވުރެ 28 އަހަރު ދޮއްޓެވެ. މަރިއަމް އެމީހާއާ ކައިވެނި ކުރިއިރު މަރިއަމްގެ އުމުރުން އެންމެ 12 އަހަރެވެ. ކައިވެންޏަށް އަހަރެއް ވީއިރު މަރިއަމް އަށް އެއްމާބަނޑު ދެ ދަރިން ލިބިއްޖެ އެވެ.

އަހަރަކު ދެ ކުދިން ކަހަލަ ގޮތަކަށް ވިހަމުން ދަނިކޮށް މީގެ ތިން އަހަރު ކުރިން މަރިއަމްގެ ފިރިމީހާ ވަނީ އޭނާ ދޫކޮށްލާފައި ގޮއްސަ އެވެ. އޭރު މަރިއަމް އަށް 38 ދަރިން ލިބިއްޖެ އެވެ.

މިހާ ގިނަ ދަރިން ލިބުން މިއީ އާދައިގެ ކަމެއް ނޫން ދޯ އެވެ. ފުރަތަމަ ފަހަރަށް ބަލިވެ އިނުމުން މަރިޔަމް ޑޮކްޓަރަކަށް ދެއްކި އެވެ. ޑޮކްޓަރު މަރިއަމް ކައިރީ ބުނީ އޭނާގެ އޯވަރީ އާދަޔާޚިލާފަށް ބޮޑު ކަމަށާއި ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކޮށްފިނަމަ އޭނާގެ ސިއްހަތަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އެހެންވެ އޭނާ ދަރިން ނުލިބޭތޯ އެއްވެސް ކަމެއް ނުކުރެ އެވެ. މިހާރު މަރިއަމްގެ 44 ދަރިން އެބަތިއްބެވެ. އަދި ޔޫގެންޑާ ސަރުކާރުން މިހާރު ވަނީ އިތުރަށް ނުވިހަން މަރިއަމް އަށް އަންގާފަ އެވެ. އަދި ޑޮކްޓަރުން މިހާރު ތައްޔާރުވަނީ މަރިއަމްގެ ރަހިމު ނަގާށެވެ.

މަރިއަމް އަކީ ކުޑައިރު ވަރަށް ނިކަމެތި ހާލުގައި އުޅުނު މީހަކަށް ވާތީ ދަރިންނަށް އެފަދަ ދެރަ ގޮތްތަކެއް މެދުވެރިވާކަށް ނޭދެ އެވެ. އޭނާ އެދެނީ ދަރިންނަށް ވީހާވެސް ރަނގަޅު ގޮތްތައް މެދުވެރިވުމެވެ. އެހެންވެ ވަރަށް ބުރަކޮށް ތަފާތު މަސައްކަތްތައް ކޮށްގެން ދަރިންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދޭތޯ މަރިއަމް ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެކަނި ދަރިންގެ ބަނޑުފުރާނަ މުއްތިކުރަން ވެސް މަރިއަމް އަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މަރިއަމް ބުނި އޭނާގެ ދަރިންގެ ކެއުމަށް އެވްރެޖްކޮށް ދުވާލަކު 25 ކިލޯ ގޮދަންފުށް ބޭނުންވެ އެވެ. މިހާރު މަރިއަމްގެ ދޮށީ ދަރިފުޅު ކިޔެވުން ހުއްޓާލާފައި މަންމައާއެކު އާމްދަނީ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އޭނާ ބުނި ގޮތުގައި މަސައްކަތް ކޮށްކޮށް މަންމަ މިހާރު ހުރީ ހަލާކުވާން ކައިރިވެފަ އެވެ. އެހެންވެ ކެއްކުމާއި އެއްޗެހި ދޮވުން ފަދަ ކަންކަމުގައި އެމީހުން މަންމައަށް ވަރަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ނަމަވެސް މުޅި އާއިލާގެ ޒިންމާ މަންމަގެ ބޮލުގައި އެޅިފައިވާތީ މިއީ މަންމަ އުފުލަން ޖެހިފައިވާ ބޮޑު ބުރައެއް ކަމަށް މަރިއަމްގެ ދޮށީ ދަރިފުޅު ބުންޏެވެ.