މޯލްޑިވްސް ޕޮލިސް ސާވިސް

އެމްޑީއެންގައި ސީޕީގެ ދައުރެއް އޮތީ ދުވަސްކޮޅަކު: ފުލުހުން

މިހާރުގެ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގައި މަސައްކަތް ކުރެއްވި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުސް ކޮމިޝަނާ ހަމީދަކީ އެމްޑީއެންގެ މެންބަރެއް ކަމަށް ބުނެ އާންމު މީހަކު ޓްވިޓާގައި ކުރި ސުވާލަކާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވާ ކަމަށާ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ.

ނަމަވެސް ހަމީދު ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވި ދުވަސްކޮޅު އަމިއްލަފުޅު ހައިސިއްޔަތުން އެމްޑީއެންގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އަދި ބުނީ މިހާރު ތަހުގީގު ހިނގަމުންދާ އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި އެމްޑީއެން އިން ނެރުނު ރިޕޯޓްގައި މައްސަލަ ތަހުގީގު ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދާއި ފުލުހުން ވެސް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.


ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވިއިރު އެމްޑީއެންގެ ބޯޑްގެ ޑެޕިއުޓީ ޗެެއާގެ ގޮތުގައި އޭނާ ވަނީ އެމްޑީއެން ތަމްސީލް ކުރައްވާފަ އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައި ވެއެވެ.

ންޑީއެމުން ނެރުނު ރިޕޯޓްގެ މައްްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފުލުހަށް ހުށައަޅާފަ އެވެ. ފުލުހުން މިއަދު ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މި މައްސަލާގައި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތާމެދު އާންމުން ގެންދަނީ ކަންބޮޑުުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ވަގުތުން އުވާލުމަށް ދީނީ އިލްމުވެރިންނާއި، މަޖިލީސް މެންބަރުންނާއި، ބައެއް ސިޔާސީ ޕާޓީތަކުންނާއި އާންމުންވެސް ގެންދަނީ ގޮވާލަމުންނެވެ. ބައެއް ރަށްރަށުގައި ވަނީ މުޒާހަރާ ވެސް ކުރަން ފަށާފަ އެވެ.