ދީނަށް ފުރައްސާރަ ކުރުން

ހައްޔަރުކޮށް، ދުލަށް މޮހޮރު ޖެހިއަސް ނުހުއްޓުވޭނެ: އިޔާޒް

ޝައިހު އަލީ ޒައިދާ، ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ހައްޔަރުކުރި ނަމަވެސް އެމްޑީއެންއާ ދެކޮޅަށް ފަށާފައިވާ ހަރަކާތް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް އިޔާޒް ވިދާޅުވެއްޖެ އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން އެ ޖަމިއްޔާ އުވާލަން ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ. އެ މަސައްކަތުގައި އިސްވެ އިޔާޒާއި އަލީ ޒައިދު ގެންދަވަނީ މުހިންމު ދައުރެއް ވެސް އަދާ ކުރައްވަމުންނެވެ.

އިޔާޒް ވިދާޅުވީ އޭނާއާ އަލީ ޒައިދު ހައްޔަރުކުރި ނަމަވެސް އަދި ދުލަށް މޮހޮރު ޖެހި ނަމަވެސް އެމްޑީއެން އުވާލަން ގޮވާލާ ގޮވާލުން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ތިބީ އަބްތޯލުން ތަކެއް ކަމަށް ސިފަކޮށް އެ މަސައްކަތުގައި ދެމި ތިބި މީހުން ގެއަށް ވަންނާނީ މަސައްކަތް ނިންމާފައި ކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑާ، ޝައިޚް އަލީ ޒައިދު ހައްޔަރު ކުރިޔަސް، ދުލަށް މޮހޮރު ޖެހިޔަސް 'ބޭންއެމްޑީއެން' [އެމްޑީއެން އުވާލަން ގޮވާލުމުގެ ހަރަކާތް] ކަންކަން ނިންމާފައި ނޫނީ މި ކަމުގެ އަބްތޯލުން ގެއަކަށް ނުވަންނާނެ،
ޑރ. މުހައްމަދު އިޔާޒް | ދީނީ އިލްމުވެރިއެއް

އިޔާޒް ވިދާޅުވީ ރާއްޖޭގައި އެތައް ޖަމިއްޔާތަކެއް އުފައްދާފައިވާއިރު އެމްޑީއެން އުވާލަން ގޮވާލަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި ބަޔަކު ބޭނުންވި ނަމަވެސް ދިވެހިންގެ ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށާ އެކަން ކުރާނަމަ ހުއްޓުވުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އިޔާޒާއި އަލީ ޒައިދަކީ ވެސް އެމްއެންޔޫގެ ފެކަލްޓީތަކުގައި ކިޔަވައިދެއްވާ އިލްމުވެރިންނެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.