ހަބަރު

ހަލާލު ފަތުރުވެރިކަމުގެ ކޮންފަރެންސެއް ފަށައިފި

Oct 19, 2019
2

މަހަލްދީބު ފައުންޑޭޝަންގެ "ޕްލެޓްފޯމް ފޯ އިންޖިނިއުޓީ އެންޑް އެންލައިޓްމަންޓް (ޕައި)" އާއި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބާއްވާ އެންލައިޓެން ކޮންފަރެންސް މިއަދު ފަށައިފި އެވެ.

އިސްލާމީކް ސެންޓަރުގައި 47 ބައިވެރިންނާއިއެކު ފެށި މި ކޮންފަރެންސަކީ ހަލާލު ފަތުރުވެރިކަމާ ބެހޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ކޮންފަރެންސެވެ.

"އެންގޭޖް ދަ އަންޓެޕްޑް" ގެ ނަމުގައި މިއަދު މި ފެށި ކޮންފަރެންސްގައި އިސްލާމިކް ޓޫރިޒަމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ބޭފުޅުން ތަގުރީރު ކުރައްވާނެ އެވެ. އަދި "ކޮންވެންޝަނަލް ޓޫރިޒަމް އާއި އިސްލާމިކް ޓީރިޒަމް" އާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަންއެއް މިއަދު ހަވީރު ފަށާނެ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނެލިސްޓުންގެ ތެރޭގައި ހިމެނެނީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، މޯލްޑިވްސް ގޭޓްވޭސް އަދި އޯއާރްސީ މީޑިޔާ ގްރޫޕްގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް ޕްރޮފެޝަނަލަސްގެ ރައީސް ޑރ. ހުސައިން ސަނީ އުމަރާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް އަދި ޝެއިހް އާދަމް ނިޝާނެވެ.

ހަލާލު ފަތުރުވެރިކަމަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އަންނަ އަހަރު 220 ބިލިއަން ޑޮލަރުގެ ފައިދާއެއް މި ދާއިރާއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާއިރު 2026 ގައި ފައިދާ 300 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް އަންދާޒާ ކުރެވެއެވެ. ދުނިޔޭގައި ވަރަށް ފުޅާދާއިރާއެއްގައި މި ވިޔަފާރި ކުރިއަރަމުން ދިޔަ ނަމަވެސް، އިސްލާމިކް ޓޫރިޒަމަކީ ރާއްޖޭގައި އަދި ރަސްމީކޮށް ފަށާފައިވާ ދާއިރާއެއް ނޫނެވެ.