ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯޝަލް މީޑިއާގައި ބަޔަކު މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި އެހެނިހެން ގޮތްގޮތުން ވެސް މީހުންނަށް މަރުގެ އިންޒާރުދޭ މައްސަލަތައް ފުލުހުންގެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އެގޮތުން ހަމީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ވެސް ބަލާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މަރުގެ އިންޒާރުދީފައި ވެއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީއެންގެ ފައުންޑަރު ޝަހިންދާ އިސްމާއީލަށް ވެސް އެ އިންޒާރު ދީފައި ވެއެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި މިހާރުގެ ފުލުސް ކޮމިޝަނަރަކީ އެމްޑީއެންގެ މެންބަރެއްކަމަށް ބުނެ އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔަމުންނެވެ. އަދި އެމްޑީއެންގެ މައްސަލަ ނުބަލާ ފަސް ކުރަމުން ދަނީ ހަމީދުގެ ނުފޫޒުގައި ކަމަށްވެސް ބައެއް މީހުން ތުހުމަތުތައް ކުރެއެވެ.
ފުލުހުން ބުނީ ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވާ ކަމަށާ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ.
ނަމަވެސް ހަމީދު ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވި ދުވަސްކޮޅު އަމިއްލަފުޅު ހައިސިއްޔަތުން އެމްޑީއެންގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އަދި ބުނީ މިހާރު ތަހުގީގު ހިނގަމުންދާ އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި އެމްޑީއެން އިން ނެރުނު ރިޕޯޓްގައި މައްސަލަ ތަހުގީގު ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދާއި ފުލުހުން ވެސް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މަރުގެ އިންޒާރުގެ މައްސަލަތަކުގައި އަވަސް ފިޔަވަޅުތައް އެޅި ނަމަވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ކުރިޔަށް ދަނީ ވަރަށް ލަހުންނެވެ.