ސައިންސް

މާސްއަށް އެންމެ ފުރަތަމަ ފައިބާނީ އަންހެނެއް!

Oct 20, 2019
1

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް އިންސާނުން ފޮނުވަން ކުރަމުންދާ މަސައްކަތް އެއްވެސް ވަރަކަށް މަޑު ޖެހުނު ކަމަކަށް ނުބެލެވެ އެވެ. މިހާރުވެސަް އެ އިދާރާގެ އެންމެ ބޮޑު އަމާޒަކީ 2021 ވަނަ އަހަރު ނުވަތަ 2030 ވަނަ އަހަރު ނާސާއަށް އިންސާނަކު ފޮނުވުމެވެ. އެކަން ކުރުމުގެ ގޮތުން މިހާރު ވަނީ ހާއްސަ ސްޕޭސްސޫޓެއް ވެސް ތައްޔާރު ކޮށްފަ އެވެ. މި ސޫޓު ހަނދަށް ދާން ބޭނުންކުރި ސޫޓާ ތަފާތު ވާނެ އެވެ. ސަބަބަކީ ހަނދުގެ މާހައުލާއި މާސްގެ މާހައުލު ހާސްބައި ތަފާތު ވާތީ އެވެ.

ނާސާއިން މާސްއަށް ކުރާ ދަތުރުގައި ބައިވެރިވާ ޓީމު ހާމަކުރުން ލަސްވާތީ ނާސާގެ މިޝަނާމެދު ސުވާލު އުފެދިފައި ވަނިކޮށް ނާސާގެ ޗީފް އެޑްމިނިސްޓްރޭޓާ ޖިމް ބްރިޑްސްޓައިން ވިދާޅުވީ، މާސްގެ މިޝަނަށް ތައްޔާރު ކޮށްގެން ނާސާގެ މުވައްޒިފުންގެ ތެރެއިން ފާހަގަ ކުރެވޭ ހަތް މުވައްޒަފަކަށް ތަމްރީނުތައް ދޭން ފަށާފައިވާ ކަމަށެވެ. އެ ތަމްރީނު ތަކުގައި ބައިވެރިވަނީ ނާސާގެ އިންޖީނިއަރިން ޑިޕާޓްމެންޓުންނާއި، ޕައިލެޓް މޫވްމެންޓް ޑިޕާޓްމެންޓާއި ސްޕޭސް އާކިއޮލިޖިސްޓު ޓީމުގެ އިތުރުން މެޑިކަލް ޑިޕާޓުމެންޓުންނެވެ.

ބްރިޑްސްޓެއިން ވިދާޅުވި ގޮތުގައި މާސްއަށް އެންމެ ފުރަތަމަ ފޭބުމުގެ ޝަރަފު ލިބޭނީ އަންހެނަކަށެވެ. އެހެންކަމުން އެއީ ސްޕޭސް އާކިއޮލޮޖިސްޓުންގެ ޓީމުގެ މެމްބަރަކަށް ވުން ގާތެވެ. އެ ޓީމުގައި ދެ އަންހެން ތިބެ އެވެ. ޕައިލެޓް މޫވްމެންޓާއި މެޑިކަލް ޑިޕާޓްމެންޓުގެ މުވައްޒިފުން މާސްއަށް ނުފައިބާނެ ކަމަށް ބްރިޑްސްޓެއިން ވަނީ ވިދާޅުވެފަ އެވެ.

މާސްއަށް ދަތުރު ކުރާ ޓީމުގެ މައުލޫމާތު ނާސާއިން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަކީ، ނާސާގެ މުވައްޒިފުންގެ ކިބައިން ލިބުނު ސިއްރު މައުލޫމާތެވެ.

މި މިޝަނަށް ތައްޔާރުވުމުގެ ގޮތުން ނާސާއިން މިހާތަނަށް ކުރަން ފަށާފައިވާ ހަމައެކަނި މަސައްކަތަކީ ޖައްވީ އުޅަނދު ބަނުމުގެ މަސައްކަތާއި ސްޕޭސް ސޫޓު ތައްޔާރު ކުރުމެވެ. އިތުރު އެހެން އެއްވެސް މަސައްކަތެއް އަދި ނުކުރެ އެވެ. އެހެންކަމުން މިޝަން 2030 ވަނަ އަހަރުގެ ނިޔަލަށް ފަސްވުން ވެސް އެކަށީގެންވެ އެވެ.

އެހެނިހެން ޖައްވީ އިދާރާތަކުން އިންސާނުން މާސްއަށް ފައިބާނެ ގޮތާއި އެނބުރި އުޅަނދަށް އަރާނެ ގޮތް މިހާރު ޕްލޭންކޮށް މަސައްކަތް ކުރަން ފަށާފައިވާއިރު ނާސާގެ އޮތީ މަސައްކަތުގެ އެންމެ ފަހަތުގަ އެވެ.

އެންމެ ކުރީގައި އޮތީ ނާސާގެ ބައިވެރިއެއް ކަމަށްވާ ސްޕޭސް އެކްސް ކުންފުންޏެވެ. ސްޕޭސް އެކްސް ކުންފުނިން ވަނީ މަސައްކަތުގެ ބޮޑުބައި މިހާރު ވެސް ނިންމާލާފަ އެވެ. އެހެންކަމުން މާސްއަށް ފުރަތަމަ އިންސާނަކު ފޮނުވާނީ ސްޕޭސް އެކްސްއިން ކަމަށް ބެލެވެ އެވެ. ސްޕޭސް އެކްސްގެ ވެސް އެސްޓްރޮނޯޓުންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެ ކުންފުނީގެ ވެރިޔާ އިލޯން މަސްކުވެސް ވަނީ މާސްއަށް ދާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ޓީމުގައި އިލޯން ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.