ރިޕޯޓް

ފުށިދިއްގާ: ނުހައްގު އާމްދަނީން މިލިއަން ޑޮލަރު!

Oct 20, 2019
2

އދ. ފުށިދިއްގާގެ ގިނަ ވާހަކަތަކާއި ކޮރަޕްޝަން މިދިއަ ހުކުރު ދުވަހާ ހަމައަކަށް ނޭނގެ އެވެ. އެކަން ޕަބްލިކް ޑޮމެއިންއަށް ގެނެސް ދިނީ މީޑިއާ އެވެ. އޭގެ ބޮޑު ދައުރެއް އަދާކުރީ އަވަސް އޮންލައިން ތައްޔާރު ކުރި ހާއްސަ ރިޕޯޓް އެެވެ. މިހާރު އާއްމުވެފައިވާ ވާހަކަ ތަކަށް ބަލާއިރު އ ރަށުގެ ވާހަކަ ފުންވެފައި އަނދިރި އެވެ.

އެ ރަށަށް އަރާ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ރެއަކާއި ދުވާލެއްގެ މައްޗަށް 10 ޑޮލަރާއި 20 ޑޮލަރުގެ ނަގަ އެވެ. މިރަށް ވެފައިވަނީ ސަފާރީ އުޅަނދު ފަހަރު ގިނަ އަދަދަކަށް ކައިރި ކުރާ ރަށަކަށެވެ. ބޮޑު ރީތި ބީޗެއް އޮތް ރަށުން ނުހައްގުން މާލީ މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވެނީ މ. ހަސްތީ، އަހުމަދު ހަލީލަށެވެ. ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި އެރަށުގައި ރިސޯޓެއް ހަދަން އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދާފަ އެވެ.

އެހެންވެ، އޭނާ ސިވިލް ކޯޓަށް މައްސައެއް ލިއެވެ. އެ މައްސަލަ ނިމުނީ އޭނާގެ ކޮޅަށެވެ. އެކަމަކު ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ނިމުނީ ދައުލަތާ އެއްކޮޅަށެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދު ކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ބުނީ އެ ރަށަށް ޓޫރިސްޓުން ގެންގޮސް ނުހައްގުން އެ ރަށުގެ ފައިދާ ހޯދަމުން ދިޔައީ ހަލީލެވެ. އަދި އޭނާ އެ ގޮތަށް ހޯދި އާމްދަނީގެ މައުލޫމާތު ފޮތްތަކުން އެނގެން އެބަހުއްޓެވެ.

"ހަލީލާ އެކު އެއްވެސް ސަރުކާރަކުން ހެދި އެގްރީމެންޓެއް ވެސް ނެތް. އަދި އަހުމަދު ހަލީލު އެ ތަނުގަ [ފުށިދިއްގާ] ގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ދޫކުރި ލައިސެންސެއް ނެތް. އެހެންވީމަ ގާނޫނާ ހިލާފު ކަން ތަކެއް ނުކުރެވޭނެ،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ފުށިދިއްގާގައި ޓޫރިސްޓުންނަށް ހިދުމަތް ދީގެން، ހޯދި އާމްދަނީ މިލިއަނެއްހާ ޑޮލަރަށް އަރާނެ އެވެ.

ރާއްޖެއަށް ހަޑި ނަމެއް

ސަރުކާރަކުން ޕްރޮޕަޓީއެއް ދެ ތިން މީހަކަށް ދިން ވާހަކަ ބުނެފިނަމަ ދުނިޔެ އެކަމަށް ޖޯކު ޖަހާނެ އެވެ. އެކަމަކު އެކަން އޮތީ އެގޮތަށެވެ. މި ރަށަކީ މަޝްހޫރު އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުންހުރި ރަށެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި މިރަށް ވަނީ ދެ ކުންފުންޏަކަށް ދޫކޮށްފަ އެވެ. އެއީ، ބޭރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވިއާނާ އާއި ރާއްޖޭގެ އެޗްއެމްއެޗްއައި އަށެވެ.

އެ ދެ ކުންފުނިން ވެސް ސަރުކާރަށް ވަނީ ފައިސާ ދައްކާފަ އެވެ. ރިސޯޓު ތަރައްގީ ކުރަން ތިން މިލިއަން ޑޮލަރަށް ދިވެހި ކުންފުންޏަށް ފުށިދިއްގާ ދޭން ނިންމި ނަމަވެސް ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކާފައި ވަނީ 1.3 މިލިއަން ޑޮލަރެވެ. އަދި މޯލްޑިވިއަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގައިވާ ގޮތުން ސަރުކާރުން އޭރު އެދުނު އަދަދު ކަމުގައިވާ ހަ ލައްކަ ޑޮލަރު އެ ކުންފުނިން ވަނީ ދައްކާފަ އެވެ.

އެނގިފައިވާ ގޮތުގައި މިރަށް ނަގާފައިވާ އެއް މޯލްޑިވިއާނާ ކުންފުނީގެ ރަޝިއާ އިންވެސްޓަރު މިއަދު ރާއްޖެ އަންނާނެ އެވެ. އަމިއްލަ ޖެޓެއްގައި އޭނާ ރާއްޖެ އަންނަނީ ފުށިދިއްގާ ތަރައްގީ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. މި ރަށް ބަލާށެވެ. ނަމަވެސް އާންމު މީހަކާއި ދެ ކުންފުންޏެއްގެ މެދު މި ރަށުގެ މައްސަލަ ޖެހި ރަށް މި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މިހާރު އެ ރަށަކީ ކޮންމެ ބައެއްގެ ރަށެއް ކަމެއް ބުނާކަށް ނޭނގެ އެވެ. ރަށް ހައްގު ވަނީ ކޮން ބައެއްކަން އަދި ނުނިންމޭނެ އެވެ. އެ ގޮތް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށެވެ.

"އަޅުގަނޑުމެންގެ ދިރާސާކޮށް އެޓާނީ ޖެނެރަލް އޮފީހާއި ދައުލަތުގެ މުއައްސަސާތަކާ އެކު ބަލާނަން،" އޭނާ ވިދާޅުވި އެވެ.

ރަށްތައް ބެލެހެއްޓުން: ސުވާލެއް

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު 140 ރަށެއް ޓޫރިޒަމަށް ދަނީ ތަރައްގީ ކުރަމުންނެވެ. އަދި މީގެ ތެރެއިން 70 ރަށެއްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މި ރަށްތައް ޓޫރިޒަމް މިނިސްޓްރީއަށް ބެލެހެއްޓޭ ހެއްޔެވެ؟ މި ރަށްތައް ބަލަހައްޓަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޓޫރިޒަމްގެ މުވައްޒަފުން ރަށްރަށުގައި ތިބޭނީ ހެއްޔެވެ؟ ނޫނީ ކައުންސިލް ތަކަށް ބެލެހެއްޓުމުގެ ބާރު ދޭނީ ހެއްޔެވެ؟

އަލީ ވަހީދު ވިދާޅުވި ގޮތުގައި ވިސްނުން އޮތީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުން ބާރު ދަށުގައި ރަށްތައް ބެލެހެއްޓުމަށެވެ.