ކާޖަލް

ނެޓްފްލިކްސްގެ "ޓްރިބަންގާ"ގެ ބަތަލާއަކަށް ކާޖޮލް

ނެޓްފްލިކްސް އިން އަލަށް އުފައްދާ ފިލްމެއް ކަމަށްވާ "ޓްރިބަންގާ" ގެ ބަތަލާއެއްގެ ރޯލު ކުޅެން ކާޖޮލް އެއްބަސް ވެއްޖެ އެވެ.

އޭނާއައެކު މި ފިލްމުގައި ތަންވީ އަޒްމީ އާއި މިތީލާ ޕާލްކަރް ވެސް ބައިވެރިވާނެ އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ "ހަމް އާޕް ކޭ ހޭ ކޯން" ގައި މާދުރީ ޑިކްޝިޓްގެ ދައްތަގެ ރޯލު ކުޅުނު ރޭނުކާ ޝަހާނޭ އެވެ.

ރޭނުކާ ބުނި ގޮތުގައި ނެޓްފްލިކްސް އަށް މި ފިލްމު ޑައިރެކްޓް ކޮށްދޭ ހިތުން އޭނާ ހުރީ ކެތްމަދުވެފަ އެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި އެއް ފަހަރާ ފިލްމު ބަލާލުމުގެ ފުރުސަތު ނެޓްފްލިކްސް އިން ލިބޭތީ އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.

"ޓްރިބަންގާ" އަކީ މުމްބައިގެ އާއިލާއެއްގެ ވާހަކަ އެވެ. މި ފިލްމުގައި 1980 ގެ އަހަރު ތަކުން ފެށިގެން މި ޒަމާނާ ހަމައަށް ތިން ޖެނެރޭޝަނެއްގެ ވާހަކަ ކިޔައިދީފައި ވެއެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކަށް ވެސް އާއިލާގެ މުހިއްމުކަން ފިލްމުން ފެނިގެން ދާނެ ކަމަށް ރޭނުކާ ބުންޏެވެ.

"ޓްރިބަންގާ" އަކީ ކާޖޮލް ކުޅޭ ފުރަތަމަ ޑީޖިޓަލް ފިލްމެވެ. އަދި ފިލްމުގައި ބައިވެރިވާ ތަންވީ އަޒްމީ އާއި މިތީލާ އަދި ކުނާލް ރޯއި ކަޕޫރު ވެސް މީގެ ކުރިން ޑީޖިޓަލް ފިލްމެއް ކުޅެފައެއް ނުވެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ އަޖޭ ދޭވްގަންގެ ޕްރޮޑަކްޝަން ހައުސް އާއި ބަންނީޖޭ އޭޝިއާ އަދި އަލްކެމީ ޕްރޮޑަކްޝަންސް ގުޅިގެންނެވެ.

"ނެޓްފްލިކްސް އާ ގުޅިގެން 'ޓްރިބަންގާ' އުފެއްދުމުގެ މަސައްކަތް ފަށާއިރު އަހަރެމެން މިތިބީ ވަރަށް އުފަލުން. މި ފިލްމުގައި ދައްކުވައިދޭނީ އާދަޔާޚިލާފު ވަރުގަދަ ޝަޚްސިއްޔަތުތަކެއްގެ ވެރި ތިން އަންހެނުން. ފިލްމުގެ ތަރިންނަކީ ވަރަށް ކުޅަދާނަ ހުނަރުވެރި އެކްޓަރުންތަކެއް،" ފިލްމާ ބެހޭ ގޮތުން އަޖޭ ބުންޏެވެ.