ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(17 އޮކްޓޯބަރ 2019 އާ ގުޅޭ)

މަޑު ހިނގުމުގައި އައިސް ހޭޒަލް މަޑުކޮށްލީ ނަޝާ މެން ގޭގެ ދޮރޯށި ފެންނަ ހިސާބުގައެވެ. އޭނާ އިރުއިރުކޮޅާ މަގުގެ ދެފަރާތަށް ބަލާލައެވެ. އެމީހަކު އަންނަނީ ހިނގާފަކަމެއް ދުއްވާ އެއްޗެއްގައި ކަމެއް ހޭޒަލް އަހާލަން ހިތަށް އަރަންވާއިރަށް ލިއަމް ފޯނު ކަނޑާލައިފިއެވެ.

ހޭޒަލްގެ ކޮނޑުގައި އަޅުވާލާފަ އޮތް ދަބަސް ރަނގަޅުކޮށްލުމާއެކު ކުރިމައްޗަށް ވާހެން ގެނައެވެ. އަދި ދެއަތުން ދަބަހުގައި ހިފަހައްޓާލައިގެން ހުރީ އޭގައި ހުރީ އޭނާގެ ވަރަށް އަގުހުރި އެއްޗެއްސަށްވީމައެވެ. އެކަނިމާއެކަނި އަންހެން ކުއްޖަކު ހުރުމަށް މާލޭގެ މަގުތައް އަމާންތަނަކަށް ނުވެއެވެ. ޚާއްޞަކޮށް ހިނގާބިނގާވާ މީހުނާއި ދުއްވާ އުޅަނދުތައް ފެންނަލެއް މަދު މަގުތަކެވެ. ޢާންމުކޮށް ހޭޒަލް އެކަނި ތަންތަނަށް ގޮހެއް ވެސް ނުހަދައެވެ. އެހެންވެ އެގޮތަށް މަޑުކޮށްގެން އެކަނިމާއެކަނި ހުންނަން ޖެހުމުން ހޭޒަލް ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ.

ދިހަ މިނެޓޭ އެމީހަކު ވާނީ ލިއަމް ބުނީއްސުރެ އިރުއިރުކޮޅުން އަތުކުރީ އޮތް ގަޑިއަށް ހޭޒަލް ބަލާލައެވެ. އެގޮތުގައި ދިހަ މިނެޓުވުމާއެކު ހޭޒަލްގެ ޖީންސުގެ ޖީބަށް ކޮށްޕާލި ފޯނު ނަގައިފިއެވެ. ލިއަމްއަށް ޑައިލްކޮށްލިއެވެ. ރިންގުވަމުން ދިޔަ ނަމަވެސް ލިއަމް ފޯނެއް ނުނެގިއެވެ. ތިން ވަނަ ފަހަރަށް ގުޅައިގެން ހުއްޓަ މަގުން ވަން ސައިކަލު ހޭޒަލްއަށް ފެނުނެވެ. އެ ސައިކަލު ދުއްވަން އިނީ ލިއަމް އެވެ. ފެނުނު މަންޒަރު ޤަބޫލުނުކުރެވިގެން ހޭޒަލް އިސްޖަހާލައި ދެ ލޮލުގައި ފިރުމާލިއެވެ. ދެން އޭނާ އިސްއުފުލާލަންވީރު ސައިކަލުގަ ލިއަމް އައިސް ހޭޒަލްގެ ގާތުގައި މަޑުކޮށްލައިފިއެވެ.

"ހޭ ބޭބް... ސަޕްރައިޒް..." ލިއަމް ނިކަން ފުޅާ ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. އޭނާ ފަރުވާތެރިކަމާއެކު ހޭޒަލްއަށް ބަލާލައި އޭނާގެ އަތުގައި ހިފާލިއެވެ.

"ލިއަމް!... ކޮންއިރަކު އައީ؟" ހައިރާންކަމާއެކު ހޭޒަލް އެއްސެވެ.

"މެންދުރު ފަހުގެ ފްލައިޓުން... ގެއަށް ވަންގޮތަށް ޒެއްލު ނެތީމަ އަވަހަށް ގުޅީ" ހޭޒަލްގެ ކަނާއަތު އިނގިލިތަކުގެ ދޭތެރެއަށް ލިއަމްގެ އިނގިލިތައް ހެޔޮވަރުކޮށްލައި ބާރުކޮށްލިއެވެ. އަދި ހޭޒަލްގެ އަތަށް މަޑުމަޑުން ދަމާލި ގޮތުން ގާތަށް އައުމަށް ލިއަމް އިޝާރާތްކުރި ކަހަލައެވެ.

"އަހަރެން ނަޝާ ގާތު މިއަންނަނީ ބުނެފަ" ހޭޒަލްގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލިއަމް ސުވާލުކުރީމައެވެ. ހޭޒަލްގެ ހަށިގަނޑުގެ އަރިއަކަށް ވާހެން އަޅުވާލާފަ އޮތީ އައިޕެޑުލާ ދަބަހެވެ. އެ ހިފައިގެން ނަޝާ މެންގެއަށް އަންނަން ޖެހުނީ ކަމަކުތޯ ލިއަމް އެއްސެވެ.

"ލިއަމް އަންނަކަމެއް ނޭނގޭވިއްޔާ، އެހެންވެ ނަޝާ ގުޅާލީމާ އަހަރެން ބުނީ މިދަނީއޭ، ދާރިއަންއާއެކު ވޯކް ޑިސްކަސް ކުރަން އޮތީމަ އައިޕެޑް ހިފައިގެން ނުކުތީ، އޭނާ ބުނީ ފަހެއް ޖަހާއިރުއޭ... ނަޝާމެންގެއިން ކޮފީއަށް އަރަން ފަސޭހަވާނެތީ އެގޭގަ މަޑުކޮށްލަން ގަސްދުކޮށްގެން އައީ" ހޭޒަލް ހުރިހާކަމެއް ތަފްސީލުކޮށްދިނެވެ.

"މިއަދަކުނޫން ތިހުރިހާކަމެއް ކުރާނީ، ހިނގާ އަހަންނާއެކު ދާން" ލިއަމް އެދުނެވެ. ހޭޒަލް އެކަމާ ދެކޮޅެއް ނުހެދިއެވެ.

ހޭޒަލްގެ ފޯނުން އަވަސް މެސެޖެއް ނަޝާއަށް ފޮނުވާލިއެވެ. އަދި އޭނާ އައިސް ލިއަމްގެ ސައިކަލު ފަހަތަށް އެރިއެވެ. ލިއަމް ސައިކަލު ދުއްވާލުމާއެކު ހޭޒަލްގެ ގާތުން ދާނީ ކޮންތާކައްތޯ ސުވާލުކުރިއެވެ. ހޭޒަލް ގެއަށޭ ބުނުމުން ލިއަމްއަށް އެގޮތް ކަމަކު ނުދިޔައެވެ. ހޭޒަލް ގާތު ކައިފިންތޯ އެއްސެވެ. ލިއަމް އަންނާނޭކަން ނޭނގޭތީ ހޭޒަލް އެއްވެސް ކާއެއްޗެއް ގޭގައި ނުހަދައެވެ. ހެނދުނު އޭނާ ހުރީ ކޮފީ ތަށްޓެއް ބޯލި ގޮތަށެވެ. މެންދުރުވީފަހުން ސޭންޑްވިޗްއަކާއެކު އޮރެންޖު ޖޫސްތަށްޓެއް ބުޔެވެ. ލިއަމް ގާތު ގޭގައި ކާއެއްޗެއް ތައްޔާރުކުރަންކަން ޖެހޭނީ ހޭޒަލް ބުނުމުން އޭނާ ޚިޔާލު ދިނީ ބޭރުން ކެއުމަށެވެ. އަދި މިއަދު އެއްޗެއް ހަދާނޭކަމެއްނެތް ކަމެވެ. ރޭގަނޑަށް ކާއެއްޗެހި ގެންނާނީ ކަމުގައެވެ. އޭނާ ޚިޔާލު ކޮށްފަ އޮތީ ދުވަހުގެ ބާކީބައި ހޭޒަލްއާއެކު ހޭދަކުރުމަށްކަން ވެސް ލިއަމް ބުންޏެވެ.

ހަވީރުގެ ސައިބުއިމަށް މާފަންނުގައި ހުރި މަޝްހޫރު ރެސްޓޯރެންޓަކަށް ދެ މީހުން ވަނެވެ. ބުފޭއިން ކާއެއްޗެހި ނަގައިގެން އައިސް މޭޒުދޮށުގައި ލިއަމްއާއި ހޭޒަލް އިށީނެވެ. ޒައިދަން ގާތު ލިއަމް އަންނަވާހަކަ ބުނިކަމާއި ހޭޒަލްއަށް ސިއްރުކޮށްދޭން ބުނެފައިވާނޭކަން ލިއަމް ބުންޏެވެ. އޭނާ ބޭނުންވީ ހޭޒަލްއަށް ކުއްލި އުފާވެރިކަމެއް ދޭންކަމުގައި ބުންޏެވެ. އަދި ހޭޒަލްގެ ޢާއިލާ މީހުން އޭނާ މާލެ އައިފަހުން ގެއަށް އައިތޯ ސުވާލުކުރިއެވެ. ލިއަމްގެ ޢާއިލާއާ ބައްދަލުކުރިންތޯ ވެސް އޭނާ އެއްސެވެ. އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ހޭޒަލް ދެއްކީ ލިއަމް މިހާރު އަޑުއަހަން ބޭނުންނުވާނޭ ވާހަކަތަކެކެވެ.

"ޝިޔާނާއި ޔުސްރާއާއި އަލްމާ ކީކޭ ބުނީ ލިއަމް މާލެދާން އުޅޭކަން އެނގުނީމަ... ނުބުނޭތަ މަޑުކުރާކަށް" ހޭޒަލް ބުންޏެވެ. އެހިނދު ލިއަމް ނަގަނަގާ ހުރި ސައިޖޯޑު ވަގުތުން ވަތުތަށީގައި ބެހެއްޓިއެވެ. އިރުކޮޅަކު ހޭޒަލްއަށް ބަލަން އިނުމަށްފަހު އޭނާ ވާހަކަދެއްކިއެވެ.

"އަހަރެން އަވަހަށް މިއައީ ޒެއްލު އުފާކޮށްދޭން، ތިބުނު އެކަކުވެސް އަހަންނަށް މުހިންމެއްނޫން، ޒެއްލު ޕްލީޒް... އަދިވެސް ހިތްހަމަނުޖެހިފަތަ؟... މިހާރު އަހަރެން މިހުރީ މާލެގައެއްނު، ޒެއްލުއަށް ފެންނަ ހިސާބުގައެއްނު، އެމީހުންނެއް ނާންނާނެ ޒެއްލުއަށް އުނދަގޫކުރާކަށް، ޒެއްލު އަހަންނަށް އިތުބާރެއްނުކުރަން ދޯ... ރީތިކޮށް ބުނެބަލަ... ޒެއްލުގެ ހިތުގަ އޮތް ހުރިހާ އެއްޗެއް ބޭރުކޮށްބަލަ، އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ ޒެއްލު ރުޅިއައިސް ދެރަވެފަ ހުންނަހާ ހިނދަކު، އަހަރެން ވަކި ބޭނުންވާނެތަ ޒެއްލުއާ ދުރުގަ އުޅޭން... އަހަރެން ޕްރޮމިސްކުރީމަ ވެސް ޒެއްލުއަށް ބްލީވެއް ނުކުރެވުނު" ލިއަމްގެ އަޑު މަޑުވެފައި މޫނުމަތިން ފެންނަނީ މޮޅިވެރިކަމުގެ އަސަރެވެ.

"އެހެނެއްނޫން... ލިއަމްއަށް ބްލީވްކުރަން އަހަރެން ވެސް ބޭނުން، އެކަމަކު ފެނުނީ ހާދަ އެހެންކަހަލަ ކަންތައްތަކެކޭ، އަހަރެންގެ ހިތަށްވީ ގޮތް ލިއަމްއަށް އިޙްސާސްކުރެވޭނަމަ އެނގުނީސް... އަހަރެންގެ ގާތުގައި ހިލޭ ފިރިހެނަކު އެފަދައިން އުޅުންއިރު އަހަރެން ނޭނގެއޭ ބުނީމަ ލިއަމްއަށް ޤަބޫލުކުރެވޭނެތަ؟... އަހަރެން ހިލޭ ފިރިހެނަކާއެކު ކޮޓަރިއެއްގެ ތެރޭގައި ތަޅުލައިގެން އުޅެފައި ނުކުމެ ކަމެއް ނުހިނގައޭ ބުނީމަ ލިއަމް ޤަބޫލުކުރާނަންތަ؟" ހޭޒަލް ވެސް ވާހަކަދެއްކީ ނިކަން މަޑުމަޑުންނެވެ. ވަށައިގެން މޭޒުތައް ހުރީ އެއްމޭޒެއް އަނެއްމޭޒާ އެހާ ކައިރީގަ ނޫނަސް އިތުރު މީހަކަށް އެދެމެދުގައި ދެކެވޭ ވާހަކަ އަޑުއިވެން ހޭޒަލްއާއި ލިއަމް ވެސް ބޭނުމެއްނުވެއެވެ.

"ޒެއްލުއަށް އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކުރަން، އާން! އަހަރެން ޤަބޫލުކުރާނަން... ޒެއްލު ބުނާ ކޮންމެ އެއްޗެއް އަހަރެން ޤަބޫލުކުރާނަން.... އަހަންނަށް އެނގޭ ޒެއްލު އަހަރެންދެކެ ލޯބިވާވަރު، އަހަރެން ޒެއްލުދެކެ ލޯބިވާވަރު... އެ ލޯތްބާމެދު އަހަރެން ދުވަހަކުވެސް ޝައްކެއް ނުކުރާނަން، އަހަންނަށް ޒެއްލު އޮޅުވާނުލާނޭކަމުގެ ޔަގީންކަން އޮވޭ، ޒެއްލު ކޮންމެކަމެއް ކުރިޔަސް އަހަންނަށް ބޭވަފަރާތެރިނުވާނޭކަން އެނގޭ، އަހަރެންގެ ލޮލުން ޒެއްލު ގޯސްކަމެއް ކުރަނިކޮށް ނުފެންނަންޏާ ކީއްކުރަން ޝައްކުކުރަނީ، ހިތުގައި ވަހުމްތަކެއް އުފެދުމަކީ ދެމެދުގަ އޮންނަ ގުޅުން ބަލިކަށިވާނޭކަމެއް، މަޑުމަޑުން ދެމެދުގައި އޮންނަ އިތުބާރު ނެތިގެން ހިނގައިދާނެ، އޭރުން ދެމީހުން އެކުގައި އުޅުމުގެ ބޭނުމެއްނެތެއްނު..." ލިއަމްގެ ނަޒަރު ހިނދުކޮޅަކަށް ވެސް ހޭޒަލްގެ ލޮލާ ވަތްކެއްނުވެއެވެ. އޭނާ އެ ވާހަކަދެއްކީ ހިތުގެ އަޑިންކަން ހޭޒަލްއަށް ޤަބޫލުކުރެވުނީ އެހެންވެއެވެ. ލިއަމްއަކީ އަދިވެސް އޭނާގެ ލޯބިވާ ފިރިމީހާއެވެ. ހިތުގައި ވަހުމްތަކެއް ބާއްވައިގެން ފިރިމީހާއާ މެދު ޝައްކުގެ ނަޒަރުން އަބަދު ބަލާ އަނތްބަކަށްވާން ހޭޒަލް ވެސް ބޭނުމެއްނޫނެވެ.

ސައި ނިންމާފައި ހޭޒަލް ގޮވައިގެން މާލެ ވަށާ ދުއްވާލުމަށްފަހު ލިއަމް އައީ ގެއަށެވެ. އެޕާޓްމެންޓަށް ވަން ވަގުތު ދޮރުކައިރީ ހުރި ލިއަމްގެ ފޮށި ހޭޒަލްއަށް ފެނުނެވެ. އެ ފޮށްޓާ ހޭޒަލް ކައިރިވުމުގެ ކުރީން އެޕާޓްމެންޓުގެ ދޮރު ލައްޕާ ތަޅުލި ލިއަމް އަވަސް އަވަހަށް ހޭޒަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ އައިސް ކޮޓަރި ދޮރުމަތީ ހުއްޓި ހޭޒަލްގެ ލޮލުގައި އެއްއަތް އަޅައި ނިވާކޮށްލިއެވެ. ކޮޓަރީގައި ހޭޒަލްއަށް ހަދިޔާއެއް އޮންނާނޭ ބުނެ ދޮރު ހުޅުވާލައި ހޭޒަލްއާއެކު ލިއަމް ވަނެވެ. އަދި މަޑުމަޑުން ހޭޒަލްގެ ލޮލުން އަތްނެގިއެވެ.

"ރީތިތަ؟" ހިނިތުންވުމަކާއެކު މާބޮޑި ކައިރީ ހުއްޓި މާތަކާ ހޭޒަލް ކުޅެލުމުން ލިއަމް އަހާލިއެވެ. އޭނާ ފަސްއެނބުރި ލިއަމްއަށް ބަލާލައި ބޯޖަހާލިއެވެ. އަދި މާބޮޑު ނަގައި ވަސްގަނެލިއެވެ. ލިއަމްއަށް ބަލާލަމުން ހިނިތުންވެލައިގެން ހުރެ ޝުކުރިއްޔާއޭ ބުނެލިއެވެ. އޭގެ ބަދަލުގައި ލިއަމް ބުނީ ހޭޒަލްދެކެ ވަރަށް ލޯބިވާ ކަމުގައެވެ. ޕާރުސަލް ފެނި ހޭޒަލް އެ ނެގިއެވެ. ކަޑާފައި ބަލާލިއިރު ފަހުގެ ފޯނެކެވެ. ހޭޒަލްގެ ލުއި ހީނލުން އެ މޫނު އުޖާލާ ކުރުވިއެވެ. ހަށިފުރާ ނޭވާއެއް ލިއަމް ދޫކޮށްލީ ބޭނުންވީ ކަންތައް ފުދުމުންނެވެ. ހޭޒަލްގެ މޫނުން ނުތަނަވަސްކަން ފިލައި ހިނގައްޖެއެވެ. މިހާރު އެހުރީ އޭނާ ކައިވެނި ކުރި އުފާވެރި ހޭޒަލްކަން ލިއަމްއަށް ޔަގީންކޮށްދިނީ ހޭޒަލްގެ ހަރަކާތްތަކާއި އެ މޫނުން ފާޅުވާ އުފާވެރިކަމުގެ ޖަޒުބާތުތަކުންނެވެ.

އިޝާ ނަމާދުގެ ފަހުން ހޭޒަލްއަށް މުހުސިނާ ގުޅިއެވެ. ހޭޒަލް ބަލައި ޒައިދަން އެބަ ފޮނުވަންކަމުގައި ބުނެއެވެ. އެރޭ އެގެއަށް ކާން އައުމަށް މުހުސިނާ ބުނީއެވެ. ހޭޒަލް އަވަހަށް ލިއަމް އައިސް އުޅޭކަމުގެ އުފާވެރި ޚަބަރު މުހުސިނާއަށް ދިނެވެ. އަދި ހޭޒަލްއާއެކު ސޯފާގައި އިން ލިއަމްގެ އަތަށް ފޯނު ދިނެވެ. ވާހަކަދައްކަން އިރުކޮޅަކު އިނުމަށްފަހު މާދަމާގެ ވަގުތަކު މުހުސިނާ ގާތަށް ދާނަންކަމަށް ބުނެ ލިއަމް ފޯނު ބޭއްވިއެވެ.

"ޒެއްލު... ހިނގާ ދުވަސްކޮޅަކަށް އަހަރެމެން ޗުއްޓީ ހަދާލަން، ވަންވީކް އޯކޭނު" ލިއަމް ޚިޔާލު ދިނެވެ.

"އޭރުން ލިއަމްގެ އޮފީހޯ..." ހޭޒަލް ބުނެލިއެވެ.

"އޮފީސް ކަމަކު އުޅެފަ ދޯ މިއައީ... އެއީ ޗުއްޓީއެއްނޫނެއްނު، އަހަރެން ވެސް އަނބިމީހާއާ ދުރުގަ އުޅެފަ ބޭނުންވާނެ ދޯ ޗުއްޓީއެއް ހަދާލަން... ދެން އެކަމާ ޒެއްލު ނުވިސްނަބަލަ، ބުނޭ!... ކޮންތާކަށް ދާހިތްވަނީ، ރާއްޖޭން ބޭރަކަށްނޫން، ރިސޯޓެއް ބުނޭ... ޒެއްލު ބޭނުންތަނަކަށް ގެންގޮސްދޭނަން" ލިއަމް ބުންޏެވެ. ހޭޒަލްއަށް އުފަލުން ހީނލެވުނީއެވެ. ލިއަމް އެނބުރި އޭނާގެ ގާތަށް އެ އައީ ހީނުކުރާހާ އަވަހަށެވެ. ދެން ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް ކަމުގައި ހޭޒަލް ޔަގީންކުރިއެވެ.

* * * * *

ޖެހިގެން އައި ދުވަހު ހެނދުނު ލިއަމް އޮފީހަށް ނުކުތެވެ. އޭނާ އޮފީހަށް ދިއުމުން ގޭތެރޭގެ ކަންކަން ކޮށްލުމަށްފަހު ހޭޒަލް އައިސް ކޮޓަރިއަށް ވަނެވެ. ކަނާތް ފަރާތުގައި ހުރި "ކްރިޑެންޒާ" ކައިރީ ލިއަމްގެ ފޮށި ހުއްޓެވެ. ހޭޒަލް އެ ފޮށި ދަމަމުން ކޮޓަރިން ނެރުނެވެ. އޭނާ ގަސްދުކުރީ ފޮށީގައި ހުރި ލިއަމްގެ ހުރިހާ އެއްޗެއް ދޮވެފައި ނޫނީ އަލަމާރިއަށް ނުލުމަށެވެ. އެހެންވެ ފޮށީގައި ހުރި އަންނައުނުތައް ނަގަންފެށިއެވެ. އެ ފޮށީގައި ހުރި އެއްޗެހި ލިއަމް ނަގާނަންކަމުގައި ބުނެފައި އޮތެއްކަމަކު އޭނާ އަންނަންވާއިރަށް އެކަން ކޮށްލާފައި ބަހައްޓަން ހޭޒަލް ހިތަށް އެރީއެވެ.

ދޮވުމަށް ޓަކައި ހެދުންތައް ފޮށިން ނަގައި ބައިބަޔަށް ހޭޒަލް އެޅިއެވެ. އަދި ވެސް ފޮށީގައި ހުރި ލިއަމްގެ ބައެއް ސަމާނުތައް ހޭޒަލް ނެގިއެވެ. ލިއަމްއަށް ފެންނާނޭހެން އެ ސާމާނުތައް ގެނެސް ކޮޓަރީގައި ހުރި "ކްރިޑެންޒާ" މަތީ ބެހެއްޓިއެވެ. އެއީ ދެ ޕެންޑްރައިވަކާއި އޭފޯ ސިޓީއުރައެއްގެ އިތުރުން ނޯޓު ފޮތެކެވެ. އެވާނީ ލިއަމްގެ އޮފީސް އެއްޗިއްސައްކަން އެނގި ހޭޒަލް ބެހެއްޓީ ވެސް ފަސޭހައިން ލިއަމްއަށް ފެންނާނޭ ތަނެއްގައެވެ.

ހެދުންތައް ބައިބަޔަށް ދޮވެފައި މެޝިނުން ނަގައި ހިއްކާ މެޝިނަށް ހޭޒަލް އެޅިއެވެ. އަދި ހިއްކާފަ ހުރި ބައި ގެނެސް ސިޓިންރޫމުގައި ހުޅުވާފައި ހުރި ހަރުގަނޑުގައި އަޅައެވެ. އެގޮތުން ލިއަމްގެ ޖީންސުތަކާއި ސޯޓުތައް ދޮވުމަށް ޓަކައި އޭގެ ޖީބުތައް ހޭޒަލް ޗެކުކުރަމުން ދިޔައެވެ. ޢާންމުކޮށް ސުޕާރީ ނޫނީ މިންޓު ކާޑު ލިއަމްގެ ޖީބުތަކުން ފެންނާނެއެވެ. އެހެންވެ ލިއަމްގެ ޖީބުތައް ބެލުމަކީ ހޭޒަލްގެ އާދައެކެވެ. ނަމަވެސް މިފަހަރު ލިއަމްގެ ޖީންސެއްގެ ޖީބުން ފެނުނީ އެފަދަ އެއްޗެއް ނޫނެވެ. ފެނުނީ ފޯނެކެވެ. އިރުކޮޅަކު އެ ފޯނަށް ބަލަން ހޭޒަލްއަށް ހުރެވުނެވެ.

"މީ ލިއަމްގެ އޮފީސް ފޯނު... އެކަމަކު މި ފޯނު ފުރަންވެގެން ހަވާލުކުރިއޭ ބުނި..." އަތުގައި އޮތް ފޯނު ކުރިން ފެނިފައިވީ ހަނދާނެއް ހޭޒަލްއަށް ވުމުން އަމިއްލަ ނަފްސާ ވާހަކަދެއްކުނެވެ. އެއްފަރާތުގައި ފޯނު ބާއްވާލުމާއެކު ހޭޒަލް ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދިޔައެވެ. ހުރިހާ އެއްޗެއް ދޮވެ ނިމުމުން ހޭޒަލް ފޯނު ހިފައިގެން އައިސް އިނީ ސޯފާގައެވެ. އެއަށް ބަލަން އިނދެފައި ފޯނު ހުޅުވާލިއެވެ. ސިމްކާޑު ނެތްކަން އެރިއިރު ފޯނުގެ ޕާސްކޯޑު ޖަހަން އަރައިފައި އޮތެވެ. ލިއަމްގެ ސާވިސް ނަންބަރު އޭނާގެ ފޯނުގައި ޖަހާފައި އޮންނަކަން އެނގިގެން ހޭޒަލް އެ ނަންބަރު ޖަހާލިއެވެ. އެ ޕާސްކޯޑު ޤަބޫލެއްނުކުރިއެވެ. ދެވަނަ ކޯޑެއް ވެސް ހޭޒަލް ޖަހާލިއެވެ. ދެން ވެސް ދިމައެއް ނުވިއެވެ. ފޯނު ތަޅުލެވިދާނެތީ ހޭޒަލް ހާސްވިއެވެ. އެހެންވެ އިތުރަށް ފޯނާ ނުކުޅެ އޭނާ ފޯނު ނިވާލީއެވެ. އަދި އެ ފޯނުގެ ފޮޓޯއެއް ނަގައި ލިއަމްއަށް ޓެލެގްރާމުން ފޮނުވާލިއެވެ. ލިއަމްއަށް މެސެޖު ލިބުނުތާ ފަނަރަ މިނެޓު ތެރޭ އޭނާ ހުރީ އައިސް ގޭގައެވެ.

"އަހަރެން ބުނީމެންނު ފޮށި ހުސްކުރާނީ އަހަންނޭ، ކޮބާ އޭގަ ހުރި ސިޓީއުރަތަކާ އެއްޗެހި" އޮފީހުން ގެއަށް އައި ގޮތަށް ތަނެއްގައި ނުވެސް އިށީނދެ ލިއަމް ވާހަކަދެއްކީ ސޯފާގަ އިން ހޭޒަލްއާއެވެ.

"ލިއަމް ދޮވެފައޭ ހުރީ ބުންޏަސް އަހަރެން ހިތްހަމައެއްނުޖެހޭ، މިހާރު ދޮވެލީމަ އެކަން ވެސް އެ ނިމުނީނު، އެހެންވެ ފޮށި ހުޅުވީ، ކޮޓަރި ދޮރުކައިރީ ހުރި ކަބަޑުގެ މަތީ އެ އެއްޗެހި ހުންނާނެ" ހޭޒަލް ބުންޏެވެ.

"ޒެއްލު... އެއީ އަހަރެންގެ އޮފީސް އެއްޗެހި، ސިއްރު އެއްޗެހި، ކޮބާ އެ ފޯނު މިހާރު" ލިއަމް ބުންޏެވެ.

"އެއީ ލިއަމްގެ އޮފީސް ފޯނު ދޯ... އެ ހިފައިގެންތަ އެކޮޅަށް ދިޔައީ؟ ގައިމު މަށެއްނުދެކެން... ބުނީމެންނު އޮފީހާ ހަވާލުކޮށްފީމޭ، މީ ހަމަ އެ ފޯނެއްނު" ކުޝަން އަޅައި ފޯނު ފޮރުވާލައިގެން އިނދެފައި ހޭޒަލް އެ ފޯނު ނެގިއެވެ. ލިއަމްއަށް ދައްކާލިއެވެ.

"ތީ... އެހެން ފޯނެކޭ... އިނާޒު... އޭނާ އެނގެއެއްނު ޒެއްލުއަށް، މީހަކާ ހަވާލުކޮށްދޭށޭ ކިޔާފަ ދިން އެއްޗެއް، ސާބަސް ޒެއްލުއަށް، އެއްކަހަލަ ފޯނު ހުންނާނެއެއްނު، އަހަރެން އިތުރު ފޯނެއް ގެންގުޅުނު ނަމަ ޒެއްލުއަށް ފެންނާނެ ދޯ" ލިއަމް ބުންޏެވެ. އަދި އަވަސް އަވަހަށް ހޭޒަލްގެ އަތުން އެ ފޯނު އަތުލިއެވެ. ލިއަމްގެ ވާހަކަ މިފަހަރު ނިކަން ފަސޭހައިން ހޭޒަލް ޤަބޫލުކުރިއެވެ. ލިއަމް ބޭނުންކުރާ ފޯނު ނަމަ އެ ފޯނުގައި ސިމްކާޑެއް އޮންނާނޭ ހޭޒަލްގެ ހިތަށް އެރީމައެވެ. ލިއަމް ވެސް އިތުރު ވާހަކަތަކެއް ނުދައްކާ ސިޓީއުރައާއި ފެންޑްރައިވްތަކުގެ އިތުރުން އެ ކަޅު ފޯނު ހިފައިގެން ގެއިން ނުކުތީ އަނެއްކާ ވެސް އޮފީހަށް ދާށެވެ.

* * * * *

ލިއަމް ގާތު ނަޝާ މެންގެއަށް ހޭޒަލް ދާން އުޅޭ ވާހަކަ ބުނުމުން އޭނާ އެދުނީ މަޑުކުރުމަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ އޭނާ ހޭޒަލް ބަލާ އަންނަ ކަމުގައެވެ. އަދި އޮފީސް މީހުންނާއެކު ކޮފީއަކަށް އަރަން ބުނެފައި އޮތުމުން ދާ މަގުމަތީ ނަޝާ މެންގެއަށް ހޭޒަލް ލައިދޭން ލިއަމް ބޭނުންވީއެވެ. ނަމަވެސް މިހާރު އެކަނި ތަންތަނަށްދާން އާދަކުރަން ހޭޒަލް ވެސް ބޭނުންވެއެވެ. އަނެއްކާ ވެސް ލިއަމް އެހެން ހުރެފައި ފުރައިގެން ހިނގައްޖެނަމަ ހޭޒަލް އުޅެން ޖެހޭނީ އެކަނިކަން ހިތަށް އަރާފައެވެ.

ނަޝާމެން ގެއަށް ހޭޒަލް ބޭލުމަށްފަހު ލިއަމް ވޮލެޓުން ފައިސާ ނަގައި ހޭޒަލްއަށް ދިނެވެ. އޭނާގެ ފުށުން އެއްވެސް ތަފާތުކަމެއް ހޭޒަލްއަށް ނުފެނެއެވެ. ހޭޒަލް ބޭނުންވާ ފަދައިން ލިއަމްގެ ހުރިހާ ސަމާލުކަމެއް އޭނާއާއެކު ވެއެވެ. ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ގެއަށް ދާންވީމަ ގުޅާނަމޭ ބުނެ ހޭޒަލް ދޮރޯށި ހުޅުވާލިއެވެ.

"އާދެވިއްޖެ ދޯ... ކިހިނެއްތަ ކުރީން ދުވަހު ހެދީ، ލިއަމް އައީއޭ ބުނީމަ އުނދަގޫ ނުކުރަން ފަހުން ނުގުޅީ ވެސް" ސިޓިންރޫމު ސޯފާގައި އިން ނަޝާއަށް ދޮރުން ވަން ހޭޒަލް ފެންނަންވާއިރަށް ވާހަކަދެއްކިއެވެ.

"އޭތް... އިތުރު ބަޔަކު އުޅެނީތަ؟" ބަދިގެއާ ދިމާއިން އަޑުފަށްގަނޑު އިވޭތީ ހޭޒަލް އަހާލިއެވެ.

"ހޫން! ދެން އެނގެއެއްނު..." ނަޝާ ފޫހި ގޮތަކަށް ބުނެލިއެވެ. އެއާއެކު އޭނާ އެ ބުނަނީ ކީކޭކަން ހޭޒަލްއަށް ނަގައިގަނެވުނެވެ.

"ޕްރައިވެޓް ވާހަކައެއް ވެސް ދައްކާނުލެވޭނެ ދޯ" ހޭޒަލް ބުނެލިއެވެ.

"އަހަރެންގެ ކޮޓަރި އެއޮތީނު... ހިނގާ... އެހެންނޫނަސް ޒެއްލު އައީމަ ގޮވައިގެން ކޮޓަރިއަށް ވަންނަންށޭ މި އިންނަނީ" ނަޝާ ތެދުވިއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ހޭޒަލް އައެވެ. އެ ދެ މީހުން އައިސް ނަޝާގެ ކޮޓަރިއަށް ވަނެވެ.

"ދަތުރުގެ ވާހަކަދައްކަން ދޯ ތިއައީ... މަވެސް އެބައޮތޭ ބޮޑު ޚަބަރެއް ދޭންވެފަ" ނަޝާ ބުނެލިއެވެ. ދެ ޒުވާނުން ޖައްސާލީ ނަޝާގެ އެނދުގައެވެ. އެކަކު އަނެކަކަށް ކުރިމަތިވާނޭހެންނެވެ.

"ވަރުގަދަކަމެއް ލައިފްގަ ލައިގަނެއްޖެ އިނގޭ... ދުވަހަކުވެސް ހީނުކުރާވަރުގެ" ހޭޒަލް ދެފާރަތަށް ބޯހޫރުވަމުން ވާހަކަދެއްކިއެވެ.

"އަނެއްކާ ކޮންކަމެއް؟... އެ ރަށުން ބިރުވެރިކަމެއް ދިމާވީތަ؟" ނަޝާގެ ވިސްނުން ދިޔައީ އެހެން ދިމާއަކަށެވެ.

"ތިހެން ވެސް ބުނެވިދާނެ... ފުރޭތައަކަށްވުރެ ވެސް ބިރުވެރި އަންހެނެއް... ލަދެއް ހަޔާތެއް ވެސް ނުހައްދަވާ" ހޭޒަލް ބުންޏެވެ. އެއާއެކު އެ ވާހަކަ އަޑުއެހުމަށް ނަޝާ އިހުނަށްވުރެ ބޮޑަށް ޝައުގުވެރިވެއްޖެއެވެ. އޭނާ ދެފައި ވަށްކޮށްލައި ހެޑްބޯޑުގައި ލެނގިލައި އިށީނެވެ. ކަނުލާ ހޭޒަލްގެ ވާހަކަ އެހުމަށެވެ. ލިއަމް ކުޅުދުށްފުއްޓަށް ދިއުމުން ކަންތައްވީގޮތް ނަޝާއަށް ހޭޒަލް ކިޔައިދިނެވެ.

"އައްޗީޑި!... ދެން ދޯ..." ނަޝާ ހީވީ ބުނާނޭ ލަފްޒުތަކެއް ހޯދަން މަސައްކަތްކުރަމުންދިޔަ ހެނެވެ. އޭނާއަށް ވެސް ދެފަރާތަށް ބޯހޫރާލެވުނެވެ.

"އެކަމާ ހުރެ އަހަންނާއި ލިއަމް ވެސް ބޮޑު ފައިޓަކަށް ދާންޖެހުނީ، އަހަންނަކަށް ނޭނގެ... އަޅެ ނަޝާ ބުނެބާ، އަހަރެން މިކިޔައިދިނީ ވީ ހުރިހާކަމެއް" ހޭޒަލް އިނީ އެކުވެރިޔާގެ ޚިޔާލަކަށް ބޭނުންވެފައެވެ.

"ނޫން ޒެއްލު... ޤަބޫލުނުކުރާތި... ލިއަމްގެ ގޮތް އެނގެއެއްނު، ތިވާނީ އެ އަންހެންމީހާ ލިއަމްއާ އަޅައިގަތީކަމަށް، ލިއަމް ނުކުރާނެ އެކަހަލަ މުޑުދާރުކަމެއް، އޭނާ ޒެއްލުދެކެ ހާދަ ލޯބިވެޔޭ، އެ އަންހެންމީހާގެ ޢަމަލުތަކަށް ޒެއްލު ނުހެއްލޭތި، ޒެއްލުނޫން އަންހެނަކާ ހެދި ލިއަމްއެއް ނޫޅޭނެ، އަހަންނަށް ހަމަ ޔަގީން، ލިއަމްއަށް ވެސް ހަދާނޭ ގޮތެއް ނޭނގުނީކަމަށްވާނީ، އެކަހަލަ އަންހެނުން ނިކަން މަކަރުވެރިވާނެ، އޭނާގެ ބޭނުމަކީ ތި ދެމީހުން ދުރުކުރުވުންހެން ހީވަނީ، އެވަރަށް ލިއަމްއާ ހެދި އޭނާ އެހުރީ ދީވާނާވެފަ، އެހެންވެ އެހާ ކެރިގެން އެއުޅުނީ، ޒެއްލު ހުއްޓަ އެނގޭނެއެއްނު ލިއަމްއާ ގާތެއް ނުވެވޭނެކަން، މޮޔަކަމެއް ޒެއްލު ނުކުރާތި، ތި ދެ މީހުން ކިހާ ލޯބިން އުޅެނީ، ލިއަމް ކަހަލަ މީހަކު ނުލިބޭނެ... މިހާ ދުވަހު އެކުގައި އުޅެފަ މިހާރުތަ ލިއަމް ކަމެއްކުރަންޏާ ކުރާނީ، ޒެއްލުދެކެ ލިއަމް ފޫހިވިނަމަ އޭނާ ކީއްކުރަން ޒެއްލު ރުއްސަން އެހާ މަސައްކަތްކުރާނީ، ހީޒް އަ ޕާފެކްޓް ހަޒްބަންޑް، ތި ދެ މީހުންނަކީ ވެސް އެހާ ލޯބިލޯބި ދެ މީހުން، ދެމީހުންނަށް ވެސް ވަކިން ނޫޅެވޭވަރުގެ ދެމީހުން ތީ، ޒެއްލު ކީއްވެ ހިތަށް ވެސް އެރުވީ ލިއަމް ބޭވަފާތެރިވެދާނޭ... އޭނާއަކީ ސައިފެއްނޫން، ޒެއްލުގެ ލައިފް މުޅިން ބަދަލުކޮށްލި މީހަކީ ލިއަމް ދޯ، އޭނާއާ ޖެހުނުފަހުން ހޭޒަލް އެއްވެސް ކަމަކާ ކަންބޮޑުވެފައި ހުއްޓާ ނުދެކެން، ލިއަމްއަށް އެނގޭ ޒެއްލު އުފަލުގައި ބަހައްޓަން، އަނެއްކާ އެއީ ކޮންމެ މީހެއް ވެސް ނޫން، އެއީ ޒެއްލު ފިރިމީހާ... އޭނާ ކިހާ ހާޓްވާނެ ޒެއްލު ޝައްކުކުރާކަން އެނގުނީމަ" ނަޝާ ބުންޏެވެ. ނަޝާގެ ނަޒަރުގައި ލިއަމްއަކީ ހޭޒަލްއާ އެންމެ ގުޅޭ ބައިވެރިޔާއެވެ. އޭނާއަށް ލިއަމް ސިފަ ކުރެވެނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިރިއެއްގެ ގޮތުގައެވެ. ނަޝާއަށް ލިއަމް ކުށްވެރި ނުކުރެވުނީ އެހެންވެއެވެ. އަނެއްކޮޅުން ހޭޒަލްގެ ފަރާތުން ވެސް އަބަދު އަޑުއިވި ހުރީ ލިއަމް އޭނާއަށް ޚާއްޞަ ސަމާލުކަމެއް ދޭކަމެވެ. އޭނާގެ ކުދިކުދި ކަންކަން ވެސް ލިއަމްއަށް ފާހަގަވާ ކަމެވެ. އަނބިމީހާދެކެ ލޯބިނުވާނަމަ ލިއަމްއަށް ހޭޒަލްގެ ކަންތައްތައް އެހާ ފުރިހަމައަށް ނުކޮށްދެވޭނެއޭ ނަޝާގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ.

އެކުވެރިޔާގެ ވާހަކަތަކުން ހިތުގައިވި ވަހުމްތަކާ ދުރުވާން ހޭޒަލްއަށް ހިތްވަރު ލިބުނެވެ. ކުޅުދުއްފުށީގައި ހިނގި އެއްވެސް ކަމެއްގެ ވާހަކަ ނުދައްކަން ހޭޒަލް ނިންމިއެވެ. އެކަންތައްތައް މަތީން ހަނދާންނާތަލަން ހޭޒަލް ބޭނުންވާތީއެވެ. އަދި ނަޝާ އެދުނު ފަދައިން އަމިއްލަ ޟަމީރަށް ވިސްނައިދިނީ ހޭޒަލްއަށް ދުވަހަކުވެސް ލިއަމް ބޭވަފާތެރި ނުވާނޭކަމެވެ. އެ ދެ މީހުން ވަކިވާންޖެހޭވަރުކަމެއް ލިއަމް ނުކުރާނޭކަމެވެ.

ހޭޒަލް އޭނާގެ ވާހަކަ އިތުރަށް ނުދައްކާ ނަޝާ ދައްކަން އޮތީ ކޮންވާހަކައެއްތޯ އެއްސެވެ. އެއާއެކު އޭނާ ފެށީ އެމީހުންގެ ރަޙުމަތްތެރިޔާ ރީޝާގެ ވާހަކައެކެވެ. ރީޝާ މަސައްކަތްކުރާ އޮފީހުގެ ޑެޕިއުޓީ ހެޑްއާއެކު އޭނާ ރަށުން ބޭރަށް ދިޔަ ކަމާއި ދިޔައީ އެ ދެ މީހުން އެކަނިކަމެވެ. ޒައިދުއަށް މިކަން ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެކަމެވެ. އެހެންވެ މިދިޔަ އަހަރު ފަހުކޮޅު އޮފީސް ދަތުރެއްގަ ރީޝާ މެލޭޝިއާއަށް ފުރަން އުޅޭ ޚަބަރު ޒައިދަށް ލިބުމުން އޭނާ ރައްޓެއްސެއް ލައްވާ ވާނުވާ ބެލުވީއެވެ. އަދި ބެލިބެލުމުން އެ ދެ މީހުން މެލޭޝިއަށް ދިއުމުގެ ބަދަލުގައި ދަތުރު ހަމަޖެހިފަ އޮތީ ބެންކޮކަށް ކަމުގައި ފަޅާއެރީއެވެ. ޒައިދު ވަގުތުން ބެންކޮކަށް ފުރައިގެން ގޮސް ރީޝާ ހުރި ހޮޓަލުން އެ ދެ މީހުންނާ ބައްދަލުކޮށްފައި މާލެ އައީ ރީޝާ ވަރިކޮށްފައި ކަމެވެ. މި ހުރިހާ ވާހަކައެއް ކިޔައިދިނީ ރީޝާމެންގޭ އުޅޭ އައިސްތުއާ ސުކޫލު ދޮށުން ދިމާވެގެން ވާހަކަ އަޅުވާލީމާ ކަމަށް ނަޝާ ބުންޏެވެ.

"ރީޝާގެ މަންމައަށް ކޮންމެވެސް އެއްޗެކޭ ބުނެވިގެން، ޒައިދު އެގެއަށް އައިސް ރީޝާ ބަހައްޓައިގެން ބަވާލީއޯ، ރީޝާ ވެސް ގަދަކޮށްލާފަ ބުނީއޯ މިހާރު ބޭނުމެއްނެތޭ ޒައިދުއާއެކީ އުޅޭކަށް، ވަރުނުކުރާނެތީ ވަރިކުރާވަރުކަމެއް ކޮށްލިއްޔޯ" ނަޝާ ބުންޏެވެ. ހޭޒަލް އިނީ ދެ ލޯ ބޮޑުވެ އަނގަހުޅުވުނު ގޮތަށް ބަސްހުއްޓިފައެވެ.

"ރީޝާ... އަހަރެން ހީކުރީ އަހަރެމެންގެ ތެރޭ ހުރި އެންމެ ވިސްނޭ މީހަކީ އޭނާކަމަށް، އަޅެދެން ކިހާ ހުތުރު... އަހަރެމެންނަށް ކަމުނުގޮސްގެން އޭނާގެ އުޅުމާމެދު އެއްޗެއް ބުނެދާނޭތީ ކަންނޭނގެ މަޑުމަޑުން އަހަރެމެންނާ ދުރުވީ.... އަހަރެން ހީކުރީ ޒައިދުގެ ކަމެއްވިއްޔޭ... ކުޑަކޮށް ވެސް ހިޔެއްނުކުރަން ރީޝް..." އަމިއްލަ ދިރިއުޅުން ނޫނަސް ރީޝާގެ ދިރިއުޅުމަށް އެވީގޮތުން ހޭޒަލްގެ ހިތަށް ތަދުވިއެވެ.

"ކިތަންމެހާ ވެސް ދެރަ... ހިލޭ ގުޅުންތައް އަރައިގަންނައިރު އެއީ ކިހާ ވަރެއްގެ ފާފައެއްކަން އެނގި ބިރުގަންނަނަމަ ނުކެރޭނެ އެހެން އުޅޭކަށް، ޚާއްޞަކޮށް ކައިވެންޏެއްގެ މަތީ ހުރެގެން، މީ މިހާރު އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ޖެހިފައިވާ ބަލިމަޑުކަމެއް، އިމާންތެރިކަން ކުޑަވީ ވަރަކަށް ފާފަތަކަށް އަރައިގަންނަލެއް ގިނަވާނެ" ނަޝާއަށް ވެސް ބޯހޫރާލެވުނީ ކުރާނޭކަމެއްނެތޭ ބުނާ ފަދައިންނެވެ.

"އަހަރެންގެ ދިރިއުޅުން އެފަދަ ހުތުރުގޮތަކަށް ނިމިގެން ހިނގައްޖެނަމަ އެދުވަހަކުން އަހަރެން މޮޔަވާނެކަން ޔަގީން" ހޭޒަލްއަށް މަޑުމަޑުން ބުނެވުނެވެ. އެ ޚިޔާލުން އެކަނިވެސް އޭނާގެ މޭގެ ތެރޭ ހިތް ފިތި ބާރުވެގެން ދިޔަ ކަހަލައެވެ.

"އެފަދަ ދުވަހެއް އިރާދަކުރެއްވިއްޔާ ޒެއްލުއަކަށް ނުދައްކަވާނެ، އެކަހަލަ އެއްޗެހި ހިތަށް ނާރުވާ" ނަޝާ ބުންޏެވެ.

"އަހަރެން މިހާރު ހިތަށް އަރަނީ ބޭބީއެއް ހޯދަންވިއޭ، އޭރުން ލިއަމް ވެސް ސީރިއަސް ވެދާނޭ، ބައްޕައަކަށްވީމަ އޭނާގެ އެ ހުންނަ ސަމާސާގޮތް ބަދަލުވެދާނެ" ހޭޒަލް ބުންޏެވެ.

"އާން! ތީ ވަރަށް ރަނގަޅު ޚިޔާލެއް، މިހާރު އަސްލު ޒެއްލުމެން ކުއްޖަކު ހޯދަންވެއްޖެ، އެކަން ވެސް ކުރަން ވަކި އުމުރެއް އޮވޭ، ތިހެން އުޅެނިކޮށް އުމުރު ދިޔައީމަ ދެން އޮންނާނީ ހީނުކުރާހާ ގިނަ ހުރަސްތަކާ ކުރިމަތިލާންޖެހިފަ، ޒެއްލުވީ ލިއަމްއާ ނިކަން ސީރިއަސްކޮށް ތި ވާހަކަދައްކަން، އޭނާ ޒެއްލުގެ ހުރިހާ ވާހަކައެއް އަޑުއަހާނެ" ނަޝާ ބުންޏެވެ.

"މިއުޅެނީ ލިއަމްއާއެކު ވީކަކަށް ރިސޯޓަކަށް ދާންވެގެން، އޭނާ ހަމަޖެއްސި ޓްރިޕެއް، ދެ މީހުން ވެސް އަސްލު މިތިބީ ވަރަށް ސްޓްރެސްވެފަ، ވާހަކަދައްކާލަން އެ ދަތުރު ރަނގަޅުވާނެ، އެކޮޅަށް ދެވުނީމަ ލިއަމް ވެސް ހުންނަނީ ރަނގަޅު މޫޑެއްގަ" ހޭޒަލް އޭނާގެ އެކުވެރިޔާއާ އުފާވެރި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. (ނުނިމޭ)