ހަބަރު

މީރާގެ ބޯޑަށް ރައީސް ހުށަހަޅުއްވާ ނަންފުޅުތައް މަޖިލީހަށް

Oct 20, 2019

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފި އެވެ.

ނަމަވެސް، މީރާގެ ބޯޑަށް އައްޔަނުކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެ އެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހަށެވެ. އެ މަގާމަށް ހުޅުވާލާފައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެވެ.

މީރާގެ ބޯޑު މެންބަރުކަމަށް އައްޔަނުކުރުމަށް ނަންތަކެއް މަޖިލީހަށް ފޮނުއްވާފައިވާއިރު، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ރައީސް ސޯލިހް ފޮނުއްވި ނަންފުޅުތަކަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލައިފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ މީރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ހަ ނަމެއް ރައީސް ފޮނުއްވި އެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި، އަސްމާ ޝަފީއުއާއި، އަހްމަދު ޝަރީފާއި، އިސްމާއީލް ސާޖިދާއި، އަހްމަދު ވާފިރުގެ އިތުރުން ހަމްދީ އަގީލް އެވެ.

މީރާގެ ގާނޫނަށް މިދިޔަ މަހު މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން، އެ ގާނޫނު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހެ އެވެ. މިދިޔަ ހޮނިހިރު ދުވަހަށް އެ މުއްދަތު ހަމަވިއިރު، މީރާ މިހާރު އޮތީ ގާނޫނީ ހުސް ކަމެއްގަ އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ. މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުން އެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިފަ އެވެ.