ޓެކްސް

ޓެކްސް ބިލަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މައުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށް ނުވާ އާމްދަނީ ބަލައިގަތުމާއި ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލުތައް ހިމަނާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި އެހެން ގައުމުތަކާއި ނުވަތަ ސަރަހައްދުތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް އައު އިސްލާހުތަކުގައި ދީފައިވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއެކު އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އަދި މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުގައި ޝާއިއު ކުރާނެ އެވެ.