ހަބަރު

މީރާގެ އިސް ދެ މަގަމާށް ފަތުހުﷲ އާއި އަސްމާ އައްޔަންކޮށްފި

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލު އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމީއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފަތުހުﷲ އަށާއި އަސްމާއަށް މަގާމުގެ ލިޔުން ދެއްވާފަައެވެ.

މީރާގެ އިސް ދެ މަގާމަށް ފަތުހުﷲ އާއި އަސްމާ އައްޔަންކުރެއްވިއިރު، އެ ދެ މަގާމަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހޯމަ ދުވަހު އެވެ. ފަތުހުﷲއަށް ރުހުން ދޭން 82 މެންބަރުންގެ ވޯޓުން ފާސްކުރިއިރު، އަސްމާއަށް ރުހުން ދިނީ 81 މެންބަރުންގެ ވޯޓުންނެވެ.

ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

އަސްމާ އަކީ ވެސް މީގެ ކުރިން މީރާގެ ބައެއް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެ ގޮތުން އޭނާ ވަނީ 1999 ވަނަ އަހަރުން ފެށިގެން މީރާގައި އޮޑިޓާއި އެކައުންޓިން އާ ގުޅޭ އެކި މަގާމުތައް ފުރައްވާފަ އެވެ. އޭނާ އެންމެ ފަހުން މީރާގައި އަދާ ކުރެއްވީ މީރާގެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމު ހުސްވީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެ އިސްލާހު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހެ އެވެ. އެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ހަމަވެ މިރާ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގެ އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ.