ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖާބިރު ފައިސާ ދައްކަވައިފިނަމަ ދައުލަތަށް ލުއިވާނެ: އުޝާމް

ޔޮޓް ޓްއާސްގެ ރިސޯޓްތަކުން ޓެކްހާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ދައުލަތަށް ވަރަށް ބޮޑު ލުޔަކަށް އެކަން ވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ކޮވިޑް-19 އާއ ގުޅިގެން ޓުއަރިޒަމަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސް ރިސޯޓުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާތީ ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ވަޒީފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވުމާއި ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދި ވަޑައިގަންނަވަނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކަނޑާ ނުލަން ކަމަށާއި އޭނާ ވެސް ތާއީދު ކުރައްވަނީ އެގޮތަށް ކަމަށެވެ. އަދި ވިދާޅުވީ މި ބަލާއާފަތުގެ ވަގުތުގައި އިތުރަށް މީހުން ހާލުގައި ޖެއްސުން އެއީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ރިސޯޓުތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުން އޭނާގެ ކުންފުނިތަކުގެ ވަޒީފާއަށް ދިއުނަށް އެދޭ ކަމަށާއި ހާލަތާއި ބައްދަލު މުސާރައެއް ވެސް ދޭނެ ކަމަށެވެ.

"ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކަށް ވަޑައިގަންނަވާ. ހާލުގައެއް ނުޖައްސާނަން." އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ އެ ވާހަކަތަކާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އޭޖީކަން ވެސް ކުރެއްވި އުޝާމް ވިދާޅުވީ އެއީ ހެޔޮ ނިޔަތެއްގައި ދެއްކެވި ވާހަކައެއް ނަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޔޮޓް ޓުއާސްގެ ރިސޯޓްތަކުން ޓެކްހާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ގާތްގަޑަކަށް 115 މިލިއަން ޑޮލަރު ދައްކައިފިނަމަ، މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ދައުލަތަށް ވަރަށްބޮޑު ލުޔަކަށް ވާނެ ކަމަށެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސްފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މީހުން މުސާރަ ނުލިބޭ ގޮތަށް، ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައި ވެއެވެ.