ތިމާވެށި

މި އަހަރު ނެގި ރުށްގަހަށްވުރެ އިންދި ރުށްގަސް ގިނަ: އީޕީއޭ

މި އަހަރުގެ މިހާތަނަށް ރަށްރަށުން ނެގި ރުކާއި ގަހަށް ވުރެ، އަލުން އިންދި ރުއްގަހުގެ އަދަދު ގިނަ ކަމަށް އީޕީއޭއިން މިއަދު ބުނެފި އެވެ.

އީޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރުއްގަސް ނަގަން ހުއްދަ ދޫކުރި 21 ރަށުން ނަގާފައި ވަނީ 2،706 ރުށްގަ ހެވެ. މި އަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8،602 ރުއްގަސް އިންދާފައި ވެއެވެ.

އަލުން ރުކާއި ގަސް އިންދާފައި ވަނީ ޅ. މަޑިވަރާއި ލ. ކުނަހަންދޫ އާއި ނ. މަނަދޫ އާއި ނ. މަގޫދޫ އާއި އަދި ރ. ވާދޫގަ އެވެ. މީގެ ކުރީ އަހަރުތަކުގައި ނަގާފައިވާ ރުކާއި ގަހުގެ ބަދަލުގައި ވެސް މި އަހަރުގެ މިހާތަނަށް އެ ރަށްރަށުގައި ރުށްގަސް އިންދާފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

ރުއްގަސް ނަގަން މި އަހަރު ހުއްދަ ދިން ރަށްރަށަކީ، ށ. ނަރުދޫ އާއި އއ. ތޮއްޑޫ އާއި ރ. ރަސްމާދޫ އާއި ރ. ވާދޫ އާއި އއ. މަތިވެރި އާއި ލ. ގަމާއި ރ. ރަސްގެތީމާއި ލ. ހިތާދޫ އާއި ހއ. މޮޅަދޫ އާއި ރ. އަނގޮޅިތީމާއި ލ. ކުނަހަންދޫ އާއު ހއ. ބާރަށާއި ނ. މަނަދޫ އާއު ނ. މަގޫދޫ އާއީ ފ. މަގޫދޫ އާއު ށ. ފޯކައިދޫ އާއި ށ. ގޮއިދުއާއި ނ. ޅޮއްސާއި މ. ވޭވަށާއި ތ. މަޑިފުއްޓާއި ގދ. ވާދޫ އެވެ.

ރަށްރަށުން ރުށްގަސް ނަގާ އުސޫލާ މެދު އާންމުންނާއި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އީޕީއޭއިން ގެންދަނީ ރަށްރަށުން ރުށްގަސް ނެގުމުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.